ޒިމްބާބްވޭގެ ކުރީގެ ރައީސް ރޮބަޓް މުގާބޭގެ ކެބިނެޓް، އެގައުމުގެ އައު ރައީސް އެމަރސަން ނަންގަގްވާ އުވާލައްވައިފި އެވެ.
ރައީސް ކަމުގެ ހުވާ ނަންގަގްވާ ކުރެއްވިތާ ތިން ދުވަސް ފަހުން މުގާބޭގެ ކެބިނެޓް އުވާލިކަން ހާމަކޮށްފައިވަނީ، އައު ސަރުކާރުގެ އިސް އޮފިޝަލަކު ހޯމަ ދުވަހު ނެރުނު ބަޔާނެއްގައެވެ.
ރައީސް ނަންގަގްވާ އަދި ކެބިނެޓްގެ ޗީފް ސެކްރެޓަރީ މިޝެކް ސިބާންޑާ ނެރުއްވި ބަޔާނުގައި ވަނީ، އައު ކެބިނެޓް އެކުލަވާލުމުގެ މަސައްކަތް ނަންގަގްވާ ފަށްޓަވާފައިވާ ކަމަށެވެ. އެގޮތުން މާލީ ވަޒީރުގެ މަގާމަށް ވަގުތީ ގޮތުން ޕެޓްރިކް ޗިނަމާސާ ހަމަޖައްސަވާފައިވާއިރު، ސަރުކާރުގެ މުހިންމު ވުޒާރާތަކުގެ މަސައްކަތްތައް ނުހުއްޓި ކުރިއަށް ގެންދިއުމާއި އެމަސައްކަތް ބެއްލެވުމަށް އިސް ޑިޕްލޮމޭޓެއްގެ ގޮތުގައި ސިމްބަރާޝޭ މުމްބެންގެގްވީ ހަމަޖައްސަވާފައިވާ ކަމަށް އެބަޔާނުގައިވެއެވެ.
އެހެންނަމަވެސް ނަންގަގްވާގެ އައު ކެބިނެޓް އިޢުލާން ކުރައްވާނެ ތާރީޚެއް އެބަޔާނުގައި ހާމަކޮށްފައެއްނުވެއެވެ.
ޒިމްބާބްވޭގެ އައު ރައީސް ނަންގަގްވާ، އެމަގާމުގެ ހުވާ ކުރައްވާފައިވަނީ ހުކުރު ދުވަހު އެވެ. 37 އަހަރުގެ ދިގު މުއްދަތަކަށް އެގައުމުގައި ވެރިކަން ކުރެއްވި ރޮބަޓް މުގާބޭގެ ވެރިކަން ކުއްލި ގޮތަކަށް ނިމިގެން ގޮސްފައިވަނީ، މުގާބޭގެ ނައިބު ރައީސްގެ މަގާމުން ނަންގަގްވާ ވަކި ކުރެއްވުމަށްފަހު ހިނގައިދިޔަ ކަންތައްތަކުގެ ތެރެއިންނެވެ. ނައިބު ރައީސްގެ މަގާމުން ނަންގަގްވާ ވަކި ކުރައްވާފައިވަނީ މުގާބޭގެ އަނބިކަނބަލުން ގްރޭސް މުގާބޭގެ ޕްރެޝަރާއި ގުޅިގެން ކަމަށް ރިޕޯޓްތައް ބުނެއެވެ. މުގާބޭގެ އަނބިކަނބަލުން ގްރޭސް އަދި ނަންގަގްވާ އާދެމެދު ޚިޔާލުތަފާތުވުން އުފެދުނީ މުގާބޭ އަށްފަހު ވެރިކަމަށް އަންނާނެ ބޭފުޅަކާއިމެދުގައެވެ.
މުގާބޭގެ ވެރިކަން ނިމުމަކަށް އައީ، ނަންގަގްވާ ވަކި ކުރެއްވުމާއެކު އެގައުމުގެ ސިޔާސީ މަޝްރަޚް ހަލަބޮލިވެ، އަސްކަރިއްޔާ އިން ވެރިކަމުގެ ބާރުތައް ނެންގެވުމަށްފަހު މުގާބޭގެ ސަރުކާރުގެ އިސް ބައެއް ފަރާތްތައް ހައްޔަރު ކޮށްފައިވަނިކޮށެވެ. އަސްކަރިއްޔާ އިން ހަވާލުވުމަށްފަހު މުގާބޭ ވެރިކަމުން އިސްތިއުފާ ދެއްވުމަށް ދިގު މަޝްވަރާތަކެއް ކުރިއަށް ގެންދިޔަ ނަމަވެސް، މުގާބޭ ފުރަތަމަ ވަނީ އެކަމާއި ދެކޮޅު ހައްދަވާފައެވެ.
މުގާބޭ އިސްތިއުފާ ދެއްވާފައިވަނީ އޭނާ މަގާމުން ދުރުކުރުމުގެ މަސައްކަތް ގާނޫނު ހަދާ މަޖިލީހުން ފަށާފައިވަނިކޮށް، ގާނޫނު ހަދާ މަޖިލީހަށް ފޮނުއްވި ސިޓީއެއް މެދުވެރިކޮށެވެ. ވެރިކަމުން ވަކިވެވަޑައިގަތުމުގެ ކުރިން ޒިމްބާބްވޭގެ ވެރިކަން ކުރާ ޒާނޫ-ޕީއެފް ޕާޓީން ވަނީ، އެޕާޓީގެ ލީޑަރުގެ މަގާމުން މުގާބޭ ވަކި ކުރައްވައި އަދި މުގާބޭގެ އަނބިކަނބަލުން ގްރޭސް މުގާބޭ ވެސް އެޕާޓީން ވަކި ކުރައްވާފައެވެ.