ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަންކަމަށް ނުފޫޒު ފޯރުވުމުގެ ދައުވާ، ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒުގެ މައްޗަށް އުފުލައިފިއެވެ.
ޕޮރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ އޮފިޝަލަކު ބައެއް މީޑިއާތަކަށް ވިދާޅުވެފައިވަނީ ކުރީގެ ޕޮލިސް ކޮމިޝަނަރ ޢަބްދުﷲ ރިޔާޒުގެ މައްޗަށް އެ ދައުވާ އުފުލާފައި ވަނީ ގާނޫނުލް އުގޫބާތުގެ 511 ވަނަ މާއްދާގެ (ހ) ގެ ދެވަނަ ނަމްބަރާ ހަވާލާދީ އެ މާއްދާގެ (ށ) ގެ ދެވަނަ ނަމްބަރުގެ ދަށުން ކަމަށެވެ.
އަދި އެ މައްސަލަ ކްރިމިނަލް ކޯޓަށް ފޮނުވީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށް ވެސް އޮފިޝަލް ވިދާޅުވެފައިވެއެވެ.
ރާއްޖެ އެމްވީއަށް ވެސް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ދައުވާ ރިޔާޒުގެ މައްޗަށް އުފުލީ މިދިޔަ މާޗް މަހުގެ 27 ވަނަ ދުވަހުގެ ރޭ މާވެގޮމަގުން އޭނާ ހައްޔަރުކޮށް، ފޯނު ހިފަހައްޓައި ޗެކްކުރުމުން އެއިން ދައުލަތުގެ މުވައްޒަފަކާ ރިޔާޒާ ދެމެދު ދެކެވިފައިވާ ވާހަކަތަކެއްގެ ޗެޓްލޮގް ފެނިފައިވާ ކަމަށް ތުހުމަތު ކުރެވޭތީއެވެ. ނަމަވެސް ޕީޖީ އޮފީހުގެ އޮފިޝަލް އެދައުވާއާ ގުޅޭ އިތުރު ތަފްސީލެއް ހާމައެއް ނުކުރައްވައެވެ.
ގާނޫނުލް އުގޫބާތުގެ 511 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައި ވަނީ ގާނޫނުގައި މަނާކޮށްފައިވާ ގޮތެއްގެމަތިން ސީދާ ނުވަތަ ނުސީދާ ގޮތެއްގައިނަމަވެސް ދައުލަތުގެ މުވައްޒަފަކާ އެކު މުވާސަލާތެއް ހިންގުމަކީ ކުށެއް ކަމަށެވެ.
އެ ދައުވާ ސާބިތުވެއްޖެނަމަ ރިޔާޒަށް ކަނޑައެޅޭ އަދަބުގެ އަސާސީ މިންގަނޑަކީ ނުވަ މަހާއި 18 ދުވަހުގެ ޖަލު ހުކުމެކެވެ.
ރިޔާޒަކީ ސަރުކާރާ ގުޅޭގޮތުން އެތެރޭގެ ގިނަ މައުލޫމާތު ތަކެއް އެނގޭތީ ކަމަށް ބުނެ ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ތަހުގީގެއްވެސް ހިންގާފައިވާ ބޭފުޅެކެވެ. އަދި ފުލުހުންގެ ސަފުތައް ފަޅާލައި ރައްޔިތުންގެ މަޖިލީހަށް ވެންނެވި ކަމަށް ބުނެ އެކަމުގެ ދައުވާވެސް ރިޔާޒްގެ މައްޗަށް ވަނީ އުފުލާފައެވެ. އެދައުވާގެ އަޑުއެހުމެއް މާދަމާއަށް ވަނީ ތާވަލް ކޮށްފައެވެ.