ކ. މާލެ
|
28 ނޮވެންބަރ 2017 | އަންގާރަ 22:26
ހުކުރު މިސްކިތް
ހުކުރު މިސްކިތް
ހުކުރު މިސްކިތް: އިސްލާމީ ވަޙްދަތާއި، ދީނީ ތާރީޙް ހެކިދޭ ބިނާއެއް
މާލޭ ހުކުރު މިސްކިތުގެ ބޮޑުމިނަކީ 199 އަކަފޫޓް
ހުކުރު މިސްކިތް ވޯލްޑް ހެރިޓޭޖްގެ ވަގުތީ ލިސްޓްގައި
މިސްކިތުގައި ކަނޑާނަގައިފައިވާ ލިޔުން ހުންނަނީ އަރަބި ބަހުންނާއި ދިވެހި ބަހުން

މާލޭ ހުކުރު މިސްކިތަކީ ދިވެހީންގެ އިސްލާމީ ވަހުދަތު އަދި ޖީލުތަކަށް ދެމިގެން އައިސްފައިވާ ދީނީ ތާރީހަށް ހެކިދޭ އެހާމެ މުހިންމު އަދި ހާއްސަ ބިނާއެކެވެ. މިސްކިތުން ފެންނަ  ގަލުވަޑާމާއި ލިޔެ ލާފެންކޮށްފައިވާ ލަކުޑީގެ މަސައްކަތަކީ އެ މަސައްކަތުގައި ދިވެހިންނަން ލިބިފައިވާ ހުނަރާއި ކުޅަދާނަކަމަށް މިސާލު ދައްކުވައިދޭ ދިވެހި އާދަކާދައިގެ ފުރިހަމަ ނަމޫނާއެކެވެ. މިއީ ދެބަސް ވެވެން ނެތް ހަގީގަތަކެވެ. އެހެން ނަމަވެސް މިއަދު އަޑުއިވެނީ ހުކުރު މިސްކިތް ހުންނަ ސަރަހައްދުގައި ކެފޭއެއް އަޅަން އުޅޭ ވާހަކަތަކެވެ. އެކަމާއި ގިނަ ދިވެހިން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ހުކުރު މިސްކިތުގެ ތާރީހް އޮޅުން ފިލުވުމަށް ދިވެހިބަހާ ތާރީހަށް ހިދުމަތް ކުރާ ގައުމީ މަރުކަޒުގައި މަސައްކަތް ކުރައްވާފައިވާ މުހައްމަދު ތޯރިގު އާއި އެކު އާސާރީ މިސްކިތަށް ޒިޔާރާތްކޮށްލީމެވެ. ހުކުރު މިސްކިތުގެ ވާހަކަ ތޯރިގް ފެށީ އިސްކަންދަރު ރަސްގެފާނާއި ހަމައިންނެވެ.

1066 ހ. އައްސުލްތާން އިބްރާހިމް އިސްކަންދަރު 1 ގެ އަމުރުފުޅަށް މާލޭ ހުކުރު މިސްކިތް ބިނާކުރަން ފެށުނީ އޭރު ހުރި މިސްކިތް ޖާގައިގެ ގޮތުން ކުޑަވުމުގެ ސަބަބުން މީސްތަކުންނަށް ނަމާދުގެ އަޅުކަން އަދާކުރުމަށް ދަތިވުމުންނެވެ. އެގޮތުން އިހުގެ ހުކުރު މިސްކިތް ތަޅާލައި، ރާއްޖޭގެ އެކި ކަންކޮޅުތަކުން ހިރިގާ ނަގައިގެން ގެނެސް މިސްކިތް ބިނާކުރުމުގެ މަސައްކަތް ފެށުނެވެ. 15 ޖޫން 1656 މ. ގައި އައްސުލްތާން އިބްރާހިމް އިސްކަންދަރު 1 މިސްކިތުގެ ބިންގާ އަޅުއްވައި ދެއްވުމަށް ފަހު މިސްކިތް ބިނާކުރެވިފައި ވަނީ ވެސް ރަދުންގެ ބެއްލެވުމާއި އިރުޝާދުގެ ދަށުންނެވެ. ހުކުރު މިސްކިތް މިހާރު އެހުރީ ސަރަހައްދަކީ 1153 މ. ގައި ދިވެހިރާއްޖޭގެ ފުރަތަމަ ސުލްތާން މުހައްމަދު އިބްނި އަބްދުﷲ ރާއްޖެއަށް އިސްލާމްދީން ގެނެސްދިނުމަށް ފަހު އެޅި ބިނާ ހުރި ތަނުގައެވެ.

ރާއްޖެޓީވީއަށް މައުލޫމާތު ދެއްވަމުން ތޯރިގް ވިދާޅުވީ ހުކުރު މިސްކިތުގައި ފަސްދާނުވެޑުވިފައި ތިއްބެވި ބޭފުޅުންގެ ހަނދާންތަކާ، އެބޭފުޅުންގެ މަސައްކަތްޕުޅު އަންނަން އޮތްޖީލުތަކަށް ގެންގޮސްދިނުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އަދި ހުކުރު މިސްކިތާއި ޒިޔާރަތްތަކުގައި ކޮށްފައިވާ މަސައްކަތްތަކަކީ ތަފާތު މަސައްކަތްތަކެއް ކަން ފާހަގަ ކުރައްވަމުން ތޯރިގް ވިދާޅުވީ އެ މިސްކިތުގައި " ހިރިގަލުގައި ކަނޑައި ނަގައިގެން " ކުރަހާފައިވާ ކޮންމެ ކުރެހުމަކުން "ބޮޑު ފޮތެއް ލިޔެވޭވަރުގެ ވާހަކަތަކެއް" ހުންނާނެ ކަމަށެވެ.  

 

ތޯރިގު ރާއްޖެޓީވީއަށް މައުލޫމާތު ދެއްވަނީ

"ހަގީގަތުގައި މިތަނުން މި ފެންނަނީ ދިވެހިންގެ މަސައްކަތެރިކަން، ވަރަށް ތަފާތު މަސައްކަތް މި ތަނުން ފެންނަން އެބަހުރި، ހުކުރު މިސްކިތުގެ މަސައްކަތް، ޒިޔާރަތްތަކުގައި ކޮށްފައި ހުރި މަސައްކަތް، ހަމަ އޭގެ ފަހުން އަޅުގަނޑުމެންގެ ހަނދާނުގައި، އަޅުގަނޑުމެންގެ ރައީސް އިބްރާހިމް ނާސިރު ފަސްދާނުވަޑުވާފައި، އެތަނުގައި ކޮށްފައި ހުރި މަސައްކަތް، މިއީ ވަރަށް ތަފާތު މަސައްކަތްތަކެއް، އެހެންނަމަވެސް އަޅުގަނޑުމެންނަށް މިއަދު ބަލާލާއިރު ވަރަށް ބައިވަރު މަސައްކަތް ކުރާ ޓޫލްސްތަކާއި އެއްޗެހި އެބަހުރި، މަސައްކަތް ވަރަށް މޮޅު މީހުން ވެސް އެބަތިބި، އެހެން ނަމަވެސް މި ދެ މަސައްކަތް އެއްތާކުން ފެންނަން ހުރި އިރު، މިތަނަން ވަޑައިގެން ބައްލަވާލައްވާ ކޮންމެ ބޭފުޅަކަށް ވެސް ފެނިވަޑައިގަންނަވާނެ ހުރި ތަފާތު، ހުކުރު މިސްކިތާއި މިތާހުރި ޒިޔާރަތްތަކުގައި ކާބަފައިން ކުރައްވާފައި ހުރި މަސައްކަތް، އޭރު މަސައްކަތް ކުރާނީ ކޮންކަހަމަ އެއްޗެއްސެއް ބޭނުންކޮށްގެންކަން އަޅުގަނޑުމެންނަން ހިތަށް ގެނެވޭ މިހާރު ވެސް،. އެހެން ނަމަވެސް އެ މަސައްކަތުގެ ރީތިކަން ފަށުވިކަން، އެންމެ ފަހުން މިހާރު ފެންނަން ހުރި މަސައްކަތްތަކުން ފެނިގެނެން ނުދޭ" ތޯރިގް ވިދާޅުވިއެވެ.

ތޯރިގު ރާއްޖެޓީވީއަށް މައުލޫމާތު ދެއްވަނީ

މާލޭ ހުކުރު މިސްކިތުގެ ބޮޑުމިނަކީ 199 އަކަފޫޓެވެ. މިސްކިތުގެ ޖާގަ ބެހިފައިވަނީ މައިގަނޑު ތިންބަޔަކަށެވެ. އެއީ މިހުރާބްގެ މެދު މިސްކިތް އަދި ފަހު މިސްކިތެވެ. މިސްކިތުގެ އިރު، އުތުރު އަދި ދެކުނު ފަރާތުން މިސްކިތަށް ވަންނަން އުސްކުރެވިފައިވާ ދާލަހުރެއެވެ. މިހުރާބުގޭގެ ދެ ފަރާތުގައި ދެ ކޮޓަރި ހުރެއެވެ. މިތަނުން އުތުރުގައި ހުންނަ ކޮޓަރި ވަނީ  ރަދުންނަން ހާއްސަކުރެވިފައެވެ. ދެކުނު ކޮޓަރިއަކީ ރަދުން ޙާއްސަ ލަގަބެއް ދެއްވާފައިވާ ހަނގުބޭކަލުންނަށް ތައްޔާރުކުރެވިފައިވާ ތަނެކެވެ. މިސްކިތުގައި ކަނޑާފައިވާ ލިޔުން ހުންނަނީ އަރަބި ބަހުންނާއި ދިވެހި ބަހުންނެވެ.  މި ކެނޑުންތަކުގައި ދިވެހި ލިޔުން ހުންނަނީ އިހުގެ ދިވެސް އަކުރުންނެވެ. އަދި އަރަބިން ލިޔެފައި ވަނީ ކީރިތި ޤުރުއާންގެ އާޔަތްތަކާއި ރަސޫލާގެ ބައެއް ހަދީތްފުޅު އަދި މިސްކިތް ބިނާކުރެވުނު ގޮތުގެ ތާރީހީ މައުލޫމާތެވެ. ދިވެސް އަކުރުން ލިޔެފައި ވަނީ މިސްކިތުގެ އިމާމުން އަދި އެހެނިހެން މަޤާމުތައް އަދާކުރާ މީހުންގެ މަސްއޫލިއްޔަތެވެ.

 

ހުކުރު މިސްކިތް 

"ދުނިޔޭގެ ތާރީހީ އިލްމުވެރިން ނުވަތަ މިކަންކަމާއި ގުޅިގެން ފޮތް ލިޔުންވާ އިލްމުވެރިން އަޅުގަނޑުމެންނަން ދީފައި ހުރި މައުލޫމާތުގެ އަލީގައި އެއްޗެއް ދަންނަވާނަމަ ހުކުރު މިސްކިތުގައި ނުވަތަ މިކަހަލަ މަސައްކަތް ކޮށްފައި ހުރި މިސްކިތްތަކުގައި ހުރި ކުރެހުންތައް ހިރިގަލުގައި ކަނޑާ ނަގައިގެން ކުރަހާފައި ހުރި ކުރެހުންތައް، ވަކިން ހާއްސަކޮށް އެންމެ ކުރެހުމަކުން ފޮތެއް ލިޔެވޭވަރުގެ ވާހަކަތަކަކޭ އެންމެ ކުރެހުމަކުން ވެސް މި ބުނެދެނީ، އެދުވަސްވަރުގެ މީހުންގެ މަސައްކަތެރިކަމާއި، އެމީހުންގެ ވިސްނުން ހުރި ގޮތާއި، މި ހުރިހާކަމެއް އެމީހުންގެ އިލްމުވެރިކަމާއި މިކަންކަމުގެ ފަންނުވެރިކަން" ތޯރިގް ވިދާޅުވިއެވެ.

ހުކުރު މިސްކިތުގައި ހުރި ބައެއް މުހިންމު ޒިޔާރަތްތައް

  • އިސްކަންދަރު ރަސްގެފާނު ޒިޔާރަތް
  • ދެއްވަދޫ ރަސްގެފާނު ޒިޔާރަތް
  • ދިޔަމިގިލި ރަދުން ޒިޔާރަތް
  • އިބްރާހިމް ރަސްގެފާނު ޒިޔާރަތް
  • ކަނބާ އައިޝާ ޒިޔާރަތް
  • ކަނބާ ޒިޔާރަތް
  • ކުޑަ މުހައްމަދު ރަސްގެފާނު ޒިޔާރަތް
  • އުތުރު ވަޅު
  • އިރުމަތީ ވަޅު
  • ރައީސް ނާސިރުގެ މަގުބަރާ
  • ދެނކުނު ވަޅު

މުންނާރާއި، ދެކުނު ދޮރުއަށި

1078ހ. ގައި ޙައްޖުގެ އަޅުކަން ނިންމަވާލެއްވުމަށް ފަހު  އެބުރިވަޑައިގެން އައްސުލްތާން އިބްރާހިމް އިސްކަންދަރު 1 ހުކުރު މިސްކިތުގެ މުންނާރު އަދި ދެކުނު ދޮރާށި ބިނާކުރުމަށް އަމުރު ކުރެއްވިއެވެ. މުންނާރު ބިނާކޮށް ނިމިފައިވަނީ 1677 މ.ގައެވެ. މުންނާރުގެ މަސައްކަތް ނިންމެވުމަށް ފަހު ކޮންމެ ދުވަހެއްގެ ނަމާދުގެ ވަގުތުތަކުގައި މިސްކިތުގެ މުދިމު މުންނާރުގެ ހަރުފަތްތަކުން އަރާ ބަންގި ގޮވައެވެ.

ހުކުރު މިސްކިތް 

ހުކުރު މިސްކިތް ވޯލްޑް ހެރިޓޭޖްގެ ވަގުތީ ލިސްޓްގައި

ހުކުރު މިސްކިތް ދުނިޔޭގެ ތަރިކައިގެ ލިސްޓް ނުވަތަ ވޯލްޑް ހެރިޓޭޖް ލިސްޓްގައި ހިމެނުމަށްޓަކައި ވަނީ މަސައްކަތްތަކެއް ކޮށްފައެވެ. އެ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން އެ މިސްކިތް މިހާރު ވަނީ ވޯލްޑް ހެރިޓޭޖްގެ ވަގުތީ ލިސްޓުގައި ހިމެނިފައެވެ.

" އޭރު ވެސް ދިމާވި އެންމެ ބޮޑު އެއް މައްސަލައަކީ، ހުކުރު މިސްކިތް ސަރަހައްދުގައި ހުރި އިމާރާތްތައް، ބޮޑެތި އިމާރާތްތައް އެ ސަރަހައްދުގައި ހުރުމަކީ ބަލައިގަނެވޭ ކަމެއް ކަމަކަށް ނުވޭ ޔުނެސްކޯއަށް، ޔުނެސްކޯއިން އަބަދުވެސް ބުނަމުން އައީ މި ސަރަހައްދު އަމާންތަކަށް ހަދާ ދޭށޭ، އެއްޗެހި ދުއްވުން ވެސް ހުއްޓުވަން، މި ދެންނެވީ ވަށައިގެން މި ހުރި މަގުތަކަކީ ވެސް އެއްޗެހި ނުދުއްވާ މަގުތަކަށްވުން، ހަގީގަތުގައި ވޯލްޑް ހެރިޓޭޖް ލިސްޓުގައި ހިމެނުމަށް، އެންމެ މަގުފަހިވާ ކަމަކީ، އެމަގަށް ގެންދިއުމަށް އެބޭފުޅުން ލަފާދެއްވަމުން ގެންދެވީ، އެހެންނަމަވެސް މިތާގައި ކަންތައްތައް ހުރި ގޮތަށް ބަލާފައި މިހާރު ވޯލްޑް ހެރިޓޭޖް ލިސްޓުގެ ވަގުތީ ލިސްޓުގައި ހިމެނިފައި އެ އޮތީ" ތޯރިގް ވިދާޅުވިއެވެ.

އެ މިސްކިތުގެ ގޯތިތެރޭގައި އިތުރު އިމާރާތެއް ގާއިމްކޮށްފިނަމަ ވޯލްޑް ހެރިޓޭޖް ލިސްޓުގައި ބޭއްވުމަށް ކުރަމުން އައި ހުރިހާ މަސައްކަތް ފެއިލްވެގެންދާނެ ކަމަށް ތޯރިގް ވިދާޅުވިއެވެ.

ރާއްޖޭގެ ތަރިކައިގެ ލިސްޓްގައި ހުރި ތަންތަން ނެތި ދިޔުމަކީ އެކަމާމެދު ދިވެހިން އިންތިހާއަށް ކަންބޮޑުވާނެ ކަމެކެވެ. އެބައެއްގެ ތާރީހާއި އެގައުމެއްގެ ތަރިކަ ހިމާޔަތް ކުރުމުގެ މަސްއޫލިއްޔަތަކީ ވަކިމީހަކުގެ ކޮނޑުގައި އެޅިފައި އޮތް މަސްއޫލިއްޔަތެއް ނޫނެވެ. އިއްޔެ އަޅުގަނޑުމެންނަށް ފެނުނު މަންޒަރާ މިއަދު ފެންނަ މަންޒަރާ ކުލަތައް ތަފާތުވެދާނެއެވެ. އެހެން ނަމަވެސް ދިވެހިންގެ ތަރިކައިގެ ގޮތުގައި ލިސްޓްކުރެވިފައިވާ ތަންތަނާއި ތަކެތީގެ ލިސްޓް އިރުއިރުކޮޅުން ބަދަލު ކުރުމަށް ރުހެވޭކަށް ނެތެވެ.
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް