މިދުވަސްވަރަކީ ގިނަ ބާވަތްތަކެއްގެ ދޫނި ރާއްޖެއަށް ހިޖުރަކުރާ ދުވަސްވަރެއްކަމުން، މިދޫނިތައް ހިފައި، ހައްޔަރުކޮށް އަދި ގޯނާ ކުރާ ފަރާތްތަކާއި މެދު ފިޔަވަޅު އަޅާނެ ކަމަށް އެންވައިރަމެންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ)އިން އަންގައިފިއެވެ.
އީޕީއޭއިން ކޮށްފައިވާ އިއުލާނެއްގައިވަނީ މި ދުވަސްވަރަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ވަރަށް ގިނަ ބާވަތްތަކުގެ ދޫނި ރާއްޖެއަށް ހިޖުރަކުރާ ދުވަސްވަރެއް ކަމަށެވެ. އަދި މިގޮތަށް ހިޖުރަކުރާ ދޫންޏަކީ ދިވެހިރާއްޖެއަށް ހިޖުރަކުރާ ދޫނި ހިފައި، ގެންގުޅުމާބެހޭ ގަވާއިދުގެ ދަށުން ޙިމާޔަތްކުރެވިފައިވާ ދޫނިތަކެއް ކަމަށާއި، ކޮންމެ އަހަރަކު މިދުވަސްވަރުގައި ވަރަށް ގިނަ ފަރާތްތަކުން މިފަދަ ދޫނި ހިފާ، ހައްޔަރުކޮށް ދޫންޏަށް ގޯނާކުރަމުންދާތީ އެކަމާއި ހިތާމަކުރާކަމަށް އީޕީއޭއިން ވަނީ ބުނެފައެވެ.
މިގޮތަށް ހިމާޔަތް ކުރެވިފައިވާ ދޫނި ހިފާ، ހައްޔަރުކޮށް އަދި ގޯނާކުރާ ފަރާތްތަކާމެދު ތިމާވެއްޓަށްދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ޤަވާޢިދާއި، ދިވެހިރާއްޖެއަށް ހިޖުރަކުރާ ދޫނި ހިފައި، ގެންގުޅުމާބެހޭ ގަވާއިދުގެ ދަށުން ޖޫރިމަނާކުރެވޭނެ ކަމަށް އީޕީއޭއިން ވަނީ ބުނެފައެވެ.
ހިޖުރަކުރާ ދޫނިތައް ހިފާ ހައްޔަރުކުރާ މައްސަލައިގައި އީޕީއޭއިން ކަންބޮޑުވުން ފާޅުކޮށް، ދޫނި ހިފާ ފަރާތްތަކާއި މެދު ފިޔަވަޅު އަޅާނެކަމަށް ބުނެ އިންޒާރު ދެމުންދާއިރު، ރާއްޖެއަށް ހިޖުރާ ކުރާ ދޫނިތައް އެންމެ ގިނައިން ޖަމާވާ އެއް ސަރަހައްދުކަމަށްވާ ކުޅުދުއްފުށީ ކުޅި ސަރަހައްދުގައި އެއަރޕޯޓް އެޅުމަށްޓަކައި، އެސަރަހައްދު ހިއްކުމުގެ މަސައްކަތް ވަނީ ފަށާފައެވެ. އަދި އެއަރޕޯޓްގެ މަސައްކަތް ފެށުމުގެ ކުރިން ތައްޔާރު ކުރި އީއައިއޭ ރިޕޯޓުގައިވެސް ދޫނިތަކުގެ ގެދޮރު ގެއްލޭނެތީވެ އެކަމާއި ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.