ކ. މާލެ
|
30 ނޮވެންބަރ 2017 | ބުރާސްފަތި 10:45
ސޫރަޖް ޕަލް އަމޫ
ސޫރަޖް ޕަލް އަމޫ
ގެޓީ އިމޭޖަސް
ފިލްމް ޕަދްމަވަތީ
ދީޕިކާއާއި ބަންސާލީގެ ބޯ ކަނޑާލި މީހަކަށް އަގުކީ ސޫރަޖު މަގާމުން އިސްތިއުފާ ދީފި
ދީޕިކާ އާއި ބަންސާލީގެ ސެކިއުރިޓީ ވަނީ އަދިވެސް ވަރުގަދަކޮށްފައި

ސަންޖޭ ލީލާ ބަންސާލީ އާއި ދީޕިކާ ޕަދުކޯންގެ ބޯ ކަނޑާލި މީހަކަށް 1.5 މިލިއަން ޑޮލަރު ހުށަހެޅި އިންޑިއާގެ ވެރިކަން ކުރާ ޕާޓީ ބީޖޭޕީގެ ނަދަން ހަރިޔާނާގެ ޗީފް މީޑިއާ ކޯޑިނޭޓަރ ސޫރަޖް ޕަލް އަމޫ  އިސްތިއުފާ ދީފިއެވެ.

އޭނާ އިސްތިއުފާ ދީފައިވަނީ ބީޖޭޕީން އޭނާ އަށް ނޯޓިސް ފޮނުވައި އޭނާގެ ވާހަކަތައް ކުށްވެރިކޮށް ވާހަކަދައްކާފައި ވަނިކޮށެވެ.

 މިކަމާއި ގުޅިގެން ސޫރަޖު ބުނެފައިވަނީ "ޕަދްމާވަތީ" އާ ގުޅިގެން އޭނާ ދެއްކި ވާހަކަތަކަކީ އޭނާ އެ ފިލްމާ މެދު ދެކޭގޮތް ކަމަށާއި އެއްވެސް ހާލެއްގައި އެއީ ޕާޓީގެ ފިކުރު ނޫން ކަމަށް ބުނެފަ އެވެ.

ދީޕިކާއާއި ބަންސާލީގެ ބޯ ކަނޑާލި މީހަކަށް އަގު ކިޔާފައިވާ މައްސަލަ މިހާރު ވަނީ  އިންޑިއާގެ ކޯޓަކަށް ހުށައަޅާފައެވެ.

 ބީޖޭޕީން  ވަނީ މީގެ ކުރިން ސޫރަޖަށް ނޯޓިސް ފޮނުވައި އޭނާގެ ވާހަކަތައް ކުށްވެރި ކޮށްފައެވެ.

އެ ޕާޓީގެ ނޭޝަނަލް ސެކްރެޓަރީ އަނިލް ޖެއިން ވަނީ ސޫރަޖުގެ އިންޒާރު ޕާޓީން އިން ކުށްވެރިކުރާ ކަމަށާއި އެފަދަ އަމަލެއް ކުރުމަށް އެ ޕާޓީން ހިތްވަރު ނުދޭނެ ކަމަށް ވެސް ބުނެފައެވެ.

"ޕަދްމަވަތީ" އާއި ދެކޮޅުހަދާ ގިނަ ބަޔަކު ބުނަނީ ފިލްމުގެ ބަތަލާ ޕަދްމާވަތީ އާއި އަލާއުއްދީން ޚިލްޖީގެ ހުވަފެނީ މަންޒަރެއް ހިމެނޭ ކަމަށާއި އެ ދެ މީހުން ބައްދަލުވާތަން ފިލްމުން ފެނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އެހެން ނަމަވެސް ޑައިރެކްޓަރ ބަންސާލީ ބުނެފައިވަނީ އެއީ ދޮގެއް ކަމަށާއި ފިލްމު ބެލުމުން އެކަން އެނގޭނެ ކަމަށެވެ.

ބެންގަލޫރުގެ ކަރްނަޓަކާގެ އެނާޖީ މިނިސްޓަރ އަދި އިންޑިއާގެ ނެޝަނަލް ކައުންސިލްގެ މެމްބަރ ޑީކޭ ޝިވާކުމާރު ވަނީ ދީޕިކާއަށް ދީފައިވާ މަރުގެ އިންޒާރުތައް ކުށްވެރި ކުރައްވާފައެވެ. އޭނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބީޖޭޕީގެ އިސް ފަރާތެއް ދީޕިކާ މަރާލުމަށް 10 ކުރޯޑް ރުޕީސް(1.5މިލިއަން ޑޮލަރު) ހުށަހެޅުމަކީ ނުހަނު ބޮޑަށް ކުށްވެރި ކުރައްވާ ކަމެއް ކަމަށެވެ. އަދި މިކަމަށް އަވަސް ހައްލެއް  ހޯދަންޖެހޭ ކަމަށް އޭނާގެ ޓްވީޓުގައި ވަނީ ފާހަގަ ކުރައްވާފައެވެ.

މީގެ ކުރިން ދީޕިކާ އިންޑިއާގެ ނޫހަކަށް ދީފައިވާ އިންޓަވިއުއެއްގައި ބުނެފައިވަނީ އޭނާ އަންހެނެއްގެ ހައިސިއްޔަތުންނާއި އިންޑިއާގެ ރައްޔިތެއްގެ ހައިސިއްޔަތުން ވަރަށް ދެރަވެ ރުޅިއައިސްފައިވާ ކަމަށެވެ. އަދި އެފިލްމާއި ބެހޭގޮތުން އެކިވާހަކަތައް ދައްކަމުން ދަނީ އެ ފިލްމުގައި ވަނީ ކީއްކަން ނޭގިތިބެ ކަމަށް ދީޕިކާ ވަނީ ބުނެފައެވެ. "ޕަދްމަވަތީ" އަކީ މުޅި އިންޑިއާ ފަޚުރުވެރިވާނެ ފިލްމެއް ކަމަށާއި މުޅި ދުނިޔެއަށް ޕަދްމަވަތީގެ ވާހަކަ އެނގެންޖެހޭނެ ކަމަށް ދީޕިކާ ވަނީ ބުނެފައެވެ.

މި ފިލްމު މިހާރު އޮތީ ސެންސަރުބޯޑުގައެވެ. ފިލްމު ކުރިން ރިލީޒްކުރަން އޮތީ ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހަށެވެ. އެހެން ނަމަވެސް ފިލްމު ރިލީޒްކުރާ ދުވަސް އެހެން  ދުވަހަކަށް ފަސްކޮށްފައިވަނީ ސެންސަރުބޯޑަށް ފިލްމު  ފާސްކުރުމަށް ފޮނުވުމުން އެ ބޯޑުން އެޕްލިކޭޝަން ފުރިހަމަ ނޫން ކަމަށް ބުނެ ފިލްމް އަނބުރާ ފޮނުވާލާފައި ވާތީ އަލުން އެޕްލިކޭޝަން ލުމަށް ފަހު ރިލީޒްކުރުން ލަސްވާނެތީ ކަމަށް އެ ފިލްމުގެ ބޯޑުން ވަނީ ބުނެފައެވެ.

މިހާރު އަޑުތައް ފެތުރިފައިވާ ގޮތުގައި "ޕަދްމަވަތީ" ޑިސެމްބަރު މަހުގެ 1 ގައި އިނގިރޭސި ވިލާތުގައި އަޅުވާނެއެވެ. އަދި އިނގިރޭސިވިލާތުން މި ފިލްމު ސެންސަރު ބޯޑުން ފާސްކޮށްފައިވާ ކަމަށްވެސް ނޫސްތަކުގައި ވަނީ ބުނެފައެވެ. އެހެން ނަމަވެސް ފިލްމު ޑިސެމްބަރު މަހުގެ 1 ގައި އިނގިރޭސި ވިލާތުގައި އަޅުވާނެކަމާއިމެދު ރަސްމީ ބަހެއް ވަނީ ލިބޭގޮތް ނުވެފައެވެ.

- ކޮމެންޓް