ކ. މާލެ
|
28 ނޮވެންބަރ 2017 | އަންގާރަ 14:36
އިޓަލީގެ ގައުމީ ޓީމުން ދާދި ފަހުން ރިޓަޔާކުރި ޔުއެވަންޓަސްގެ ކީޕަރު ބުފޮން
އިޓަލީގެ ގައުމީ ޓީމުން ދާދި ފަހުން ރިޓަޔާކުރި ޔުއެވަންޓަސްގެ ކީޕަރު ބުފޮން
ގެޓީ އިމޭޖަސް
ބުފޮން ރިޓަޔާކުރުން
ގައުމީ ޓީމުން ނެގީ ބްރޭކެއް، 60 އަހަރުވިޔަސް ކުޅޭނަން: ބުފޮން
ބުފޮން ގައުމީ ޓީމަށް ކުޅުނު ހުއްޓާލީ 20 އަހަރަށް ފަހު

ގައުމީ ޓީމުން ނެގީ ބްރޭކެއް ކަމަށާއި، އުމުރުން 60 އަހަރު ވިޔަސް ޓީމަށް ނަގައިފިއްޔާ ކުޅޭނެ ކަމަށް އިޓަލީގެ ގައުމީ ޓީމުން ދާދި ފަހުން ރިޓަޔާކުރި ޔުއެވަންޓަސްގެ ކީޕަރު ބުފޮން ބުނެފިއެވެ.

އިޓަލީގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ބުފޮން ބުނީ އިޓަލީ އަދި ޔުވެންޓަސް އަށް އޭނާ ކުޅެނީ "ސޯލްޖާ" އެއްގެ ގޮތުގައި ކަމަށާއި، އުމުރުން 60 އަހަރުވިޔަސް އިޓަލީ ގައުމީ ޓީމުން ގޮވާލާ ގޮވާލުމަށް އިޖާބަދޭނެ ކަމަށެވެ.

ނިމިގެންދިޔަ ވޯލްޑްކަޕް ކޮލިފައިންގެ ޕްލޭއޮފްގައި އިޓަލީ އަތުން ސްވިޑެން ވަނީ ބަލިވެފައެވެ. ދެ ލެގު ކުޅުނުއިރު، ފުރަތަމަ ލެގު އިޓަލީގައި ނިމުނީ 0-0 ގެ ނަތީޖާއިން އެއްވަރުވެގެންނެވެ. އެހެން ނަމަވެސް ދެވަނަ ލެގުގައި ސްވިޑެން ވަނީ އަމިއްލަ ދަނޑުގައި 0-1 ގެ ނަތީޖާއިން މޮޅުވެ، އިޓަލީ ކަޓުވާލުމަށް ފަހު ސްވިޑެން ވަނީ ވޯލްޑްކަޕުން ޖާގަ ހޯދާފައެވެ.

އިޓަލީގެ ކޯޗު ވެންޗޫރާއާ ބެހޭގޮތުން ބުފޮން ބުނީ ކޯޗެއްގެ ގޮތުގައި ކުރެވޭނެ ހުރިހާ ކަމެއް ވެންޗޫރާ ކުރި ކަމަށާއި، ދިމާވި ހަމައެކަނި މައްސަލައަކީ ދެ މެޗުންވެސް ލަނޑެއް ކާމިޔާބުނުކުރެވުން ކަމަށެވެ.

މިދިޔަ ހޯމަ ދުވަހު އިޓަލީގެ އެންމެ މޮޅު ގޯލް ކީޕަރުގެ މަގާމު އަދި އިޓަލީގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ބުފޮން ބުނީ އެފަދަ އެވޯޑެއް އޭނާ އަށް ލިބޭނެ ކަމަށް ދުވަހަކު ވެސް އުންމީދު ނުކުރާ ކަމަށާއި، މީގެކުރިން އެންމެ ޒުވާން ކުޅުންތެރިޔާގެ މަގާމު އޭނާ އަށް ނުލިބޭ ކަމަށެވެ.

އިޓަލީ ގައުމީ ޓީމަށް 20 އަހަރަށް ފަހު ކުޅުން ހުއްޓާލި މިހާރު އުމުރުން 39 އަހަރުގެ ބުފޮން ވަނީ އެޓީމަށް 175 މެޗު ކުޅެދީފައެވެ. އޭނާ ވަނީ އިޓަލީ ޓީމާއެކު 2006 ވަނަ އަހަރު ވޯލްޑްކަޕް ވެސް ކާމިޔާބުކޮށްފައެވެ.

ޕާމާ އިން 1995 ވަނަ އަހަރު ކެރިޔަރު ފެށި ބުފޮން ޔުވެންޓަސް އަށް ބަދަލުވީ 2001 ވަނަ އަހަރެވެ. އޭނާ ވަނީ އެ ކްލަބަށް މިހާތަނަށް 637 މެޗު ކުޅެދީ ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ.

އެގޮތުން އޭނާ ވަނީ ޔުވެންޓަސްއާއެކު 10 ލީގު ތަށި، ހަތަރު ކޮޕާ އިޓަލިއާ، ފަސް އިޓާލިއަން ސުޕާކަޕް ކާމިޔާބު ކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 21 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް