ކ. މާލެ
|
27 ނޮވެންބަރ 2017 | ހޯމަ 11:13
އީރާނުން ބުނަމުންދަނީ ދުރު ރާސްތާގެ މިސައިލް އުފެއްދުމުގެ ގާބިލުކަން އެގައުމުގައި އެބަހުރިކަމަށް
އީރާނުން ބުނަމުންދަނީ ދުރު ރާސްތާގެ މިސައިލް އުފެއްދުމުގެ ގާބިލުކަން އެގައުމުގައި އެބަހުރިކަމަށް
އީޕީއޭ
އިރާނުގެ މިސައިލް ޕްރޮގްރާމް
ޔޫރަޕުން ބިރުދައްކާނަމަ ދިގުރާސްތާގެ މިސައިލް އުފައްދާނަން:އިރާން
2015 ވަނަ އަހަރު އީރާނާ ދުނިޔޭގެ ބާރުތަކުންވަނީ ނިއުކްލިއަރ ޕްރޮގްރާމުގެ މައްސަލައިގައި އެއްބަސްވުމަކަށް ގޮސްފައި
އީރާނުގެ ބެލިސްޓިކް މިސައިލް ޕްރޮގްރާމުގެ ވާހަކަ 2015 ގައި ވީ އެއްބަސްވުމުގައި ނުހިމެނޭކަމަށް އެގައުމުން ބުނޭ
އީރާނަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލީ 2015 ގެ އެއްބަސްވުމަށްފަހު

އީރާނުގެ މިސައިލްތައް ދަތުރުކުރާ ރާސްތާ ކުރުކޮށް 2،000 ކިލޯމީޓަރުގައި ބަހައްޓާފައި ހުންނަނީ ގަސްތުގައި ކަމަށާއި ޔޫރަޕަކީ ބިރަކަށް ބަދަލުވެއްޖެނަމަ މިސައިލް ދަތުރުކުރާ ދުރުމިނަށް ބަދަލުގެންނަން ޖެހިދާނެ ކަމަށް އީރާނުގެ ރިވޮލިއުޝަނަރީ ގާޑުންގެ ޑެޕިއުޓީ ކޮމާންޑަރ ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ބޮޑެތި ބާރުތަކާއެކު 2015ވަނަ އަހަރު ތެހެރާނާއެކު ވީ އެއްބަސްވުމުގެ އިތުރުން އީރާނުގެ ބެލިސްޓިކް މިސައިލް ޕްރޮގްރާމްގެ މައްސަލައިގައި އިތުރު މަޝްވަރާތަކަށް ދިއުމަށް ފްރާންސްގެ ރައީސް އެމަނުއެލް މެކްރޮންވަނީ މި މަހުގެ ކުރީކޮޅު ގޮވާލައްވާފައެވެ.

އީރާނުން ތަކުރާރުކޮށް ބުނަމުންދަނީ އެ ގައުމުގެ މިސައިލް ޕްރޮގްރާމަކީ ހަމައެކަނި ދިފާއީ ބޭނުމަށް ކުރިޔަށް ގެންދާ ޕްރޮގްރާމެއްކަމަށާއި އެއީ މަޝްވަރާ ކުރެވޭނެ ކަމެއް ނޫންކަމަށެވެ.

 ހޮނިހިރު ދުވަހު ދެއްވި ޓީވީ އިންޓަވިއުއެއްގައި އީރާނުގެ ރިވޮލިއުޝަނަރީ ގާޑުންގެ ޑެޕިއުޓީ ކޮމާންޑަރ ބްރިގޭޑިއަރ ޖެނެރަލް ހުސެއިން ސަލާމީ ވިދާޅުވީ އީރާނުގެ މިސައިލްތަކުގެ ރާސްތާ 2،000 ކިލޯމީޓަރުގެ ދުރުމިނަކަށް ބަހައްޓާފައި ހުންނަނީ އެއަށް ވުރެ ދުރަށް ދަތުރުކުރާނެ ގާބިލުކަން ނެތިގެން ނޫން ކަމަށާއި ޓެކްނޮލޮޖީގެ ގޮތުން އެކަމަށް އެއްވެސް ހުރަހެއް ނެތް ކަމަށެވެ.

އޭނާ ވިދާޅުވީ އެގައުމުން މިހާތަނަށް ދެކެމުންދިޔައީ ޔޫރަޕަކީ އެއްވެސް ބިރެއް ނޫން ކަމަށާއި ދުރު ރާސްތާގެ މިސައިލް އުފައްދާފައި ނުވަނީ އެހެންވެ ކަމަށެވެ. ނަމަވެސް ޔޫރަޕަކީ އީރާނަށް ހުރި ބިރަކަށް ބަދަލުވާން ބޭނުންނަމަ އީރާނުންވެސް އެ ގައުމުގެ މިސައިލްތައް ދިގުރާސްތާއަށް ބަދަލުކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އިރާންގެ ރިވޮލިއުޝަނަރީ ގާޑުގެ އަސްކަރީ ފޯސްގެ ވެރިޔާ މޭޖަރ ޖެނެރަލް މުހައްމަދު އަލީ ޖާފަރީ ވިދާޅުވީ 2،000 ކިލޯމީޓަރަށް ދަތުރުކުރާ މިސައިލުން، އެމެރިކާގެ މަސްލަހަތު ހިމެނޭ ގިނަ ތަންތަނާއި ފައުޖުތައް ކަވަރު ކުރެވޭ ކަމަށާއި އެހެންކަމުން އީރާނުގެ މިސައިލްތަކުގެ ރާސްތާ އިތުރުކުރަން ކޮންމެހެން ނުޖެހޭ ކަމަށެވެ.

ޖާފަރީ ހުކުރު ދުވަހުވަނީ ފްރާންސްގެ ރައީސަށް ފާޑު ވިދާޅުވެ އެ މަނިކުފާނު އެފަދަ ވާހަކަ ދައްކަވަނީ ޒުވާންކަމާއެކު ތަޖުރިބާ މަދުވުމުން ކަމަށް ވިދާޅުވެފައެވެ.

 

Advertisement

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް