ކ. މާލެ
|
28 ނޮވެންބަރ 2017 | އަންގާރަ 20:59
މަގާމުގެ ހުވާ ކުރެއްވި އުހުރު ކެންޔައްޓާ
މަގާމުގެ ހުވާ ކުރެއްވި އުހުރު ކެންޔައްޓާ
ގޫގުލް
ކެންޔާ
ކެންޔާގެ މިހާރުގެ ރައީސް އާ ދައުރުގެ ހުވާ ކުރައްވައިފި
ކެންޔައްޓާ ވަނީ އަލުން ކެންޔާގައި ބޭއްވުނު އިންތިޚާބު ކާމިޔާބު ކުރައްވާފައި
ކެންޔާގައި ވެރިކަން ކުރެވޭނީ ފަސް އަހަރުގެ ދެ ދައުރަށް

ކެންޔާގައި އަލުން ބޭއްވި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި މިހާރުގެ ރައީސް އުހުރު ކެންޔައްޓާ ރައީސްކަމުގެ ހުވާ ކުރައްވައިފިއެވެ.

އަންގާރަ ދުވަހު ކެންޔާގެ ވެރިރަށް ނައިރޯބީގެ ސްޓޭޑިއަމެއްގައި ބޭއްވި ހުވާ ކުރުމުގެ ރަސްމިއްޔާތުގައި ގައުމުތަކުގެ ވެރިން ބައިވެރިވެވަޑައިގެންނެވިއިރު ގިނަ އަދަދެއްގެ އާންމުން ވެސް ބައިވެރިވިއެވެ.

ހަލަބޮލިވެފައިވާ ކެންޔާގައި ރިޔާސީ އިންތިޚާބު އަލުން ބާއްވަން ޖެހި، އޮކްޓޯބަރު މަހު ބޭއްވި އެ އިންތިޚާބު ކާމިޔާބު ކުރެއްވީ މިހާރުގެ ރައީސް އުހުރު ކެންޔައްޓާ އެވެ. ކެންޔާގައި ސިޔާސީ ހަލަބޮލިކަމާ ހެދި ހިނގި ހަމަނުޖެހުންތަކުގައި ވޭތުވެދިޔަ ތިން މަހެއްހާ ދުވަހުގެތެރޭގައި 50 އަށް ވުރެ ގިނަ މީހުން މަރުވެފައި ވެއެވެ. އަންގާރަ ދުވަހު ބޭއްވި، ރައީސް ކެންޔައްޓާ އާ ދައުރުގެ ހުވާ ކުރުމުގެ ރަސްމިއްޔާތު ކުރިއަށް ދިޔައިރު އިދިކޮޅު ފަރާތްތަކުން ވަނީ ވޭތުވެ ދިޔަ މަސްތަކުގައި ހިނގި ސިޔާސީ ހަލަބޮލިކަމާ ހެދި މަރުވި މީހުންގެ ހަދާނުގައި ރެލީއެއް ބާއްވަން މަސައްކަތް ކޮށްފައެވެ. އެހެން ނަމަވެސް ފުލުހުން ވަނީ އެކަން ހުއްޓުވާފައެވެ.

ކެންޔާގައި އޯގަސްޓް މަހު ބޭއްވި ރިޔާސީ އިންތިޚާބު އެގައުމުގެ ސުޕްރީމް ކޯޓުން ބާތިލު ކޮށްފައިވާއިރު އެ ނިންމުން ސުޕްރީމް ކޯޓުން ނިންމީ އިންތިޚާބުގައި ނަހަމަ ކަންކަން ހިނގާފައި ވާތީ ކަމަށް ބުނެއެވެ. ސުޕްރީމް ކޯޓުން ބާތިލް ކުރި އިންތިޚާބުގެ ނަތީޖާ ދައްކާ ގޮތުން، އިންތިޚާބު ކާމިޔާބު ކުރެއްވީ ވެސް އެގައުމުގެ ވެރިކަމުގައި ހުންނެވި ކެންޔައްޓާ އެވެ.

ކެންޔާގެ އިދިކޮޅު ކެންޑިޑޭޓް ރައިލާ އޮޑިންގާ ވަނީ އަލުން ބޭއްވި އިންތިޚާބުގައި އިޖުރާއި މައްސަލަތައް އުޅޭ ކަމަށް ވިދާޅުވެފައެވެ. އަދި އެ އިންތިޚާބުގެ ކުރިން ރިޔާސީ ރޭހުން ވަކިވެވަޑައިގެންފައެވެ.

އަލުން ބޭއްވި ރިޔާސީ އިންތިޚާބު މިހާރުގެ ރައީސް ކެންޔައްޓާ ކާމިޔާބު ކުރައްވާފައި ވަނީ 98 އިންސައްތަ ވޯޓު ހޯއްދަވައިގެންނެވެ. އޮކްޓޯބަރު މަހު ބޭއްވި އިންތިޚާބާ ގުޅިގެން އިދިކޮޅު ކެންޑިޑޭޓް އޮޑިންގާ ވިދާޅުވެފައި ވަނީ ކެންޔާ އަށް "ޑިމޮކްރަސީ ގެންނަން" މަސައްކަތް ފަށައިފި ކަމަށާއި އަލުން ބޭއްވި އިންތިޚާބަކީ ވަގުތު ބޭކާރު ކުރަން ކުރި ކަމެއް ކަމަށެވެ.

Advertisement

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް