ކ. މާލެ
|
27 ނޮވެންބަރ 2017 | ހޯމަ 10:38
ކޮންގްރެސްމަން ޖޯން ކޮންޔަރސް
ކޮންގްރެސްމަން ޖޯން ކޮންޔަރސް
ގެޓީ އިމޭޖަސް
ޖިންސީ ފުރައްސާރަ
އެމެރިކާގެ ކޮންގްރެސްމަން ކޮންޔަރސްގެ މައްޗަށް ޖިންސީ ފުރައްސާރައިގެ ތުހުމަތުތަކެއް
ކޮންޔަރސްއަކީ ކޮންގްރެސްގައި އެންމެ ގިނަ ދުވަސްވަންދެން ޚިދުމަތްކުރެއްވި އެއް މެމްބަރު

މުވައްޒަފަކަށް ޖިންސީ ފުރައްސާރަކުރި ކަމުގެ ތުހުމަތުތަކެއް ކުރިމަތިވެވަޑައިގެންފައިވާ އެމެރިކާގެ ކޮންގްރެސް މެމްބަރު ޖޯން ކޮންޔަރސް ކޮންގްރެސްގެ ޖުޑީޝަރީ ކޮމިޓީއިން އިސްތިއުފާ ދެއްވައިފިއެވެ.

ކޮންގްރެސްގައި މިވަގުތު ތިއްބެވި މެމްބަރުންގެ ތެރެއިން އެންމެ ގިނަ ދުވަހު ކޮންގްރެސްގައި މަސައްކަތްކުރެއްވި މެމްބަރަކީ ކޮންޔަރސްއެވެ. ކޮންޔަރސްގެ އަންހެން މުވައްޒަފުކު ތުހުމަތުކުރި ގޮތުގައި ކޮންޔަރސް އޭނައާއި އެކު ނަހަމަ ގުޅުންތަކެއް ބާއްވަން މަސައްކަތްކުރެއްވުމުން، އޭނާ އެކަމަށް ދެކޮޅު ހެދިއެވެ. އަދި އޭގެ ސަބަބުން އޭނާ ވަޒީފާއިން ވަކިކުރިއެވެ.

އެހެން ނަމަވެސް އުމުރުފުޅުން 88 އަހަރުގެ ކޮންޔަރސް ވިދާޅުވީ އެއީ ދޮގު ތުހުމަތުތަކެއްކަމަށެވެ. އަދި ތުހުމަތުތަކާއިއެކު އޭނާ ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ޖުޑީޝަރީ ކޮމިޓީއިން އިސްތިއުފާ ދެއްވީ ނަންފުޅު ހަޑިވިޔަ ނުދެއްވުމަށްކަމަށް ވިދާޅުވިއެވެ.

މަދަނީ ހައްޤުތަކަށް ވަކާލާތުކުރައްވާ ބޭފުޅެއްގެ ގޮތުގައި މަޝްހޫރުވެފައިވާ ކޮންޔަރސްއަކީ 1965ވަނަ އަހަރުން ފެށިގެން ކޮންގްރެސްގެ މެމްބަރެކެވެ.

ކޮންޔަރސްގެ މައްޗަށް ކުރެވޭ ތުހުމަތުކުރެވެނީ 2015 ވަނަ އަހަރު އަންހެން މުވައްޒަފަކަށް ޖިންސީ ފުރައްސާރަކޮށް، އަންހެން މުވައްޒަފާއިއެކު ނަހަމަ ގުޅުން ހިންގަން އުޅުމުން އޭނާ ދެކޮޅު ހެދުމުން ވަޒީފާއިން ވަކިކުރުމެވެ. އަދި އޭނާ އެވާހަކަ ނުދައްކާ މަތިން 27 ހާސް އެމެރިކާ ޑޮލަރު ދިންކަމަށް ބުނާ ރިޕޯޓްތަކެއްވަނީ ފެންމަތިވެފައެވެ.

ޑިމޮކްރެޓިކް ޕާޓީއަށް ނިސްބަތްވާ ކޮންޔަރސްގެ މައްޗަށް ކުރެވޭ ތުހުމަތުތަކާއި ގުޅޭގޮތުން އެޕާޓީއިން ބުނެފައިވަނީ ޖިންސީ ފުރައްސާރަކުރުމަކީ ކިތަންމެ ތަޖުރިބާކާރު ކޮންގްރެސްމަނަކަސް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށާއި، އެހެން ނަމަވެސް ކޮންޔަރސްގެ މައްސަލަ ބެލުމުގައި އިޖުރާޢަތްތައް ފުރިހަމަވާން ޖެހޭނެކަމަށެވެ. މިމައްސަލަ ކޮންގްރެސްގެ ސުލޫކީ ކޮމިޓީއިން މިހާރުދަނީ ބަލަމުންނެވެ.  

- ކޮމެންޓް