އިނގިރޭސި ވިލާތުގެ ކަނާތުފިޔައިގެ ގްރޫޕަކުން، ޓްވީޓްކުރި، ނަފްރަތު އުފެދޭފަދަ ވީޑިއޯ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ރީ ޓްވީޓް ކުރެއްވުމަކީ އެމަނިކުފާނު ގޯހުން ކުރައްވާފައިވާ ކަމެއްކަމަށް އިނގިރޭސި ބޮޑުވަޒީރުގެ އޮފީހުން ބުނެފިއެވެ.
ޑައުނިންގ ސްޓްރީޓުން މިހެން ބުނެފައިވަނީ އިނގިރޭސިވިލާތުގެ ކަނާތުފިޔައިގެ ގްރޫޕެއްކަމަށްވާ ބްރިޓިޝް ފަސްޓްގެ ނައިބު ލީޑަރު ޖޭޑާ ފްރާންސެން ކުރެއްވި ޓްވީޓެއް ރައީސް ޓްރަމްޕް ރީ ޓްވީޓް ކުރެއްވުމާ ގުޅިގެންނެވެ.
ޖޭޑާގެ ފުރަތަމަ ޓްވީޓްގައި، އަސާގަނޑު ހިފައިގެން ހުރި މީހަކަށް ހަމަލާދޭތަން ފެންނައިރު ޖޭޑާ ވިދާޅުވާ ގޮތުގައި އެހަމަލާ ދެނީ އިނގިރޭސިވިލާތަށް ހިޖުރަކޮށްގެން އުޅޭ މުސްލިމެކެވެ.
ބްރިޓަން ފަސްޓްއަކީ ކަނާތުފިޔައިގެ، ބްރިޓިޝް ނޭޝަނަލް ޕާޓީ(ބީއެންޕީގެ) ކުރީގެ މެމްބަރުން 2011 ވަނަ އަހަރު އުފައްދާފައިވާ ސިޔާސީ ޖަމާއަތެކެވެ.
މި ގްރޫޕުންވަނީ އިނގިރޭސިވިލާތުގައި އިސްލާމްދީން ފެތުރެމުންދާކަމަށް ބުނެ ސޯޝަލް މީޑިއާގައި ކުރަމުންދާ ޓްވީޓްތަކާއެކު ސަމާލުކަން ދަމައިގެންފައެވެ.
ޔޫރަޕަށް ރެފިއުޖީން އެތެރެވުމާ ދެކޮޅު އަދި އެބޯޝަން ހެއްދުމާ ދެކޮޅު ސިޔާސަތާއެކު އެ ޖަމާއަތުންވަނީ ޔޫރަޕްގެ އިންތިޚާބުތަކުގައި އެ ޖަމާއަތުގެ މެމްބަރުން ވާދަކުރުވާފައެވެ. ނަމަވެސް މިހާތަނަށް އަދި ގޮނޑިއެއް ކާމިޔާބު ވެފައެއް ނުވެއެވެ.
އެންމެ ފަހުން އެ ޖަމާއަތުން ވާދަކޮށްފައިވާ އިންތިޚާބަކީ ލަންޑަންގެ މޭޔަރަކު ހޮވުމަށް ބޭއްވި އިންތިޚާބު ކަމަށްވާއިރު އެ އިންތިޚާބުގައި އެ ޖަމާއަތުގެ ކެނޑިޑޭޓަށް ލިބިފައިވަނީ 1.2 އިންސައްތަ ވޯޓެވެ.
މި އަހަރުގެ މެއިމަހު ބޭއްވި އިންތިޚާބު ކާމިޔާބު ކުރައްވާފައިވަނީ ލޭބަރ ޕާޓީގެ ކެނޑިޑޭޓް ސިއްދީޤް ޚާންއެވެ.
ލަންޑަންގެ މޭޔަރަކަށް މުސްލިމު ބޭފުޅެއް ވަޑައިގެންފައިވާއިރު އޭނާ މި އިންތިޚާބު ކާމިޔާބު ކުރައްވާފައިވަނީ 56.8 އިންސައްތަ ވޯޓް ހޯއްދަވައިގެންނެވެ.
ރައީސް ޓްރަމްޕް ކުރެއްވި ޕޯސްޓަށް އިޝާރާތްކުރައްވައި އިނގިރޭސި ވިލާތުގެ ބޮޑުވަޒީރު ތެރީސާ މޭގެ ރަސްމީ ތަރުޖަމާނު ވިދާޅުވެފައިވަނީ "ރައީސަކު ކުރައްވަން އެއީ ގޯސް ކަމެއް" ކަމަށެވެ.