"ސިޓިޒެން، ނޮޓް ޕޮލިޓީޝަން" މި ސްލޯގަނާއި އެކު އަންނަ އަހަރަށް ސައިރިކްސް ކޮލެޖުން ކުރިއަށްގެންދާ ކޯސްތަކަށް ފުރުސަތު ހުޅުވާލައިފި އެވެ.
ސައިރިކްސް ކޮލެޖުގެ ވައިސް ރެކްޓަރ މުހައްމަދު ޝަރީފު ވިދާޅުވީ، ސައިރެކްސް ކޮލެޖުން އަންނަ އަހަރަށް ހަތަރު ދާއިރާއަކުން ކޯސްތައް ހުޅުވާލާފައިވާ ކަމަށާއި މި ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު 26 ނޮވެމްބަރުން ފެށިގެން ހުޅުވާލާފައިވާ ކަމަށެވެ. އެގޮތުން ބިސްނަސް ދާއިރާ އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާ އާއި މަލްޓީމީޑިޔާ އާއި ހިއުމެނިޓީ ދާއިރާ ހިމެނެ އެވެ.
"މިއަހަރުގެ ފަހު ކޮޅު އަޅުގަނޑުމެން ހުޅުވާލާފައިވަނީ މާސްޓާސް އިން ބިސްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާގެ އިތުރުން އިންފޮމޭޝަން ޓެކްނޮލިޖީގެ ސްޕެޝަލައިޒްޑް ކޯސްތަކެއް،" މުހައްމަދު ޝަރީފު ވިދާޅުވި އެވެ.
މީގެ އިތުރަށް އަންނަ އަހަރަށް އިންޓަރނޭޝަނަލް ބިސްނަސްގެ ދާއިރާގެ ކޯހެއް ތައާރަފް ކުރުމަށް ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މާސްޓާސް އޮފް ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ވެސް ކޯހެއް ތައާރަފް ކުރުމަށް ހަމަޖެހިފައިވާ ކަމަށް މުހައްމަދު ޝަރީފު ވިދާޅުވި އެވެ.
ސައިރިކްސް ކޮލެޖުގެ ޑީން އަނިލް އާދަމް ވިދާޅުވީ، އެކޮލެޖުން އަންނަ އަހަރަށް ކަނޑައަޅާފައިވާ ތީމަކީ ދުނިޔޭގެ އެހެން ގައުމުތަކުގައި ބޭނުން ކުރާ ތީމެއް ކަމަށާއި، ކުދިންނަށް ހަމައެކަނި ބޭނުންވަނީ ނޮލެޖު ނުވަތަ ސްކިލްއެއް ނޫން ކަމަށެވެ. ރަނގަޅު އެޓިޓިއުޑް އެއްވެސް ކިޔަވާ ކުދިންނަށް ބޭނުންވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެކަންކަން އަށަގެންގެވުމަށް އަންނަ އަހަރުގައި ވަރަށް ހާއްސަ ކަންތައްތަކެއް ރޭވިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ
"ސައިރިކްސް ކޮލެޖުން ކިޔަވައިގެން ނުކުންނަ ކުދިންނަކީ މުޖުތަމައުއަށް ބޭނުންވާ ކަހަަލަ ކުދިންނަށް ހެދުމަށް އަޅުގަނޑުމެން މަސައްކަތް ކުރަނީ. ދެން އަޅުގަނޑުމެން ނޮޓް ޕޮލިޓީޝަން ބޭނުން ކޮށްފައިވަނީ ހިއުމާއެއްގެ ގޮތުގައި. އާންމުގޮތެއްގައި ޕޮލިޓީޝަނުން މިވަނީ އެހާ ރަނގަޅު ނަމެއް ލިބިފައިވާ ބަޔަކަށް ނޫން،" އަނިލް ވިދާޅުވި އެވެ.