ރިޔާސީ ނިޒާމް އޭގެ އެންމެ ފުރިހަމަގޮތުގައި ހިނގާނީ ގާނޫނުއަސާސީ އިސްލާހު ކޮށްގެންކަމަށް މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.
އާދިއެްތަ ދުވަހުގެރޭ ރާއްޖެޓީވީން ގެންސްދިން ފަލަ ސުރުޚީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ، ރާއްޖޭގައި ރިޔާސީ ނިޒާމް އެންމެ އެކަށީގެންވާ ގޮތުގައި ނުހިނގާކަމަށެވެ. އޭނާ ވިދާޅުވީ، 2008 ވަނަ އަހަރުން ފެށިގެން މިވީ ނުވަ ވަރަކަށް އަހަރު ތެރޭގައި ރައްޔިތުން އުންމީދުކުރިފަދަ ގޮތަކަށް ރިޔާސީ ނިޒާމު މަސައްކަތް ކޮށްފައިނުވާ ކަމަށެވެ.
ރިޔާސީ ނިޒާމަކީ ބަރުލަމާނީ ނިޒާމަށް ވުރެ ހިންގަން އުނދަގޫ ނިޒާމެއް ނަމަވެސް ރައްޔިތުން އެ ނިޒާމް އިޚްތިޔާރު ކުރީ، ފަސްއަހަރުގެ ރިޔާސީ ދައުރެއްގައި ވެރިކަމަށް އެއްވެސް ލޮޅުމެއްނާރާ ދެމި އޮންނަން ބޭނުންވާތީ ކަމަށް ޝަރީފް ވިދާޅުވިއެވެ. އޭނާ ވިދާޅުވިގޮތުގައި ދިވެހިރާއްޖެއިން ނަކަލުކުރީ އެމެރިކާގެ ރިޔާސީ ނިޒާމް ނަމަވެސް އޭގެ ތެރެއިން ވެސް ބަލައިނުގަނެ ދޫކޮށްލި ތަންކޮޅަކީ ރައްޔިތުންގެ 50 އިންސައްތައަށް ވުރެ މަތިން ވޯޓް ހޯދައިގެން ނޫނީ، ރައީސަކު ނުހޮވޭ އުސޫލް ކަމަށެވެ.
"އަޅުގަނޑުމެން އާ ގާނޫނު އަސާސީގެ ދަށުން ބޭއްވި ދެ އިންތިޚާބުން ވެސް ފެނިގެން ދިޔަ ނަތީޖާއަކީ، އެކަކަށް، ސިންގަލް ކެނޑިޑޭޓަކަށް ނުވަތަ ސިންގަލް ޕާޓީއަކުން ނެރޭ ކެނޑިޑޭޓެއް ނަމަވެސް 50 އިންސައްތައަށް ވުރެ މަތިން ނުހޯދޭ. އެކަމަކު އެންމެ ގިނަ ރައްޔިތުން ކަަނޑައަޅާ ރައީސަކު ހޮވުމުގެ ފުރުސަތު ނެތީމަ މިރާއްޖޭގައި މިހާރު ދިމާވެގެން މި އުޅޭ އެންމެބޮޑު މައްސަލައެއް ދިމާވެގެން މި އުޅެނީ" ޝަރީފް ވިދާޅުވިއެވެ.
ޝަރީފު ވިދާޅުވިގޮތުގައި ރިޔާސީ ނިޒާމުގައި ބަރުލަމާނީ ސިފަޖެހިގެން މި އުޅެނީ އެ ސަބަބާއި ހުރެއެެވެ. އަދި އެއްޕާޓީއަކަަށް ވުރެ ގިނަ ޕާޓީއެކުވެގެން ވެރިއަކު ހޮވުމުގެ ނިޒާމްގެ ސަބަބުން ވެސް ރިޔާސީ ނިޒާމް ރަނގަޅަށް މަސައްކަތް ނުކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.
މިގޮތަށް ނިޒާމް އޮތުމުން ރައީސުލްޖުމްހުރިއްޔާ ހުންނަވަނީ ކުދި ޕާޓީތަކުން ހައިޖެކްކޮށްފައި ކަމަށާއި، އަދި ކިތަންމެ ބޮޑު ޕާޓީއަކަށްވިޔަސް 49.5 އިންސައްތަ ރައްޔިތުންގެ ތާއީދު ލިބުނު ނަމަވެސް ދެން އޮތް 1.5 ވޯޓް ލިބޭ ފަރާތަށް ވަރަށް ފަސޭހައިން ރައީސުލްޖުމްހޫރިއްޔާ ހައިޖެކް ކުރެވޭ ބާރު ލިބިދޭ ކަމަށް ޝަރީފް ފާހަގަ ކުރެއްވިއެވެ. އެހެންކަމާއިއެކު އެއްވަނަ ބުރުން އެއްވެސް މީހަކު ނުހޮވުނީމައި ޖެހެނީ ކޯލިޝަންހަދައި 51 އިންސައްތަ ހޯދަން ކަމަށް ވިދާޅުވިއެެވެ. އަދި މިއީ އެމެރިކާއަށް ވުރެ ވެސް ދަތި އުނދަގޫގޮތަކަށް ރާއްޖޭގެ ގާނޫނުއަސާސީގައި ލިޔެވުނު ކަމެއް ކަމަށް އޭނާ ފާހަގަކުރެއްވިއެެވެ.
ޝަރީފް ވިދާޅުވީ ރާއްޖޭގެ އާއްމު ހާލަތާއި އިޖުތިމާއީ ހާލަތަށާއި، އިގްތިސާދީ ހާލަތުގެ އިތުރުން ސިޔާސީ ތާރީޚަށް ބަލައި އެކަންކަން ކުރެވުނު ނަމަ މި މައްސަލަ ނުނިކުތީސް ކަމަށެވެ. އަދި ކަންކަން ކުރިން ވިދާޅުވި ގޮތަށް އޮތް ނަމަ 2013 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާގެ ހުވާ ކުރެއްވީހީ އެމްޑީޕީގެ ކެނޑިޑޭޓް ރައީސް ނަޝީދު ކަމާމެދު ޝައްކެއް ވެސް ނެތް ކަމަށް ޝަރީފް ވިދާޅުވިއެެވެ.