އުތުރު ކޮރެއާއިން އަނެއްކާވެސް މިސައިލް ޓެސްޓެއްކުރުމާއި ގުޅިގެން އެޤައުމާއި ދޭތެރޭ އިތުރު ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
ބުދަ ދުވަހު އުތުރު ކޮރެއާއިން ޓެސްޓް ކުރި މިސައިލަކީ މިހާތަނަށް އެޤައުމުން ޓެސްޓްކުރި އެންމެ ބާރުގަދަ މިސައިލެވެ. އިންޓަކޮންޓިނެންޓަލް މި ބެލެސްޓިކް މިސައިލަކީ އެމެރިކާގެ ވެރިރަށް ވޮޝިންޓަނަށް ފޯރާނެ މިސައިލެއް ކަމަށް އުތުރު ކޮރެއާއިން ބުނެއެވެ. އުތުރު ކޮރެއާގެ ޤައުމީ ޓީވީއިން ބުނާ ގޮތުގައި އެޤައުމުގެ ލީޑަރު ކިމް ޖޮން އުން ހުންނެވީ މިސައިލް ޓެސްޓާއި މެދު ވަރަށް ހިތްޕުޅު ހަމަޖެހިފައެވެ. މިމިސައިލް 4 ހާސް 500 ކިލޯމީޓަރ އުހަށް އެރި އިރު، މިސައިލްގެ ރާސްތާ 13 ހާސް ކިލޯމީޓަރަށް އަރާނެ ކަމަށް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އެހެން ކަމުން އުތުރު ކޮރެއާއިން ބޭނުން ވެއްޖެ ހިނދެއްގައި އެމެރިކާގެ ކޮންމެ ސިޓީއަކަށް ވެސް ހަމަލާ ދެވިދާނެއެވެ.
އުތުރު ކޮރެއާގެ 'އެއްކޮށް ނެތިކޮށްލާނެ'ކަމަށް ކުރިން ވިދާޅުވެފައިވާ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ބުދަ ދުވަހު ޗައިނާގެ ރައީސް ޝީ ޖިންގްޕިންގ އާއި ފޯނުން ގުޅުއްވައި ވާހަކަ ދައްކަވާފައެވެ. އަދި އުތުރު ކޮރެއާއިން މިސައިލް ޓެސްޓެއް ކުރުމުން އަނެއްކާވެސް ފިޔަވަޅު އަޅާނެކަމަށް ޓްރަމްޕް ވިދާޅުވިއެވެ.
ބުދަ ދުވަހު އުތުރު ކޮރެއާއިން ޓެސްޓްކުރި މިސައިލަކީ މިދިޔަ ސެޕްޓެމްބަރު މަހުގެ 15ވަނަ ދުވަހު ޖަޕާނުގެ ހޮކައިޑޯ ޖަޒީރާ މަތިން ފޮނުވާލި މިސައިލްގެ ފަހުން އުތުރު ކޮރެއާއިން ޓެސްޓްކުރި ފުރަތަމަ މިސައިލެވެ.
އުތުރު ކޮރެއާގެ ޤައުމީ ޓީވީއިން ބުނީ ހުވަސޮންގް-15 ނަމުން ނަންދީފައިވާ މި މިސައިލް 4،475 (ހަތަރު ހާސް ހަތަރު ސަތޭކަ ހަތް ދިހަ ފަހެއް) ކިލޯ މީޓަރު އުހަށް އެރިކަމަށާއި، 53 މިނެޓް ތެރޭ 950 ކިލޯމީޓަރު ދުރުމިނަށް ދަތުރުކުރި ކަމަށެވެ. އަދި މިސައިލް ވައްޓާލާފައި ވަނީ ކުރިން ކަނޑައަޅާފައިވާ ކަނޑުގެ ސަރަހައްދަކަށް ކަމަށެވެ.
އުތުރު ކޮރެއާއިން އެމިސައިލް އެމެރިކާއަށް ފޯރާނެ ކަމަށް ބުނި ނަމަވެސް ދިރާސާކުރާ ބައެއް ފަރާތްތަކުން ބުނާ ގޮތުގައި އެމިސައިލް އެމެރިކާގެ ހުޅަނގު ބިތުގެ ސްޓޭޓްތަކާއި ހަމަޔަށް ވެސް ނުފޯރާނެއެވެ. އަދި އެމެރިކާއާއި ޗައިނާގެ އިތުރުން އެހެން ޤައުމުތަކުން ކަންބޮޑުވާ ދަރަޖައަށް އުތުރު ކޮރެއާގެ މިސައިލް ޕްރޮގްރާމް ތަރައްޤީވެފައިނުވާކަމަށް އެފަރާތްތަކުން ބުނެއެވެ.
އުތުރު ކޮރެއާއިން މިސައިލް ޓެސްޓެއްކުރުމާއި ގުޅިގެން އުތުރު ކޮރެއާގެ އެންމެ ގާތް ޤައުމުގެ ގޮތުގައި އޮންނަ ޗައިނާއިންވެސް ވަނީ ނުރުހުން ފާޅުކޮށްފައެވެ. ފަހަކަށް އައިސް ޗައިނާއާއި އުތުރު ކޮރެއާގެ ގުޅުން ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. ޗައިނާގެ ޚާރިޖިއްޔާއިން ބުނީ ކޮރެއާ ސަރަހައްދުގެ މަސްރަހު އިތުރަށް ގޯސްވާނެ ހުރިހާ ކަމެއް ހުއްޓާލުމަށް އުތުރު ކޮރެއާއަށް ގޮވާލާކަމަށެވެ.