ސިވިލް ސަރވިސްގެ މުވައްޒަފަކު ސަލާމް ބުނެގެން އޭނާގެ ސާވީސް އެލަވަންސް އިން އުނިކުރި ފައިސާ އަނބުރާ ދިނުމަށް ހައި ކޯޓުންވެސް ތާއިދު ކޮށްފިއެވެ.
މި ގޮތަށް ހައި ކޯޓުން ހުކުމް ކުރީ ފިޝަރީޒް މިނިސްޓްރީގައި ސީނިއާ ޕްރޮޖެކްޓް އޮފިސަރެއްގެ މަގާމު އަދާކުރަމުންދިޔަ ރ.މަޑުއްވަރީ، ގުލްފާމްހިޔާ، މުހައްމަދު ނަޒީފް، ބަލިވެގެން ސަލާމް ބުނުމާގުޅިގެން އޭނާގެ ސަރވިސް އެލަވަންސް އިން އުނިކުރި ފައިސާ ދޭން ޖެހޭނެކަމަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލް އިން ކޮށްފައިވާ ޙުކުމަށް ތާއީދުކޮށް ހައި ކޯޓުން ކުރި ޙުކުމުގައެވެ. ވަޒީފާއާ ބެހޭ ޓްރައިބިއުނަލް އިން ނިންމާފައި ވަނީ 2006 ވަނަ އަހަރު ފެށިގެން ފިޝަރީޒް މިނިސްޓްރީގައި މަސައްކަތް ކުރަމުންދިޔަ ނަޒީފް 2015 ވަނަ އަހަރު ބަލިވެގެން އެއް ދުވަހު ސަލާމް ބުނުމުން ސަރވިސް އެލަވަންސްއިން ފައިސާ އުނިކޮށްފައި ވަނީ ޤާނޫނާއި ޚިލާފަށް ކަމަށެވެ. އަދި އެ ޙުކުމަށް ހައިކޯޓުން ތާއީދުކޮށްފައި މި ވަނީ އެ ނިންމުން ބާތިލް ކުރުމަށް ސިވިލް ސާވީސްގެ ފަރާތުން ހައި ކޯޓުގައި އެ މައްސަލަ އިސްތިއުނާފު ކުރުމުން އެ މައްސަލަ ބެލުމަށްފަހުއެވެ.
ހައިކޯޓުން ނިންމާފައިވަނީ ސަރވިސް އެލަވަންސް އަކީ ވަޒީފާ އާ ބެހޭ ގާނޫނުގެ 90 ވަނަ މާއްދާގައި މާނަކޮށްފައިވާ އުޖޫރައިގެ ތެރޭގައި ހިމެނޭ އެއްޗެއްކަން އެނގޭ ކަމަށާއި މުވައްޒަފެއްގެ މުސާރަ އާއި އުޖޫރައިން އެއްވެސް މިންވަރެއް އުނިކުރެވޭނެ ހާލަތްތައް ވަޒީފާއާ ބެހޭ ގާނޫނުގެ 54 ވަނަ މާއްދާގެ (ހ)ގައި ބަޔާންކޮށްފައިވާއިރު ސަލާމްގެ ޗުއްޓީއާ ގުޅުވައިގެން ސަރވިސް އެލަވަންސް ފައިސާ އުނިކުރުމަކީ އެއިން ހާލަތަކަށް ފެތޭ އުނިކުރުމެއްކަން އެނގެން ނެތް ކަމަށެވެ.
އެހެން ކަމުން ނަޒީފް ސަލާމް ޗުއްޓީގައި ހުރި އެއް ދުވަހަށްވާ ފަސްދޮޅަށް ހަ ރުފިޔާ ފަސްދޮޅަސް ހަތް ލާރި އޭނާގެ ސާވީސް އެލަވަންސް ފައިސާއިން އުނިކޮށްފައިވަނީ ވަޒީފާއާ ބެހޭ ގާނޫނުގެ 54 ވަނަ މާއްދާއާ ޚިލާފަށް ކަމަށެވެ. އަދި ނަޒީފް ސަލާމް ބުނެގެން ސަރވިސް އެލަވަންސް އިން އުނިކޮށްފައިވާ ފައިސާ ދޭން ޖެހޭނެ ކަމަށް އެ ޙުކުމްގައި ކަނޑައަޅާފައިވެއެވެ.
އަދި 2 އޮކްޓޯބަރ 2014 ގައި ސިވިލް ސާވީސްގެ ޤަވައިދަށް ގެނައި އިސްލާހުތަކަށް ޚިޔާލެއް ހޯދުމަށް 5 މެއި 2015 ގައި އެ ކޮމިޝަނުން އެޓާނީ ޖެނަރަލްގެ އޮފީހުގައި ލިޔުމަކުން އެދުމުން އިސްލާހް ކުރަން ޖެހޭ ކަންކަން ހުރި ކަމާއި އޭގެ ތެރޭގައި ސަލާމް ޗުއްޓީގައި ހުންނަ ދުވަހަށް ސާވީސް އެލަވަންސްއިން ފައިސާ އުނިކުރާގޮތައް އޮތުމަކީ ޤާނޫނާ ޚިލާފު ނުކުތާއެއްކަމަށް އެޓާނީ ޖެނަރަލް އޮފީހުން ލަފާދީފައި އޮންނަ ކަންވެސް ހައި ކޯޓުން ފާހަގަ ކޮށްފައިވެއެވެ. އެހެން ކަމުން ސަލާމް ބުނާ ދުވަސްތަކަށް ސަރވިސް އެލަވަންސްއިން ފައިސާ އުނިކުރަމުން ގޮސްފައިވަނީ ސިވިލް ސަރވިސް ކޮމިޝަނަށް ބަންޑާރަ ނައިބު ދިން ލަފައާ ޚިލާފަށް ކަން އެނގޭކަމަށް މި ޙުކުމުގައިވެއެވެ.
މީގެ އިތުރުން ސަލާމް ބުނާ ދުވަސްތަކަށް ސަރވިސް އެލަވަންސް އިން ފައިސާ އުނި ނުކުރެވޭނެ ކަމަށް ކަނޑައަޅަން ހައި ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލަ ނިމުމުގެ ކުރިންވެސް ބަންޑާރަ ނައިބު އޮފީހުގެ މުވައްޒަފުންގެ މުސާރައިން ސަލާމް ބުނާ ދުވަސްތަކަށް ސަރވިސް އެލަވަންސްއިން ފައިސާ އުނިކުރަމުން ގޮސްފައިނުވާނެކަމަށް ބަންޑާރަ ނައިބު އޮފީހުން ބުނެފައިވާކަން އެނގޭ ކަމަށްވެސް ހައި ކޯޓުން ފާހަގަކޮށްފައިވެއެވެ. އެހެން ނަމަވެސް ސިވިލް ސާވީސްގެ މުވައްޒަފުން ސަލާމް ބުނާ ދުވަސްތަކަށް ސާވީސް އެލަވަންސް އިން ފައިސާ އުނިކުރުން ހުއްޓާލީ އެ ފައިސާ އުނި ނުކުރެވޭނެ ކަމަށް ހައި ކޯޓުން 2015 ވަނަ އަހަރު ނިންމުމަށްފަހުއެވެ.
ބަންޑާރަ ނައިބު އޮފީހުގެ މުވައްޒަފުން ސަލާމް ބުނާ ދުވަސްތަކަށް ސަރވިސް އެލަވަންސްއިން ފައިސާ އުނުކުރަމުން ގޮސްފައި ނުވަނީ އެއީ ގާނޫނާ ޚިލާފު މާއްދާއެއް ކަމަށް ބަންޑާރަ ނައިބަށް ޤަބޫލު ކުރެވިގެންކަމަށްވާއިރު އެއީވެސް ސިވިލް ސަރވިސް ދަށުން ހިނގަމުން އަންނަ އޮފީހެކެވެ.
މި ޙުކުމާއެކު 2014 ޑިސެމްބަރުގައި ސިވިލް ސާވީސްގެ ގަވައިދަށް އަމަލު ކުރަން ފެށީއްސުރެ 2015 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ސަލާމް ބުނެގެން ސާވީސް އެލަވަންސް އިން ފައިސާ އުނިކޮށްފައިވާ މުވައްޒަފުންނަށް އަނބުރާ ފައިސާ ދޭން ޖެހޭނެއެވެ.