ކ. މާލެ
|
29 ނޮވެންބަރ 2017 | ބުދަ 11:48
މިފަހަރުގެ މިސް ވޯލްޑް މަނޫޝީ ޗައްލާ
މިފަހަރުގެ މިސް ވޯލްޑް މަނޫޝީ ޗައްލާ
އޭއެފްޕީ
މިސް ވޯލްޑް 2017
މިސްވޯލްޑް ފިލްމެއް ކުޅެން އެންމެ ފުރަތަމަ ބޭނުންވަނީ އާމިރު ޚާނާއި އެކީ
މަނޫޝީއަށް ފިލްމު ކުޅުމަށް އަދި ފުރުސަތެއް ނުލިބޭ
މިފަހަރުގެ މިސް ވޯލްޑުގައި ދުނިޔޭގެ 108 ގައުމުތަކުން ވަނީ ބައިވެރިވެފައި
މަނޫޝީ އަކީ މިސްވޯލްޑްގެ އެވޯޑް ލިބުނު އިންޑިއާގެ 6 ވަނަ އަންހެނާ

މިސްވޯލްޑަކަށް ނުވަތަ ދުނިޔޭގެ އެންމެ ރީތި އަންހެނަކަށް  ހޮވުނު އިންޑިއާގެ މަނޫޝީ ޗައްލާ ފިލްމު ކުޅެން އެންމެ ފުރަތަމަ ބޭނުން ވަނީ ބޮލީވުޑްގެ ތަރި އާމިރު ޚާން އާއި އެކީ ކަމަށް އޭނާ ބުނެފިއެވެ.

މިސްވޯލްޑްކަމުގެ ތާޖު ހިފައިގެން އެނބުރި އިންޑިއާއަށް ގޮސް ނޫސްތަކަށް ދީފައިވާ އިންޓަވިއުގައި މަނޫޝީ ޗައްލާ ބުނީ އޭނާ ފިލްމު ކުޅުމުގެ ވިސްނުމެއް އަދި ނުގެންގުޅޭ ކަމަށެވެ. އެހެން ނަމަވެސް އޭނާ ފިލްމެއް ކުޅޭނަމަ ކުޅެން ބޭނުންވަނީ އާމިރު ޚާން އާއި އެކީ ކަމަށް މަނޫޝީ ވަނީ ބުނެފައެވެ.

މަނޫޝީ ބުނީ އާމިރު ޚާނުގެ ފިލްމު ތަކަކީ ވަރަށް ތަފާތު ފިލްމުތަކެއް ކަމަށާއި އޭނާގެ ފިލްމުތަކުން އަބަދު ވެސް މުޖުތަމައަށް ތަފާތު ރަނގަޅު މެސެޖުތައް ދޭކަމަށެވެ. އެހެން ކަމުން އޭނާ އާމިރުޚާނާއި އެކު މަސައްކަތް ކުރުމަށް ޝައުގުވެރިވާ ކަމަށް މަނޫޝީ ބުންޏެވެ.

މަނޫޝީ ބުނީ އޭނާއަށް ބޮލީވުޑްގެ އަންހެން ތަރިންގެ ތެރެއިން އެންމެ ކަމުދަނީ ޕްރިޔަންކާ ޗޯޕްޅާ ކަމަށެވެ.

އެހެން ނަމަވެސް މަނޫޝީ ބުނެފައި ވަނީ އަދި މިހާތަނަށް އޭނާއަށް ފިލްމެއް ކުޅުމަށް ފުރުސަތު ލިބިފައި ނެތް ކަމަށެވެ. އަދި އިންޑިއާގެ ފިލްމީދާއިރާއާ ގުޅުމުގެ ވިސްނުމެއް ނެތް ކަމަށާއި އޭނާ ބޭނުންވަނީ ކިޔެވުމާއިގެން ކުރިއަށް ދިއުމަށް ކަމަށް މަނޫޝީ ބުންޏެވެ. އުމުރުން 21 އަހަރުގެ މަނޫޝީ ޗައްލާ ދަނީ މެޑިކަލް ދާއިރާއިން ތައުލީމު ހާސިލު ކުރަމުންނެވެމަނޫޝީގެ މައިންބަފައިންނަކީ ވެސް ޑޮކްޓަރުންނެވެ.

މިފަހަރުގެ މިސް ވޯލްޑުގައި ދުނިޔޭގެ 108 ގައުމުތަކުން ވަނީ ބައިވެރިވެފައެވެ. މިއީ 17 އަހަރު ފަހުން އިންޑިއާގެ މީހަކަށް މި އެވޯޑް ލިބުނު ފުރަތަމަ ފަހަރެވެ.

މަނޫޝީ ވެގެން ދިޔައީ މިސްވޯލްޑްގެ އެވޯޑް ލިބުނު އިންޑިއާގެ 6 ވަނަ އަންހެން މީހާއަށެވެ. އެންމެ ފަހުން އިންޑިއާގެ މީހަކަށް މިސް ވޯލްޑްކަން ލިބުނީ 2000 ވަނަ އަހަރު ޕްރިޔަންކާ ޗޮޕްރާއަށެވެ.

މިސްވޯލްޑަކަށް ހޮވުނު ރަސްމިއްޔާތުގައި މަނޫޝީއަށް ކުރި ސުވާލަކީ އޭނާ ދެކޭގޮތުގައި ދުނިޔޭގެ އެންމެ ބޮޑު މުސާރައެއް ދޭންޖެހޭނީ ކޮންބަޔަކަށްތޯއެވެ. ޖަވާބުގައި މަނޫޝީ ބުނީ އޭނާ ދެކޭގޮތުގައި އެންމެ ބޮޑު މުސާރައެއް ދޭންޖެހޭނީ މައިންނަށް ކަމަށެވެ.

މިސްވޯލްޑްގެ ފުރަތަމަ ރަނަރަޕް ގެންގޮސްފައި ވަނީ މެކްސިކޯގެ އެންޑްރިއާ އެވެ. އަދި ދެވަނަ ލިބުނީ އިނގިރޭސި ވިލާތުގެ ސްޓެފަނީ ހިލްއެވެ. މަނޫޝީ ވަނީ މިސް ވޯލްޑްގެ ހެޑް ޓު ހެޑް އަދި ބިއުޓީ ބައިވެސް ކާމިޔާބުކޮށްފަ އެވެ.

- ކޮމެންޓް