މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ބަލަހައްޓަމުންދާ ޖަލުތަކަށް އަންނައުނު ވެއްދުން މަނާކުރުމާއި ގުޅިގެން ގައިދީންގެ އާއިލާތަކުން ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެވެ.
މި ބަދަލުގެނެއުމުގެ ކުރިން، ކަރެކްޝަނުގައި އުސޫލު އޮންނަ ގޮތުންނަމަ، ގައިދީންގެ އާއިލާތަކުން އެ ސަރވިސްއާ ހަވާލުކުރާ އަންނައުނު ގައިދީންނާ ހަވާލުކުރެ އެވެ.
އެހެން ނަމަވެސް، އޮކްޓޯބަރު މަހުގެ 15 ވަނަ ދުވަހުން ފެށިގެން، ކަރެކްޝަނުން ވަނީ ގައިދީންގެ އާއިލާތަކުން ހަވާލުކުރާ އަންނައުނު ބަލައިގަތުން ހުއްޓާލާފަ އެވެ. އަދި ޖަލުތަކަށް އެގޮތުގެ މަތިން އަންނައުނު ވެއްދުން ވަނީ މަނާކޮށްފަ އެވެ.
ކަރެކްޝަނުން ބަލަހައްޓަމުންދާ މާފުށީ ޖަލާއި، ހިންމަފުށީ ޖަލާއި، މާލޭ ޖަލުގައި ބަންދުކޮށްފައި ތިބޭ ގައިދީންނަށް މިހާރު ޖެހެނީ ޖަލު ކެންޓީނުން އަންނައުނު ގަންނާށެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މާފުށީ ޖަލާއި، ހިންމަފުށީ ޖަލުގެ އިތުރުން މާލޭ ޖަލުގެ ކެންޓީނު ހަވާލުކޮށްފައިވަނީ އެރީނާ އިންވެސްޓްމެންޓް އެންޑް މެނޭޖްމެންޓް ސަރވިސަސް ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކާއެވެ. މި ތިން ޖަލުގެ ކެންޓީނުތަކުގެ އިތުރުން ގައިދީންނަށް ކެއުންބުއިމުގެ ޚިދުމަތް ވެސް ދެމުންދަނީ މި ކުންފުނިންނެވެ.
ގައިދީންގެ އާއިލާތަކުން ހަވާލުކުރާ އަންނައުނު ޖަލަށް ވެއްދުން މަނާކުރުމަށް ފަހު، ކެންޓީނު މެދުވެރިކޮށް އަންނައުނު ގަންނަން ޖެހޭ ގޮތަށް ބަދަލުކޮށްފައިވާއިރު، ގައިދީންގެ އާއިލާތަކުން ދަނީ މި ބަދަލާ މެދު ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ. އެގޮތުން، ކެންޓީނުން އަންނައުނު ވިއްކަމުންދާ އަގުތައް ބޮޑު ކަމަށް އެފަރާތްތަކުން ދަނީ ބުނަމުންނެވެ.
ރާއްޖެއެމްވީއާ ވާހަކަ ދެއްކި ގައިދީއެއްގެ އާއިލާ މީހަކު ބުނީ މާލެއިން 250 ރުފިޔާ އަށް ގަންނަން ލިބޭ ޖީންސް، ޖަލުގައި ވިއްކަމުންދަނީ 350 ރުފިޔާއަށް ކަމަށެވެ. ނިކަމެތި އެތައް އާއިލާއެއްގެ މީހުން ހުކުމްތައް ތަންފީޒު ކުރަމުންދާއިރު، އެ އަގުތަކުގައި އަންނައުނު ގަތުމަކީ ތަކުލީފެއް ކަމަށް އޭނާ ބުންޏެވެ.
"ހަމައެކަނި ބޮޑެތި ވިޔަފާރިވެރިންނާއި، ސިޔާސީ މީހުންނެއް ނޫން ޖަލުގައި ތިބީ، އަހަރެމެން ފަދަ ނިކަމެތި މީހުންގެ ދަރިން ވެސް އެބަތިބި. ސިޔާސީ މީހުންނަށް ޖަލަށް އަންނައުނު ވެސް ވެއްދޭ، އަހަރެމެން މި ޖެހެނީ ބޮޑު އަގުގައި ގަނެ، އަނެއްކާ އަނެއް ވިޔަފާރިވެރިއެއް މުއްސަނދިކޮށް ދިނުމުގައި ބައިވެރިވާން. މިއީ ޖަލުން ހެޔޮ ނިޔަތުގައި ކުރާ ކަމެއް ނޫން،" އޭނާ ބުންޏެވެ.
ކަރެކްޝަނުގެ މީޑިއާ އޮފިޝަލް ވިދާޅުވި ގޮތުގައި، ޖަލަށް އަންނައުނު ވެއްދުން މަނާކޮށް، ޖަލުގައި އަންނައުނު ވިއްކާ ގޮތަށް އުސޫލުތައް ބަދަލުކުރަން ޖެހުނީ، ޖަލަށް ވެއްދުން މަނާތަކެތި ވެއްދުމުގެ މައްސަލަތަކާ ގުޅިގެންނެވެ. އެގޮތުން އަންނައުނުތަކާއެކު މަސްތުވާތަކެއްޗާއި، ފޯނު ފަދަ ތަކެތި ޖަލަށް އެތެރެކުރަމުން ގޮސްފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.