އަންނަ މަހުގެ 7 އަދި 8 ވަނަ ދުވަހު "ރަން ޒަމާން"ގެ ނަމުގައި ބާއްވާ "އޯލްޑް އިޒް ގޯލްޑް" ސީރީޒްގެ ދެވަނަ ޝޯގެ އިތުރު ޕާޓްނަރުންނާއިއެކު ސޮއިކޮށްފިއެވެ.
މިފަހަރުގެ ޕާޓްނަރުންގެ ގޮތުގައި ސޮއި ކޮށްފައިވާ ޕާޓްނަރުންނަކީ ވަރޑްރޮބް ސްޕޮންސަރ ގޯޖަސް ޓެއިލާސް، ޕްރިންޓް ޕާޓްނަރ އެމްސެވަން ޕްރިންޓް އަދި އޮފިޝަލް ފޮޓޯގްރާފަރ ރިޝްވާން ފޮޓޯގްރަފީއެވެ. މި ރަސްމިއްޔާތުގައި "އޯލްޑް އިޒް ގޯލްޑް"ގެ ސެލޫން ޕާޓްނަރ ލުބްނާ ޒާހިރު ވަނީ މި ބޭންޑުގެ ހުރިހާ ލަވަކިޔުންތެރިންނަށް އެ ސެލޫންގެ ޚިދުމަތް ލިބިގަތުމަށް ޑިސްކައުންޓް ކާޑެއް ހަދިޔާ ކޮށްފައެވެ.
މީގެ އިތުރުން "އޯލްޑް އިޒް ގޯލްޑް" ގެ މެއިން ސްޕޮންސަރުގެ ގޮތުގައި ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އާއި އެކު ވަނީ ސޮއި ކޮށްފައެވެ. މި ރަސްމިއްޔާތުގައި އެސްބީއައިއިން ހަދިޔާކުރި ޗެކް ހަވާލުކޮށްދެއްވީ އިންޑިއަން ކަލްޗަރަލް ސެންޓަރ (އައިސީސީ)ގެ ޑިރެކްޓަރ ޖެނެރަލް މުހައްމަދު ޚާލިދުއެވެ. މި ޗެކާއި ހަވާލުވެލެއްވީ ފްރެންޑްޝިޕް އެސޯސިއޭޝަން އޮފް އިންޑިއާ-މޯލްޑިވްސް (ފެއިމް)ގެ ރައީސް އަހުމަދު އަމްޖަދެވެ.
ފެއިމްއިން އިންތިޒާމުކޮށްގެން ބާއްވާ މިޝޯގައި ކުރީގެ 23 ފަންނާނަކު ބައިވެރިވާނެއެވެ.މި ޝޯގެ އެހެނިހެން ޕާޓްނަރުންނާއި އެކު ސޮއިކޮށްފައި ވަނީ މިމަހުގެ 8 ވަނަ ދުވަހުގައެވެ.
މި ޝޯގެ ޓީވީ ޕާޓްނަރަކީ ރާއްޖެޓީވީއެވެ. މިފަހަރުގެ ޝޯގެ ސައުންޑް އެންޑް ލައިޓް ޕާޓްނަރަކީ އިވެންޓް މޯލްޑިވްސްއެވެ. ރެސްޓޯރެންޓް ޕާޓްނަރަކީ ޓީ އެންޑް ކޮފީ ވިލެޖްއެވެ. ސެލޫން ޕާޓްނަރަކީ ސްކިން ކެންޑީއެވެ. އޮންލައިން ޕާޓްނަރަކީ އަވަސްއެވެ.
މިފަހަރުގެ ޝޯއިން ލިބޭ ފައިސާ ހަދިޔާކުރުމަށް ނިންމާފައިވަނީ ކެންސަރ ސޮސައިޓީއަށާއި "އޯލްޑް އިޒް ގޯލްޑް" ގެ ފަންޑް ރައިޒިންއަށެވެ.
ފެއިމްއިން އިސްނަގައިގެން އިންޑިއަން ކަލްޗަރަލް ސެންޓަރުގެ އެހީތެރިކަމާއެކު ބާއްވާ "ރަން ޒަމާން" ޝޯގެ ޓިކެޓް ވައްކަން ފަށާފައިވާއިރު ޓިކެޓަށް ބުކިން ހެދުމަށް ހޮޓްލައިނެއް ވަނީ ހަމަޖައްސާފައެވެ. އެގޮތުން ހޮޓްލައިން ނަންބަރު 7993246 އަށް ގުޅާލުމުން ނުވަތަ މެސެޖް ކޮށްލުމުން ޑެލިވާ ކޮށްދޭނެއެވެ. އަދި www.shopping maldives.com އަށް މެސެޖްކޮށްދިނުމުން ވެސް ޑެލިވާ ކޮށްދޭނެއެވެ.
ކުރިން އޮލިންޕިއަންސްއިން ފެނިގެން ދިޔަ ބައެއް ފަންނާނުންނާއެކު "އޯލްޑް އިޒް ގޯލްޑް"ގެ ފުރަތަމަ ޝޯ ބާއްވާފައި ވަނީ މި އަހަރުގެ ސެޕްޓެމްބަރު 22 ގައެވެ.