ކ. މާލެ
|
29 ނޮވެންބަރ 2017 | ބުދަ 09:06
އދ. އިން އިސްނަގައިގެން ސްވިޓްޒަލެންޑްގެ ޖެނީވާގައި ބާއްވާ ސީރިއާގެ ސުލްހައިގެ މަޝްވަރާތަކުގައި ބައިވެރިވާ ސީރިއާ ސަރުކާރުގެ އިސް މަންދޫބު ބައްޝާރު އަލް ޖައަފަރީ (ކ) ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ
އދ. އިން އިސްނަގައިގެން ސްވިޓްޒަލެންޑްގެ ޖެނީވާގައި ބާއްވާ ސީރިއާގެ ސުލްހައިގެ މަޝްވަރާތަކުގައި ބައިވެރިވާ ސީރިއާ ސަރުކާރުގެ އިސް މަންދޫބު ބައްޝާރު އަލް ޖައަފަރީ (ކ) ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ
ރޮއިޓަރސް
ސީރިއާގެ ސުލްޙައިގެ ވާހަކަތައް
ސުލްހައިގެ މަޝްވަރާތަކަށް ސީރިއާ ސަރުކާރުގެ ވަފްދު ބުދަ ދުވަހު ޖެނީވާ އަށް!
މަޝްވަރާތަކުގައި ބައިވެރިވާ ސަރުކާރުގެ ވަފްދު އަންގާރަ ދުވަހު ޖެނީވާ އަށް ދިއުމަށް އޮތީ ހަމަޖެހިފަ
ސަރުކާރުގެ ވަފްދު ފުރުން ފަސްކޮށްފައިވަނީ ރައީސް ބައްޝާރު އިސްތިއުފާ ދެއްވުމަށް އިދިކޮޅު ފަރާތްތަކުން ގޮވާލަމުންދާތީ
ސީރިއާގެ ގުޅިފައިވާ އިދިކޮޅު އިއްތިހާދުގެ ވަފްދު ހޯމަ ދުވަހު ވަނީ ޖެނީވާ އަށް ވަޑައިގަންނަވާފަ

އދ. އިން އިސްނަގައިގެން ބާއްވާ ސީރިއާގެ ސުލްހައިގެ މަޝްވަރާތަކުގައި ބައިވެރިވާ ސަރުކާރުގެ ވަފްދު، ސްވިޓްޒަލެންޑްގެ ޖެނީވާ އަށް ބުދަ ދުވަހުވަޑައިގަންނަވާނެ ކަމަށް ސީރިއާގެ ނޫސް އޭޖެންސީ ސާނާ އިން ބުނެފި އެވެ.

ސީރިއާގެ އިދިކޮޅު ފަރާތްތަކާއެކު މިހަފްތާގައި ބާއްވާ މިމަޝްވަރާތަކުގައި ބައިވެރިވާ ވަފްދު ޖެނީވާ އަށް ދިއުމަށް ކުރިން ހަމަޖެހިފައިއޮތީ އަންގާރަ ދުވަހު އެވެ.

މަޝްވަރާތަކުގައި ބައިވެރިވާ ސަރުކާރުގެ ވަފްދު ޖެނީވާ އަށް ދިއުން، އެއް ދުވަސް ފަސްކޮށްފައިވަނީ ސީރިއާގެ ރައީސް ބައްޝާރުލް އަސަދު އިސްތިއުފާ ދެއްވަންޖެހޭނެ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނާ ބުނުން ތަކުރާރު ކުރުމާއި ގުޅިގެންނެވެ.

ޖެނީވާގައި ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން އދ.ގެ ތަރުޖަމާނު އެލެސަންދްރާ ވެލޫޗީ، ވަނީ ޞުލްހައިގެ މަޝްވަރާތަކުގައި ސީރިއާ ސަރުކާރުގެ ވަފްދެއް ބައިވެރިވާނެ ކަމުގެ ޔަގީންކަން އދ. އިން ސީރިއާ އަށް ކަނޑައަޅުއްވާފަ ހުންނަވާ މަންދޫބު ސްޓެފަން ޑި މިސްތޫރާ އަށް ދީފައިވާކަން ހާމަކޮށްފައެވެ.

ސުލްހައިގެ މަޝްވަރާތަކުގައި ސީރިއާ ސަރުކާރުން ބައިވެރިވާނެކަމުގެ ޔަގީންކަން ދިން ފަރާތެއް ހާމަ ކުރުމަށް ވެލޫޗީ ވަނީ ދެކޮޅު ހައްދަވާފައެވެ.

ސުލްހައިގެ މަޝްވަރާތަކުގައި ބައިވެރިވާ ސީރިއާ ސަރުކާރުގެ ވަފްދުގެ އިސް ބޭފުޅަކަށް ހަމަޖައްސާފައިވަނީ ސީރިއާ އިން އދ. އަށް ކަނޑައަޅުއްވާފަ ހުންނަވާ މަންދޫބު ބައްޝާރު އަލް ޖައަފާރީ ކަމަށް ސީރިއާގެ ރަސްމީ ނޫހުން ރިޕޯޓް ކޮށްފައިވެއެވެ.

ދިމިޝްގުގެ ނޫހެއް ކަމަށްވާ އަލް-ވަތަން އިން މީގެ ކުރިން ވަނީ، ޖެނީވާގައި ބާއްވާ ސުލްހައިގެ މަޝްވަރާތަކުގެ އަށްވަނަ ބުރުގައި ބައިވެރިވާ ސީރިއާ ސަރުކާރުގެ ވަފްދު، ދިމިޝްޤުން ފުރާފައިނުވާ ކަމަށް ރިޕޯޓްކޮށްފައެވެ.

މިމަޝްވަރާތަކުގައި ބައިވެރިވާ ސީރިއާގެ ގުޅިފައިވާ އިދިކޮޅު އިއްދިޙާދުގެ ވަފްދު ވަނީ ހޯމަ ދުވަހު ޖެނީވާ އަށް ވަޑައިގަންނަވާފައެވެ. އަދި އިދިކޮޅު ފަރާތްތަކުން އދ.ގެ މަންދޫބު ސްޓެފަން ޑި މިސްތޫރާ އާ އަންގާރަ ދުވަހު ބައްދަލުކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

Advertisement

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް