ބޮލީވުޑްގެ ތަރި ވަރުން ދަވަން އޭނާގެ ފޭން އަކާއި އެކީ ފޮޓޯއެއް ނެގުމުން އިންޑިއާގެ މުމްބައީ ފުލުހުން ވަރުން ދަވަންއަށް އިންޒާރު ދީ ޖޫރިމަނާ ފިއެވެ.
ވަރުންއަށް އިންޑިއާގެ ފުލުހުން އިންޒާރު ދީ ޖޫރިމަނާ ކޮށްފައިވަނީ އޭނާ ކާރުދުއްވަމުން ދަނިކޮށް ބޭރަށް ބޯދިއްކޮށް ދަތުރުކުރަމުންދިޔަ އެހްނެ ކާރެއްގައި ހުރި އޭނާގެ ފޭނަކާއިއެކު ސެލްފީއެއް ނެގުމުންނެވެ.
މުމްބާއި ފުލުހުން ކޮށްފައިވާ ޓްވީޓުގައި ބުނެފައިވަނީ މަގުމަތީގައި ދުއްވަމުންދިޔަ ކާރު މަޑުކޮށް ސެލްފީ ނަގާފައިވާތީ އެކަމަށް ވަރުންއަށް އިންޒާރުދީ ނަސޭހަތް ވެފައިވާކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި މި ފަދަ އަމަލެއް ތަކުރާރު ނުކުރުމަށް ވަނީ ބުނެފައެވެ.
ވަރުން ވަނީ އޭނާގެ މި އަމަލަށް މުމްބާއީ ފުލުހުންގެ ކިބައިން މައާފަށް އެދިފައެވެ. އޭނާ ބުނެފައިވަނީ އޭނާ ސެލްފީ ނެގީ ކާރު ޓްރެފިކް ލައިޓުގައި މަޑުކުރުމުން ކަމަށާއި އެގޮތަށް ކަންތައް ކުރީ އޭނާގެ ފޭނެއް ދެރަ ނުކުރުމަށްކަމަށެވެ. އެހެން ނަމަވެސް ދެން އެކަހަލަ އަމަލެއް ނުހިންގާނެ ކަމަށް ވަރުން ވަނީ ބުނެފައެވެ.
ވަރުން ދަވަން އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ "ޖުޅްވާ2"އިންނެވެ. އެ ފިލްމުގައި ވަރުންއާއި އެކީގައި ފެނިގެން ގޮސްފައިވަނީ ޖެކޮލިން ފެނާންޑޭޒްއެވެ.