ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމަށް ޢަބްދުﷲ ޔާމީންގެ ސަރުކާރުން ދެމުންގެންދާ އަނިޔާތަކާއި ކުރަމުންދާ ފުރައްސާރައިގެ ތެރެއިން އެމަނިކުފާނުގެ ވިޔަފާރިތައް ހަލާކުކޮށްލައި ބަނގުރޫޓުކޮށްލުމަށް މަސައްކަތްކުރަމުން ގެންދާ ކަމަށާއި އެކަން ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީން އެންމެ ހަރު އަޑުން ކުށްވެރިކުރާ ކަމަށް އެޕާޓީން ބުނެފިއެވެ.
އެމްޑީޕީން ހޯމަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޤާނޫނު އަސާސީއާއި ޤާނޫނުތަކާ ޚިލާފަށް އެމަނިކުފާނުގެ މައްޗަށް ދަޢުވާކޮށް، ޖަލަށް ޙުކުމްކުރުމުގެ އިތުރުން އެމަނިކުފާނުގެ ވިޔަފާރީގެ މުއާމަލާތްތައް، ޤާނޫނުތަކާއި އެއްބަސްވުންތަކާ ޚިލާފަށް ޢަބްދުﷲ ޔާމީންގެ ސަރުކާރުން ރޫޅާލައި، މުދާތައް އަތުލައި އެތައް މިލިއަން ޑޮލަރުން ޖޫރިމަނާކޮށް އެމަނިކުފާނުގެ ވިޔަފާރިތައް ބަނގުރޫޓުކޮށްލުމުގައި ކެނޑިނޭޅި މަސައްކަތްކުރަމުންދާކަން ކަންބޮޑުވުމާއެކު ފާހަގަ ކުރާ ކަމަށެވެ.
އެމްޑީޕީން ބުނިގޮތުގައި ޤާސިމް އިބްރާހީމަށް ޢަބްދުﷲ ޔާމީނުގެ ސަރުކާރުން މިފަދަ ނުޙައްޤު އަދަބުތަކާއި އަނިޔާތައް ދެމުންގެންދަނީ މި ސަރުކާރުން ރައްޔިތުންނަށާއި މި ޤައުމަށް ދެމުންގެންދާ ބޮޑެތި ގެއްލުންތަކާއި ދެކޮޅަށް އެމަނިކުފާނު މަސައްކަތް ކުރައްވާން ފެއްޓެވުމާ ގުޅިގެންނެވެ. ހަމައެފަދައިން މިއީ އިދިކޮޅު ސިޔާސީ ލީޑަރުން ނެތިކޮށްލުމަށް ޢަބްދުﷲ ޔާމީންގެ ސަރުކާރުން ތަކުރާރުކޮށް ކުރަމުންގެންދާ މަސައްކަތުގެ ތެރެއިން ހިންގާ ޖަރީމާއެއް ކަމަށް ބުނެފައިވެއެވެ.
އަދި ޤާސިމް އިބްރާހީމްގެ ވިޔަފާރިތައް ހަލާކުކޮށް ބަނގުރޫޓް ކޮށްލުމަށް ޢަބްދުﷲ ޔާމީންގެ ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ވަގުތުން ހުއްޓާލުމަށް އެމްޑީޕީން ސަރުކާރުގެ ހުރިހާ ފަރާތްތަކަށް ގޮވާލާ ކަމަށްވެސް ބުނެފައިވެއެވެ.
މީގެ އިތުރުން ޤާނޫނުތަކާއި ވެފައިވާ އެއްބަސްވުންތަކުގައިވާ ގޮތްތަކާ ޚިލާފަށް، އެކިއެކި ވިޔަފާރިވެރިންގެ އަތުން އަތުލެވޭ ތަންތަނާއި ނެގޭ ޖޫރިމަނާތައް، އަބްދުﷲ ޔާމީންގެ ސަރުކާރު ނިމުމަކަށް ގެނައުމަށް ފަހު އުފައްދާ ސަރުކާރެއްގައި އަލުން ރުޖޫޢަ ކުރެވިގެންދާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށްވެސް އެމްޑީޕީން ބުންޏެވެ.