ޕާކިސްތާނުގެ ލޯ އެންޑް ޕާލިމެންޓްރީ އެފެއަރޒް މިނިސްޓަރ ޒާހިދު ހާމިދު އިސްތިއުފާދެއްވަން ހުށަހަޅުއްވައިފިކަމަށް އެ ގައުމުގެ ދައުލަތުގެ މީޑިއާއިން ހޯމަދުވަހު ބުނެފިއެވެ.
ޒާހިދު އިސްތިއުފާ ހުށަހަޅުއްވާފައި މިވަނީ ޕާކިސްތާނުގެ ދީނީ ޖަމާއަތްތަކުން އެ ގައުމުގެ އެކި ކަންކޮޅުތަކުގައި ކުރި މުޒާހަރާތަކުގައި ފުލުހުންނާ ބޮޑެތި ކުރިމަތިލުންތަކެއްހިނގާފައިވަނިކޮށެވެ.
ވެރިރަށް އިސްލާމްއާބާދުގެ މަގުމަތީ އިށީނދެ ތިބެ ތިން ހަފްތާއެއްހާ ދުވަސްވަންދެން ކުރި މި މުޒހަރާތަކުގައި ގޮވާލަމުންދިޔައީ ހާމިދުގެ އިސްތިއުފާއަށެވެ.
ވަޒީރުކަމުން އިސްތިއުފާ ދެއްވުމަށް އޭނާއަށް ގޮވާލާފައިވަނީ ދީނީ ގޮތުން ޚިލާފު އުފެދޭފަދަ ބަދަލެއް ގާނޫނަކަށް ގެންނަވާފައިވާކަމަށްބުނެއެވެ.
ދީނީ ޖަމާއަތްތަކުން ވަނީ އެ ކަމަކީ އަގީދާއަށް އަސަރުކުރާނެ ކަމެއް ކަމަށް ބުނެ ޒާހިދު މުރުތައްދު ވެފައިވާކަމަށް ވެސް ތުހުމަތުކޮށްފައެވެ.
ރޭޑިއޯ ޕާކިސްތާނުން ބުނެފައިވާގޮތުގައި ބޮޑުވަޒީރު ޝާހިދު ޚައްޤާންގެ އަތްޕުޅަށް އަރުވާފައިވާ ސިޓީގައި ޒާހިދު ވިދާޅުވެފައިވާގޮތުގައި އިސްތިއުފާ ދެއްވަނީ" ގައުމު ހަމަނުޖެހުމުން ސަލާމަތްކުރުމަށް"ށެވެ.
އިސްތިއުފާ ދެއްވާފައި މިވަނީ މުޒާހަރާ ކުރި ފަރާތްތަކާ ސަރުކާރާ ދެމެދު ވެވުނު އެއްބަސްވުމެއްގެ ދަށުންނެވެ.
ދީނީ ޖަމާއަތްތަކުން ކުރި މުޒާހަރާގައި ހަ މީހުން މަރުވެ އެތައް ސަތޭކަ ބަޔަކު ޒަޚަމްވިއެވެ.