ބޭސްފަރުވާއަށް ވަޑައިގެންނެވި ގޮތަށް ސިންގަޕޫރުގައި ހުންނެވި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ރާއްޖެ ވަޑައިގަތުމަށް ޓްރެވެލް ޑޮކިޔުމެންޓަކަށް އެދިވަޑައިގަތުމުން ފުލުހުންނާއި ގުޅިގެން ކުރިއަށް ގެންދިއުމަށް ކެރެކްޝަންސްއިން ގާސިމްއަށް އަންގައިފިއެވެ.
ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން ކަރެކްޝަންސްގެ މީޑިއާ އޮފިޝަލް ވިދާޅުވީ ގާސިމް އެނބުރި ރާއްޖެ ވަޑައިގަތުމަށްޓަކައި ޓްރެވެލް ޑޮކިޔުމެންޓެއް ބޭނުންފުޅުވެގެން ގާސމްގެ ފަރާތުން ކެރެކްޝަންސް އަށް ސިޓީއެއް ހުށަހެޅީ މި މަހުގެ ކުރީކޮޅު ކަމަށެވެ.
ކަރެކްޝަންސްގެ މީޑިއާ އޮފިޝަލް ވިދާޅުވީ ގާސިމްގެ ފަރާތްޕުޅުން ޓްރެވެލް ޑޮކިޔުމެންޓަކަށް އެދިވަޑައިގަތުމުން ފުލުހުންނާއި ގުޅިގެން ކުރިއަށް ގެންދިއުމަށް އެންގީ ކެރެކްޝަންސް އިން ގާސިމްއަށް ދެއްވި މުއްދަތުގައި ގާސިމް ރާއްޖެ ވަޑައިގެންފައި ނުވާތީއާއި ކެރެކްޝަންސްގެ އެންގުމާއި އެއްގޮތަށް ގާސިމް އަމަލު ކުރައްވާފައި ނުވާތީ ކަމަށެވެ.
މީގެއިތުރުން އޮފިޝަލް ވިދާޅުވީ ގާސިމްއަކީ ފިއްލަވައިގެން އުޅުއްވާ ބޭފުޅެއްކަން ކަރެކްޝަންސްގެ ފަރާތުން ފުލުހުންނަށް އަންގާފައިވާ ކަމަށާއި އެހެން ކަމުން ގާސިމް އެނބުރި ރާއްޖެ ވަޑައިގަތުމުގެ ކަންކަން ކުރިއަށް ގެންދަން ޖެހޭނީ ފުލުހުންނާއި ގުޅިގެން ކަމަށެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ފިލައިގެން އުޅޭ މީހުން ރާއްޖެ ގެނައުމުގައި އޮންނަ އުސޫލުގެ ދަށުން ގާސިމް ރާއްޖެ ގެނެއުމަށް ކުރަންޖެހޭ ކަންތައްތައް ކުރަމުންދާ ކަމަށެވެ. އެހެންނަމަވެސް، މިހާތަނަށް ފުލުހުން ކޮށްފައިވާ މަސައްކަތްތަކާ ގުޅޭ ތަފްސީލު ހާމަކުރެއްވުމަށް އޮފިޝަލް ދެކޮޅު ހެއްދެވި އެވެ.
ގާސިމް ތިން އަހަރާއި 2 މަހާއި 12 ދުވަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފައިވާއިރު، އެމަނިކުފާނު ހުންނެވީ ބޭސްފަރުވާއަށް ވަޑައިގެން ސިންގަޕޫރުގަ އެވެ. ބޭސްފަރުވާ ކުރުމަށް ސަރުކާރުން ދިން މުއްދަތު އޮކްޓޫބަރު މަހުގެ 2 ވަނަ ދުވަހު ހަމަވެފައިވާއިރު، ސަރުކާރުން މިހާރު ބަލަނީ ގާސިމް ފިއްލެވީ ކަމަށެވެ.
ބޭސްފަރުވާއަށް ގާސިމް ސިންގަޕޫރަށް ވަޑައިގެންނެވީ ސެޕްޓެމްބަރު 6 ވަނަ ދުވަހު އެވެ. ސަރުކާރުން ފުރަތަމަ ދިން 10 ދުވަހުގެ މުއްދަތު ހަމަވުމުގެ ކުރިން ސެޕްޓެމްބަރު 13 ވަނަ ދުވަހު އަނެއްކާ ވެސް 10 ދުވަސް ދިނެވެ. އެއަށް ފަހު އެ މުއްދަތު ހަމަވަމުން ސެޕްޓެމްބަރު 26 ވަނަ ދުވަހު ފަސް ދުވަސް އިތުރުކޮށްދިނެވެ.