2018 ވަނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި ދައުލަތުގެ ބަޖެޓުގައި ބޮޑު އަދަދެއްގެ، ގިނަ ލޯނުތަކެއް ނެގުމަށް ނިންމާފައިވުމުން އެކަމަށް އިދިކޮޅު ފަރާތްތަކުން ފާޑުކީ ނަމަވެސް އެއީ މައްސަލައެއްކަމުގައި ދެކިވަޑައިނުގަންނަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ޒުވާނުންގެ ދުވަސް ފާހަގަ ކުރުމަށް ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އެމަނިކުފަނުގެ ވިސްނުންފުޅުގައި ލޯނު ނެގުމަކީ އެއްވެސް މައްސަލައެއް ނޫން ކަމަށެވެ. އަދި ލޯނު ނަގައިގެން ނޫން ގޮތަކަށް ކަންތައްތަކެއް ކޮށްދެވިދާނެ ކަމަށް ވެސް އެމަނިކުފާނަށް ޤަބޫލުފުޅު ނުކުރެއްވޭ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. އެގޮތުން އެމަނިކުފާނު ވިދާޅުވީ ޒުވާނުންނަށް ކަންތައްތަކެއް ކޮށްދޭކަމުގައިވާ ނަމަވެސް، އެއާޕޯޓެއް ތަރައްޤީކުރަން ބޭނުންކަމުގައި ވީނަމަވެސް އެހެންކަމެއް ކުރުން ކަމުގައިވީ ނަމަވެސް ލޯނު ނަގަންޖެހޭ ކަމަށެވެ.
އެ މޭރުމުން ވާހަކަ ކުރިއަށްގެންދަވަމުން ރައީސް ޔާމީން ވިދާޅުވީ ލޯނު ނުނަގާނަމަ ޒުވާނުންނަށް ބޯހިޔާވެހިކަމެއްވެސް އެއާޕޯޓެއްވެސް ތަރައްޤީއެއްވެސް ނުލިބޭނެކަމަށެވެ. އަދި ލޯނު ނުނަގާނަމަ ރައްޔިތުން ތިބެންޖެހޭނީ ހަމަ ތިބި ހާލަތުގައިކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.
ރައީސް ޔާމީން ވިދާޅުވި ގޮތުގައި އެމަނިކުފާނުގެ ސަރުކާރުން ބޮޑެތި ލޯނުތައް ނަގަނީ ހަމައެކަނި ތަރައްޤީ ގެނެސްދެވޭނީ ލޯނު ނަގައިގެންކަމަށް ގަބޫލުކުރެވޭތީ ކަމަށެވެ. އެގޮތުން އެ ލޯނުތައް ނަގަނީ ޒުވާނުންނަށް ބޯހިޔާވަހިކަންދީ އެއާޕޯޓްތައް އަޅައި ރިސޯޓްތައް ތަރައްގީ ކުރައްވަން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"ކޮންމެ ޤައުމެއްގައިވެސް ބޭންކުތައް ހުރޭދެއްތޯ؟ އެ ބޭންކުތަކުން ލޯނު ދެއްތޯ ނަގަނީ." ރައީސް ޔާމީން ވިދާޅުވި އެވެ.
ރައީސް ޔާމީން ވިދާޅުވީ ލޯނު ނަގއިގެން ރިސްކު ނަގައިގެން ކުރިއަށްދާކަމުގައިވާނަމަ އުއްމީދު ފެންނަ ކަމަށެވެ. އަދި އެ ލޯނުތައް ނަގައިގެން އެ ލޯނުތައް ދެއްކޭ މަންޒަރު ވެސް ފެނިވަޑައިގަންނަވާ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ދުވަސްތަކަކީ އުއްމީދީ ދުވަސްތަކެކެވެ. އެގޮތުން ކުރިއަށް އޮތް ދުވަސްތަކުގައި ގިނަ ކަނަތައްތަކެއް ފެންނާނެ ކަމަށާއި، ނަމަވެސް އިދިކޮޅު ފަރާތްތަކަށް އެއިން އެއްވެސް ކަމެއް ނުފެންނާނެ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.