ދިވެހި ރާއްޖޭގެ އާސާރީ ތަރިކަ ނައްތާލުމަށް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހިންގާ އަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް އަދާލަތު ޕާޓީ އިން ބުނެފި އެވެ.
އަދާލަތު ޕާޓީން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައި ވަނީ، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިންގެ ވެރިކަމުގެ ތެރޭގައި ރާއްޖޭގެ އާސާރީ ތަރިކަތައް ނައްތާލުމަށް މަސައްކަތް ކުރަމުންދާ އިރު ހާއްސަކޮށް މިސްކިތްތަކަށް އިހާނެތިކޮށް ހިތުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. މި ހުތުރު އަމަލު ވަގުތުން ވަގުތަށް ހުއްޓާލުމަށް އަދާލަތު ޕާޓީން ވަނީ އެދިފަ އެވެ.
މީގެ އިތުރަށް އަދާލަތު ޕާޓީން ބުނެފައި ވަނީ، ދިވެހި އުއްމަތުގެ މިނިވަންކަމައްޓަކައި ލެއާއި ދަލުން ޖިހާދުކުރެއްވި ބަތަލުންގެ ގަބުރުތަކަށް ރައީސް ޔާމިންގެ ވެރިކަމުގައި ދިވެހި ފަސްގަނޑުން ޖާގައެއް ނެތް ކަމަށެވެ. މިއީ ނުހަނު ކަންބޮޑުވާ މައްސަލައެއް ކަަމަށް އެޕާޓީން ބުނެ އެވެ. ރައީސް ޔާމީންގެ ވެރިކަން ލިޔެވިގެން ދާނީ ދިވެހި ވަންތަކަަމަށާއި ދިވެހި ގައުމިއްޔަތަށް ހިޔާނާތްތެރިވި ވެރިކަމެއްގެ ގޮތުގައި ކަމަށްވެސް އެ ޕާޓީން ބުނެ އެވެެ.
އަދާލަތު ޕާޓީން މިހެން ބަޔާންކުރައްވާފައިވާ އިރު، އިދިކޮޅު ފަރާތްތަކަށް ނިސްބަތްވާ ގިނަ ބަޔަކު ވަނީ ހުކުރު މިސްކިތް ހުންނަ ސަރަހައްދު ތަރައްގީ ކުރުމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ގިނަ ބަޔެއްގެ ފާޑުކިޔުން މިކަމާ ގުޅިގެން ސަރުކާރަށް އަމާޒުވެފައިވާ އިރު ހައުސިންގ މިނިސްޓްރީން ވަނީ ހުކުރު މިސްކިތް ސަރަހައްދު ތަރައްގީ ކުރުމަށް ކުރި އިއުލާނު ވެސް ހޯމަ ދުވަހު ބާތިލްކޮށްފަ އެވެ.