ކ. މާލެ
|
28 ނޮވެންބަރ 2017 | އަންގާރަ 07:09
ރޮބަޓް މުގާބޭ
ރޮބަޓް މުގާބޭ
ރޮއިޓަރސް
ޒިމްބާބުވޭ
ރޮބާޓް މުގާބޭ ގެ އުފަން ދުވަހަކީ ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ޒިމްބާބުވޭ އިން ކަނޑައަޅައިިފި
މުގާބޭ ގެ އުފަން ދުވަސް ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެއްސީ ވެރިކަން ކުރާ ޒާނޫ-ޕީއެފް ޕާޓީގެ ޔޫތު ލީގުން އެކަމަށް ވަރަށް ބޮޑަށް ލޮބީ ކުރިފަހުން

ޒިމްބާބުވޭގެ ރައީސް ރޮބަޓް މުގާބޭ ގެ އުފަން ދުވަހަކީ ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި އެގައުމުން ކަނޑައަޅައިފިއެވެ.

 

ފެބުރުއަރީ 21 ހަމަޖެއްސީ "ރޮބަޓް ގެބްރިއެލް މުގާބޭ ނެޝެނަލް ޔޫތް ޑޭ" އަށެވެ.

 

ޒިމްބާބުވޭގެ ކުރީގެ ރައީސް ރޮބަޓް މުގާބޭ ގެ އުފަން ދުވަހަކީ ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެއްސި ކަން ހާމަކޮށްފައި ވަނީ ދައުލަތުން ހިންގާ "ދެ ހެރަލްޑް" ނޫހުންނެވެ. ރިޕޯޓުތައް ބުނާގޮތުން ރައީސް މުގާބޭ ގެ އުފަން ދުވަސް ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެއްސީ ވެރިކަން ކުރާ ޒާނޫ-ޕީއެފް ޕާޓީގެ ޔޫތު ލީގުން އެކަމަށް ވަރަށް ބޮޑަށް ލޮބީ ކުރި ފަހުންނެވެ.

 

ޒިމްބާބުވޭގެ އާ ރައީސް އެމަސަން ނަންގަގްވާ ރައީސްކަމުގެ ހުވާ ކުރެއްވީ މިދިޔަ ހުކުރު ދުވަހުއެވެ. މިހަފްތާތެރޭގައި ޒިމްބާބުވޭގެ އާ ރައީސް އެމަސަން ނަންގަގްވާ އެމަނިކުފާނުގެ ކެބިނެޓު އިއުލާން ކުރައްވާނެއެވެ. ޒިމްބާބުވޭގެ ހުހިހާ ރައްޔިތުންނަށް ޚިދުމަތް ކުރައްވާނެ ވެރިއަކަށް އެމަނިކުފާނު ވެވަޑައިގަންނަވާނެ ކަމަށް ޒިމްބާބުވޭގެ ރައީސްކަމުގެ ހުވާ ހުކުރު ދުވަހު ކުރެއްވި އެމަސަން ނަންގަގްވާ ވަނީ ވިދާޅުވެފައެވެ.

 

ޒިމްބާބްވޭގެ ރައީސްކަމުން ރޮބާޓް މުގާބޭ މިދިޔަ އަންގާރަ ދުވަހު އިސްތިއުފާ ދެއްވާފައިވާއިރު، މުގާބޭ އިސްތިއުފާ ދެއްވާފައި ވަނީ މުގާބޭ ވަކި ކުރުމުގެ މަސައްކަތް އެގައުމުގެ ގާނޫނު ހަދާ މަޖިލީހުން ފެށި ފަހުންނެވެ. އަދި މުގާބޭ އިސްތިއުފާ ދެއްވިއިރު އެގައުމުގެ ކޮންޓްރޯލް ވަނީ އަސްކަރިއްޔާގެ އަތްދަށަށް ވެސް ގެންގޮސްފައެވެ.

- ކޮމެންޓް