ކ. މާލެ
|
29 ނޮވެންބަރ 2017 | ބުދަ 05:46
އުދުއްސާލި މިސައިލް ގާތްގަނޑަކަށް 1000 ކިލޯ މީޓަރަށް ނުވަތަ 620 މޭލަށް ދަތުރުކޮށްފައިވޭ
އުދުއްސާލި މިސައިލް ގާތްގަނޑަކަށް 1000 ކިލޯ މީޓަރަށް ނުވަތަ 620 މޭލަށް ދަތުރުކޮށްފައިވޭ
ސީ.އެން.އެން
ބެލިސްޓިކް މިސައިލް އުދުއްސާލު
އުތުރު ކޮރެއާ އިން އެގައުމުން މިހާތަނަށް އެންމެ ދުރަށް ފޮނުވައިލި ބެލިސްޓިކް މިސައިލް އުދުއްސާލައިފި
މިސައިލް ގޮސް ވެއްޓިފައިވަނީ ޖާޕާނުގެ ކަނޑުގެ ސަރަހައްދަށް
މިދިޔަ ސެޕްޓެމްބަރު މަހު ވެސް މިސައިލެއް އުދުއްސާލައިފައިވޭ
އެމެރިކާ އިން ކަންބޮޑުވުން ފާޅުކޮށްފައިވޭ

އުތުރު ކޮރެއާ އިން މިހާތަނަށް އެންމެ ދުރަށް ފޮނުވައިލި ބެލިސްޓިކް މިސައިލް އުދުއްސާލައިފި އެވެ.

އެމެރިކާގެ އަސްކަރިއްޔާގެ މައި މަރުކަޒު ޕެންޓެގަން އިން ހާމަކޮށްފައިވާ ގޮތުގައި މިފަހަރު އުތުރު ކޮރެއާއިން އުދުއްސާލި މިސައިލް ގާތްގަނޑަކަށް 1000 ކިލޯ މީޓަރަށް ނުވަތަ 620 މޭލަށް ދަތުރުކޮށްފައިވާ ކަމަށެވެ. މި މިސައިލް ގޮސް ވެއްޓިފައިވަނީ ޖާޕާނުގެ ކަނޑުގެ ސަރަހައްދަށެވެ.

އުތުުރު ކޮރެއާ އިން މީގެ ކުރިން ބެލިސްޓިކް މިސައިލެއް ފޮނުވާލައިފައި ވަނީ މިދިޔަ ސެޕްޓެމްބަރު މަހު އެވެ.

އެމެރިކާގެ ސެކްރެޓަރީ އޮފް ޑިފެންސް ޖޭމްސް މޭޓިސް ވަނީ އުތުުރު ކޮރެއާ އިން މި ފަހަރު ފޮނުވާލި މިސައިލް ކުރިން ފޮނުވާލާފައިވާ މިސައިލްތަކަށް ވުރެ ދުރަށް ދަތުރުކޮށްފައިވާކަން ފާހަގަކުރައްވާފައެވެ. މިއީ މުޅި ދުނިޔެއަށް އޮތް ބޮޑު ނުރައްކަލެއް ކަމަށް އެ ގައުމުން ބުނެ އެވެ.

ދެކުނު ކޮރެއާގެ ނިއުސް އޭޖެންސީތަކުން މައުލޫމާތު ދޭގޮތުގައި އުތުރު ކޮރެއާ އިން މިފަހަރު ފޮނުވާލި މިސައިލް ފޮނުވާލާފައިވަނީ އެގައުމުގެ ދެކުނު ޕިއޮންގަން ޕްރޮވިންސް އިން ކަމަށެވެ.

ޖަޕާނުގެ އޮފިޝަލުން ހާމަކުރާ ގޮތުގައި މި މިސައިލް ދަތުރުކޮށްފައިވަނީ 50 ވަރަކަށް މިނެޓަށް ކަމަށާއި މިފަަހަރުގެ މިސައިލް ޖަފާނުގެ ބިމުގެ ސަރަަހައްދު ހުރަސްކޮށްފައިނުވާ ކަމަށެެވެ. މީގެ ކުރިން އުތުރު ކޮރެއާ އިން އުދުއްސާލައިފައިވާ ބައެއް މިސައިލްތައް ޖަމާނުގެ ބިމުގެ ސަރަހައްދުގެ މަތިން ދަތުރުކޮށްފައިވެ އެވެ. އުތުުރު ކޮރެއާ އިން މިފަހަރު އުދުއްސާލި މިސައިލަކީ އެއް ބަރުން އަނެއްް ބައްރަށް ދަތުރުކުރުމުގެ ގާބިލްކަން ހުރި ނުވަތަ " އިންޓަރކޮންޓިނެންޓަލް ބެލިސްޓިކް މިސައިލް" އެވެ.

އުތުރު ކޮރެއާ އަކީ ދުނިޔޭގެ އެހެން ގައުމުތަކާ ގުޅުން ކުޑަ ގައުމެއް ކަމުގައިވާ އިރު އެގައުމުގެ ނިއުކްލިއަރ އަދި މިސައިލް ޕްރޮގްރާމުގެ މައްސަލައަކީ ދުނިޔޭގެ ގިނަ ގައުމުތަކުން ކަންބޮޑުވާ މައްސަލައެކެވެ.  ނަމަވެސް އަދި މިހާތަނަށް އެއްވެސް ހައްލެއް މިކަމަށް ހޯދިފައެއް ނުވެ އެވެ. އުތުރުކޮރެއާ އިން އަނެއްކާވެސް މިސައިލެއް އުދުއްސާލައިފައިވާ އިރު މިކަމުން އެނގިގެންދަނީ އެމެރިކާ އާއި ޗައިނާއިން ދައްކާ ވާހަކައާއި ޕްރެޝަރަށް އުތުރު ކޮރެއާ ފަސް ނުޖެހޭ ކަން ކަމަށް ދުނިޔޭގެ މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ހާމަކުރެ އެވެ.

އެމެރިކާގެ ރައީސް ޑޮލާންޑް ޓްރަމްޕް މީގެ ކުރިން ވިދާޅުވެފައިވަނީ އުތުރު ކޮރެއާ އިން ހުއްޓުމެއްނެތި ކުރިއަށްގެންދާ މިސައިލް ޓެސްޓު ކުރުމުގެ މަސައްކަތް ޓަރަމްޕްގެ ސަރުކާރުގައި ހައްލު ކުރާނެ ކަމަށެވެ. މިކަމާ ގުޅޭ ގޮތުން އދގެ ސެކިއުރީޓީ ކައުންސިލްގައި މަޝްވަރާ ކުރުމަށް ވެސް އެމެރިކާ އިން ވަނީ ގޮވާލައްވާފަ އެވެ.

 

 

- ކޮމެންޓް