ސްޓާ ވޯލްޑް އިން ގެންސްދިން ޑްރާމާ ސީރީޒް "ގްލީ" ގެ އެކްޓްރެސް ނާޔާ ރިވޭރާ ހައްޔަރުކޮށްފިއެވެ.
އޭނާ ހައްޔަރު ކުރީ އޭނާގެ ފިރިމީހާ ރަޔާން ޑޯސީ އަށް ގެވެށި އަނިޔާ ކުރުމުގެ މައްސަލާގައެވެ.
ނާޔާ ހައްޔަރު ކޮށްފައިވަނީ މިދިޔަ ހޮނިހިރު ދުވަހުގައި ވެސްޓް ވާޖީނިއާ ކަނޯވާ ކައުންޓީއިން ކަމަށް ކަނޯވާ ކައުންޓީގެ ޝެރިފް އޮފީހުން ކޮށްފައިވާ ޓްވީޓެއްގައި ވަނީ ބުނެފައެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ނާޔާ ރިވޭރާ އޭނާގެ ފިރިމީހާއަށް އަނިޔާކޮށްފައި ވަނީ އެދެމީހުންގެ ދަރިފުޅާއެކީގައި ހިނގާލަން ދިޔަމަގުމަތީގައެވެ. ނާޔާގެ ފިރިމީހާ ވަނީ ފުލުހުންނަށް ރިޕޯޓްކޮށް އަނިޔާ ކުރި ވީޑިއޯ ވެސް ފުލުހުންނާއި ހަވާލުކޮށްފައި ކަމަށް މީޑިއާތަކުގައި ވަނީ ރިޕޯޓްކޮށްފައެވެ.
އުމުރުން 30 އަހަރުގެ ނާޔާ ރިވޭރާ ވަނީ މިހާރު ފުލުހުންގެ ބެލުމުގެ ދަށުން ދޫކޮށްލާފައިކަމަށް ޚަބަރުތައް ބުނެއެވެ.
ނާޔާ ރިވޭރާ އަކީ އެކްޓަރެއްގެ އިތުރުން ލަވަ ކިޔުންތެރިއެކެވެ.
އޭނާ ކުޅެފައިވާ ފިލްމު ތަކުގެ ތެރޭގައި "ފްރޭންކެންހޫޑް"(2009)، "މޭޑް ފެމެލީސް"(2017) ހިމެނެއެވެ.
މީގެ އިތުރުން އޭނާ ވަނީ 15 އަށް ވުރެ ގިނަ ސީރީޒްއިން ފެނިގެން ގޮސްފައެވެ.