ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މޯލްޑިވްސް މީޑިއާ ކޮމިޝަންގެ ބިލުން ފާހަގަކުރެވޭ ކަންބޮޑުވުންތައް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާ ހިއްސާ ކުރަން މޯލްޑިވްސް މީޑިއާ ކައުންސިލުން (އެމްއެމްސީ) ނިންމައިފި އެވެ.
އެމްއެމްސީން މިގޮތަށް ނިންމާފައި މިވަނީ އެބިލްގެ ސަބަބުން ރާއްޖޭގެ ނޫސްވެރިކަން ހަނިވެ ނޫސްވެރިކަން ހުއްޓިގެން ހިނގައިދާނެ ކަމުގެ ބިރު ވަކިވަކި ނޫސްވެރިންނާއި މީޑިއާ އޮގަނައިޒޭޝަންތަކުން ފާހަގަ ކުރަމުންދާ ދަނޑިވަޅެއްގައެވެ.
އެމްއެމްސީގެ މެންބަރަކު ވިދާޅުވީ މީޑިއާ ކޮމިޝަން ބިލް މަޖިލީހަށް ހުށަހެޅުމާއެކު، އެ ބިލް ދިރާސާ ކުރުމުގެ މަސައްކަތް އެކައުންސިލްގެ މެމްބަރުން ކުރެއްވި ކަމަށާއި އެ މެމްބަރުންނަށް ފާހަގަކުރެވޭ ކަންބޮޑުވުންތައް ފާހަގަކޮށްފައިވާ ކަމަށެވެ.
މީގެ އިތުރުން ބިލާ މެދު މީޑިއާތަކުން ދެކޭ ގޮތް ބެލުމަށް، މީޑިއާގެ ވެރިންނާ ވަރަށް އަވަހަށް މަޝްވަރާ ކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެމްއެމްސީގެ މެމްބަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ބިލާ ގުޅޭ ކަންބޮޑުވުންތައް މަޖިލީހުގެ މެމްބަރުންނާ ހިއްސާ ކުރައްވާނީ ދެ ގޮތަކަށެވެ. އެގޮތުން ކައުންސިލް މެމްބަރުންގެ ކަންބޮޑުވުންތަކާއި މީޑިއާގެ ވެރިން މެދުވެރިކޮށް، ނޫސްވެރިންގެ ކަންބޮޑުވުންތައް ވަކިން މެމްބަރުންނާ ހިއްސާކޮށް، ހައްލެއް ގެނައުމަށް މަސައްކަތް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ރާއްޖެ އެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ކައުންސިލްގެ އެންމެ ބޮޑު ކަންބޮޑުވުމަކީ މީޑިއާތަކުގެ ދައުރެއް ނެތި ކޮމިޝަނަށް މެމްބަރުން އައްޔަންކޮށްފާނެތީ ކަމަށެވެ. ގިނަ ނޫސްވެރިންނާއި މީޑިޔާތަކުން ވެސް އެންމެ ބޮޑަށް ކަންބޮޑުވި އެއްކަމަކީ އެއީއެވެ.
ބްރޯޑް ކާސްޓިން ކޮމިޝަނާއި މީޑިއާ ކައުންސިލް އުވާލުމަށް ފަހު ދައުލަތުގެ އެއް މުއައްސަސާއަކުން ހުރިހާ މީޑިއާއެއް ބަލަހައްޓާ ގޮތަށް ފަރުމާކޮށްފައިވާ މިބިލުގެ ފުރަތަމަ ކިޔުން މިހާރު ވަނީ އިއްވާފައެވެ.
މިބިލް ހުށަހެޅި ސަބަބެއްގެ ގޮތުގައި ބުނެފައި ވަނީ ނޫސްވެރިކަމުގެ މިނިވަންކަން ކުރިއަރުވައި، ތަރައްގީކޮށް، ނޫސްވެރިކަމުގެ މިނިވަންކަން ދެމެހެއްޓުމާއި މީޑިއާގައި މަސައްކަތް ކުރާ ނޫސްވެރިން އަމަލުކުރަންވީ ހަމަތަކާއި ސުލޫކީ މިންގަނޑު މިހާރަށް ވުރެ ހަރުދަނާ ގޮތެއްގައި ހިންގައި ބެލެހެއްޓުމެވެ. މީޑިއާ ކޮމިޝަންގެ ބިލުގައި މީޑިއާތައް ހުއްޓުވައި ފިޔަވަޅު އެޅުމުގެ ބާރު އެ ކޮމިޝަނަށް ވަނީ ދީފަ އެވެ.
ނޫސްވެރިކަން ހަނިވާ ގޮތަށް މިފަދަ ބިލެއް ހުށަހަޅާފައިވާއިރު އަބުރު ރައްކާތެރިކުރުމާއި ޚިޔާލު ފާޅު ކުރުމުގެ ނަމުގައިވެސް ވަނީ ޤާނޫނެއް އުފައްދާފައެވެ. އެޤާނޫނުގެ ދަށުން އެކި މީޑިއާތައް ފާޅުގައި ތަފާތު ކުރަމުންދާއިރު ރާއްޖެ ޓީވީ ވަނީ ތިންފަހަރެއްގެ މަތިން 1.7 މިލިއަން ރުފިޔާއިން ޖޫރިމަނާ ކޮށްފައެވެ.