ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ގާނޫނީ ވަކީލުންގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގުމަށް ފަހު، އެ މައްސަލައިގައި ދައުވާ ނުކުރަން ނިންމައި މައްސަލަ ފައިލްކޮށްފި އެވެ.
އަދީބުގެ ގާނޫނީ ވަކީލު މޫސާ ސިރާޖުއާއި މަހުފޫޒު ސައީދުގެ މައްޗަށް ޖިނާއީ ތަހުގީގެއް ފަށައި، ކޯޓު އަމުރެއްގެ ދަށުން އެ ދެ ވަކީލުންގެ މޯބައިލް ފޯނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ޖުލައި 8 ވަނަ ދުވަހު އެވެ. ދެ ވަކީލުން ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް، ބަޔާން ނަގާފައިވެސް ވެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މިދިޔަ ހަފްތާގެ ތެރޭގައި ފުލުހުން ވަނީ، އެ މައްސަލައިގައި ދައުވާ ނުކުރަން ނިންމާފައިވާކަން ސިރާޖުއާއި މަހުފޫޒުއަށް އަންގާފަ އެވެ. މީގެ އިތުރުން، ފުލުހުންގެ ބެލުމުގެ ދަށުގައި އޮތް ދެ ވަކީލުންގެ މޯބައިލް ފޯނުވެސް މިހާރު ވަނީ ވަކީލުންނާ ހަވާލުކޮށްފަ އެވެ.
ދެ ވަކީލުންގެ މައްޗަށް ތަހުގީގެއް ހިންގަން ފެށީ، އަދީބު އަވަހާރަކޮށްލަން ރާވަމުންދާ ކަމަށް ލިބުނު މައުލޫމާތުގެ މައްޗަށް ބިނާކޮށް އެ މައްސަލަ ތަހުގީގު ކޮށްދޭން އެދި ފުލުހަށް ހުށަހެޅުމާއެކު އެވެ. ދެ ވަކީލުންގެ މައްޗަށް ތިން ތުހުމަތެއް ފުލުހުން ކޮށްފައިވެއެވެ. އެއީ ކަނޑައެޅިގެން ސައްހަ ނޫން މައުލޫމާތުތަކެއް ފެތުރުމާއި، ގާނޫނީ އިދާރާއެއްގެ މަސައްކަތަށް ހުރަސްއެޅުމާއި، ގާނޫނުގެ ބާރު ހިންގަން ހުރަސް އެޅުމެވެ.
މަހުފޫޒުއާއި ސިރާޖުވެސް ވިދާޅުވެފައިވާ ގޮތުގައި ޖިނާއީ ތަހުގީގެއް ހިންގަން ފެށީ، އަދީބު އަވަހާރަކޮށްލަން އުޅޭ ކަމަށް ލިބުނު މައުލޫމާތު ފޯރުކޮށްދިން ފަރާތުގެ ވަނަވަރު ހާމަކުރުމަށް ފުލުހުން އެންގުމުން، އެކަން ނުކުރެއްވުމުންނެވެ. ވަކީލުން ވިދާޅުވާ ގޮތުގައި، އެ މައުލޫމާތު ލިބުނީ ފުލުހުންގެ ތެރެއިންނެވެ.
މައުލޫމާތު ފޯރުކޮށްދިން ފަރާތް ހާމަކުރުމަށް ވަކީލުން ދެކޮޅު ހެއްދެވީ، އަދީބުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކަމަށް ވިދާޅުވެއެވެ.
ދޫނިދޫ ގޮޅީގައި އަދީބު އަވަހާރަކޮށްލުމަށް ރާވަމުންދާ ކަމަށް ބުނެ ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު އަރީފުއަށް އަދީބުގެ ވަކީލުން ސިޓީއެއް ފޮނުއްވީ ޖުލައި 3 ވަނަ ދުވަހު އެވެ.
އެހެން ނަމަވެސް، ފުލުހުން ވަނީ އެ ވާހަކައަކީ އެއްވެސް ހަގީގަތެއް ނެތް ވާހަކައެއް ކަމަށް ބުނެފަ އެވެ. ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާނު ވިދާޅުވެފައިވާ ގޮތުގައި، ދޫނިދޫ ޖަލުގައި އަދީބުއަށް ފުރިހަމަ ރައްކާތެރިކަން ދަނީ ފޯރުކޮށްދެމުންނެވެ. އަދީބުއަށް އެއްވެސް ގެއްލުމެއް ނުލިބޭނެ ކަމުގެ ޔަގީންކަން ފުލުހުން ދީފައިވެއެވެ.