ސްޕެނިޝް ލަލީގާގެ ކްލަބެއް ކަމަށްވާ ސެވިއްޔާގެ ކޯޗު އެޑުއާޑޯ ބެރީޒޯ ކެންސަރަށް ފަރުވާ ހޯދުމަށް ސާޖަރީއެއް ހަދަން ނިންމާފައިވާ ކަމަށް އެ ކްލަބުން ބުނެފިއެވެ.
ބެރީޒޯއަށް ޕްރޯސްޓޭޓް ކެންސަރު ޖެހިފައިވާ ކަމަށް ސެވިއްޔާއިން ހާމަކުރީ މިދިޔަ ހަފްތާގެ އަންގާރަ ދުވަހު ޔުއެފާ ޗެމްޕިއަންސް ލީގުގައި ލިވަޕޫލްއާއި ދެކޮޅަށް ކުޅުނު މެޗަށް ފަހު އެ ޓީމުގެ ރަސްމީ ވެބްސައިޓުގައި އާންމުކުރި ބަޔާނަކުންނެވެ. މި މެޗުގެ ފުރަތަމަ ހާފުގައި ލިވަޕޫލްއިން ތިން ލަނޑުގެ ލީޑެއް ނެގިނަމަވެސް ސެވިއްޔާއިން ފަހަތުންއަރައި ތިން ލަނޑު ޖަހައި އެ މެޗުން ޕޮއިންޓެއް ހޯދިއެވެ.
ސެވިއްޔާއިން ނެރުނު ބަޔާނެއްގައި އެ ކްލަބުން ބުނެފައިވަނީ އަންގާރަ ދުވަހުގެ ވަގުތެއްގައި ބެރީޒޯ ސާޖަރީއެއް ހެދުމަށް ނިންމާފައިވާ ކަމަށާއި އަލުން އަނބުރާ އޭނާ ކޯޗުގެ ޒިންމާތަކާއި ހަވާލުވާނީ ސާޖަރީއަށް ފަހު ކަންކަން ކުރިޔަށްދާ ގޮތް ރަނގަޅަށް ބެލުމަށް ފަހު އޭނާއަށް އެ މަގާމު ފުރޭނެ ކަމުގެ ފުރިހަމަ ޔަގީންކަން ލިބުމުން ކަމަށެވެ.
ބެރީޒޯގެ ބަދަލުގައި ސެވިއްޔާގެ ކޯޗުގެ ހުރިހާ ޒިންމާތަކާއި ވަގުތީ ގޮތުން ހަވާލުވާނީ އޭނާގެ އެސިސްޓަންޓް ކޯޗުގެ ގޮތުގައި ހަރަކާތްތެރިވަމުންދިޔަ އާނެސްޓޯ މަރޫޗީ ކަމަށް އެ ކްލަބުގެ ބަޔާނުގައިވެއެވެ. ސެލްޓަ ވީގޯގެ ކޯޗުގެ މަގާމުގައި ބެރީޒޯ ހުރިއިިރު ވެސް މަރޫޗީ ވަނީ އޭނާގެ އެސިސްޓަންޓް ކޯޗުގެ މަގާމު ފުރާފައެެވެ. ހަމައެހެންމެ އެ ކްލަބުން ބުނެފައިވަނީ އަވަސް މުސްތަގުބަލެއްގައި ބެރީޒޯ ކޯޗުގެ ޒިންމާތަކާއި އަލުން އަނބުރާ ހަވާލުވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ.
ބެރީޒޯގެ އިރުޝާދުގެ ދަށުން ސެވިއްޔާ އެންމެ ފަހުން މެޗެއް ކުޅެފައިވަނީ މިދިޔަ އާދިއްތަ ދުވަހުއެވެ. އެގޮތުން ސްޕެނިޝް ލަލީގާގައި އެ ޓީމުން ވަނީ ފަހަތުން އަރައި 3-2 ގެ ނަތީޖާއަކުން ވާދަވެރި ވިލަރެއާލް ބަލިކޮށްފައެވެ.
ކޯޗުގެ ޒިންމާތަކާއި ވަގުތީގޮތުން މަރޫޗީ ހަވާލުވެފައިވާއިރު އޭނާގެ އިރުޝާދުގެ ދަށުން ސެވިއްޔާ ކުޅޭ ފުރަތަމަ މެޗުގައި ބުދަ ދުވަހުގެ ރޭ ނުކުންނާނީ ކާޓެގާނާއާއި ދެކޮޅަށެވެ. މި މެޗަކީ ސްޕެނިޝް ކޮޕާ ޑެލްރޭގެ ހަތަރު ވަނަ ބުރުގެ މެޗަކަށްވާއިރު ސެވިއްޔާއިން ވަނީ ފުރަތަމަ ލެގު 3-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައެވެ.
ސެލްޓަވިގޯގައި ތިން އަހަރު ހޭދަކުރުމަށް ފަހު، މި ސީޒަނުގައި ސެވިއްޔާގެ ކޯޗުކަމާ ބެރިޒޯ ހަވާލުވީ ދެ އަހަރުގެ އެއްބަސްވުމެއްގެ ދަށުންނެވެ. ބެރިޒޯގެ އިރުޝާދުގެ ދަށުން މި ސީޒަނުގައި ސެވިއްޔާ ވަނީ 21 މެޗު ކުޅެފައެވެ. އޭގެ ތެރެއިން 12 މެޗުން ސެވިއްޔާ މޮޅުވެފައިވާ އިރު، ފަސް މެޗުން ވަނީ ބަލިވެފައެވެ. ބާކީ ހަތަރު މެޗު ނިމުނީ އެއްވަރުވެގެންނެވެ.
އުމުރުން މިހާރު 48 އަހަރުގެ ބެރިޒޯ ވަނީ ކުޅުންތެރިޔެއްގެ ގޮތުގައި ސެލްޓަވިގޯއާއި ރިވާޕްލޭޓް އަދި ނިއުވެލްސް އޯލްޑް ބޯއިސް ފަދަ ކްލަބްތަކަށް ކުޅެފައެވެ. އޭނާ ވަނީ އާޖެންޓީނާގެ ގައުމީ ޓީމަށް ވެސް ކުޅެފައެވެ. ޗިލީގެ އެސިސްޓެންޓް ކޯޗުގެ މަގާމު ވެސް ފުރާފައިވާ ބެރީޒޯ ވަނީ މީގެކުރިން ސެލްޓަވީގޯ އަދި އެސްޓޫޑިއަންޓޭސްއަށް ވެސް ކޯޗުކަން ކޮށްދީފައެވެ.
އޭނާއަށް އަވަސް ޝިފާއަކަށް އެދި ފުޓްބޯޅައިގެ ދުނިޔޭގެ ފަރާތްތަކުން އަންނަނީ އެކިއެކި ޝުއޫރުތައް ފާޅުކުރަމުންނެވެ.