ހުކުރު މިސްކިތް ސަރަހައްދު ތަރައްގީ ކުރުމަށް ހައުސިންގ މިނިސްޓްރީން ކޮށްފައިވާ އިއުލާނު ބާތިލްކޮށްފި އެވެ.
ހޯމަ ދުވަހު ސަރުކާރުގެ ގެޒެޓްގައި ޝާއިއު ކޮށްފައިވާ ލިޔުމުގައި ހައުސިންގ މިނިސްޓްރީން ބުނެފައިވަނީ 114 ނަންބަރު ކޮށިން ބައެއް ލޭންޑްސްކޭޕްކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް އެ މިނިސްޓްރީން ކުރި އިއުލާނު ބާލިކޮށްފައިވާ ކަމަށެވެ.
މިކަމާ ގުޅޭ ގޮތުން ހައުސިންގ މިނިސްޓްރީގެ އެގްޒެކެޓިވް ކޯޑިނޭޓަރު ހަސަން ވަހީދު ވިދާޅުވީ، ހުކުރު މިސްކިތް ސަރަހައްދު ތަރައްގީ ކުރުމަށް ކުރި އިއުލާނު ބާތިލްކޮށްފައިވަނީ އެ ޕްރޮޖެކްޓް އިތުރަށް ދިރާސާކޮށް ފުރިހަމަކުރުމަށް ކަމަށެވެ. ހުކުރު މިސްކިތް ސަރަހައްދު ތަރައްގީ ގުޅުމާ ގުޅޭ ގޮތުން މިހާތަނަށް އެއްވެސް ޝަކުވާއެއް އެ މިނިސްޓްރީއަށް ލިބިފައިނުވާ ކަމަށާއި ކުރިން ކުރި އިއުލާނު ބާތިލް ކުރީ އެފަދަ އެއްވެސް ކަމަކާ ގުޅިގެން ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
ހައުސިން މިނިސްޓްރީން ހުކުރު މިސްކިތް ސަރަހައްދު ތަރައްގީ ކުރާނެ ފަރާތެއް ހޯދުމަށް ކުރި އިއުލާނު ބާތިލް ކޮށްފައިވާ އިރު އިދިކޮޅު ސިޔާސީ ޕާޓީއަށް ނިސްބަތްވާ ފަރާތްތަކާއި އާންމުން ވެސް ދަނީ ސޯޝަލް މީޑިޔާގައި މިކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ހައުސިންގ މިނިސްޓްރީން މީގެ ކުރިން ކުރި އިއުލާނުގައި ބުނެފައި ވަނީ 114 ނަންބަރު ކޮށީގެ ބައެއް ލޭންޑްސްކޭޕްކޮށް ބަލަހައްޓައިދޭނެ ފަރާތެއް ބޭނުންވާ ކަމަށެވެ. އިއުލާންގައި ބުނެފައިވާގޮތުން މާލޭގެ 114 ނަމްބަރު ކޮށި، ހުކުރު މިސްކިތް ސަރަހައްދު ތަރައްޤީކޮށް ހިންގުމަށް އެގްރިމެންޓް ކުރުމަށް ހަމަޖެހިފައިވަނީ 20 އަހަރުގެ މުއްދަތަށެވެ.
ޔުނެސްކޯގެ ދުނިޔޭގެ ތަރިކައިގެ ވަގުތީ ލިސްޓުގައި ހިމެނޭ ހުކުރު މިސްކިތަކީ މާލޭގައި ހުރި އެންމެ ގިނަ ދުވަސްވީ މިސްކިތެވެ. ހިރިގަލުން ހަދާފައިވާ މި މިސްކިތް ދުނިޔޭގެ ތަރިކައިގެ ލިސްޓު ނުވަތަ ވޯލްޑް ހެރިޓޭޖު ލިސްޓަށް އެރުވުމަށްޓަކައި ގިނަ މަސައްކަތްތަކެއް ވެސް މިފާއިތުވެދިޔަ އަހަރުތަކުގައި ކުރެވިފައިވެ އެވެ.
މި މިސްކިތް ބިނާކޮށްފައި ވަނީ 1658 ވަނަ އަހަރުގައި އިސްކަންދަރު ރަސްގެފާނުގެ ރަސްކަމުގައެވެ. މި މިސްކިތަށް މުހައްމަދު ޝަމްސުއްދީންގެ ރަސްކަމުގެ ދުވަސްވަރުގައި ވެސް ބަދަލުތަކެއް ގެނެވިފައިވެ އެވެ. އެގޮތުން ފުރާޅާއި ވަންނަ ދޮރާއްޓަށް ވަނީ އޭރު ބަދަލުތަކެއް ގެނެސްފަ އެވެ.