ގަތަރުގައި ގާއިމްކޮށްފައިވާ މީޑިއާ ނެޓްވަރކް، އަލް ޖަޒީރާއަށް ބޮންއެޅުމަށް އެކުވެރި އަރަބި އިމާރާތް(ޔޫއޭއީ) ސަލާމަތީ ޚިދުމަތްތަކުގައި މަސައްކަތްކުރައްވާ އިސް އޮފިޝަލަކު ގޮވާލެއްވި މައްސަލައެއް ފެންމަތި ވެއްޖެއެވެ.
ޓްވިޓަރގައި ހުކުރު ދުވަހު ސިލްސިލާކޮށް ކުރެއްވި ޓްވީޓްތަކެއްގައި ޑުބާއީގެ ލެފްޓިނެންޓް ޖެނެރަލެއް ކަމަށްވާ ދައި ޚަލްފާން ވަނީ މިސްރުގެ ސިނާއީ ޕެނިންސިއުލާގެ މިސްކިތަކަށް ހުކުރު ދުވަހު ދިން ހަމަލާއަށް އަލްޖަޒީރާއިން ހިތްވަރުދިން ކަމަށް ތުހުމަތު ކުރައްވާފައެވެ.
"އިއްތިހާދުން އެބަޖެހޭ ޓެރެރިސްޓް މެޝިނަށް ބޮންއަޅަން..އައިއެސްއާއި އަލްގައިދާ އަދި އަލް ނުސްރާ ފްރޮންޓްގެ ޗެނަލް، އަލް ޖަޒީރާ ޓެރެރިސްޓުންނަށް" ޔޫއޭއީގެ ކުރީގެ ފުލުހުންގެ ވެރިޔާ އަދި މިހާރު އެމިރޭޓްގެ ސަލާމަތީ ކަންކަމާ ބެހޭ ވެރިޔާ، 2.42 މިލިއަން މީހުން ފޮލޯކުރާ އޭނާގެ ޓްވިޓަރ އެކައުންޓުން ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވިއެވެ.
"ކިހާދުވަހެއް ވަންދެން އެމީހުންނަށް{އަލް ޖަޒީރާ}އަށް މިސްރާއި އަރަބި ދުނިޔޭގެ ސަލާމަތީ ބާރުތައް ރުޅިއެރުވޭނީ؟" އޭނާ ޓްވީޓް ކުރައްވާފައިވެއެވެ.
މީގެ އިތުރުން އޭނާވަނީ އަލްޖަޒީރާގެ ލޯގޯގެ ފޮޓޯއަކާއެކު އައިއެސްގެ ލީޑަރު އަބޫބަކުރު އަލް ބަޣްދާދީއާއި، އަލްގައިދާގެ ކުރީގެ ލީޑަރު އުސާމާ ބިން ލާދިންއާއި، ހިޒްބުﷲގެ ލީޑަރު ހަސަން ނަސްރުﷲއާއި އުމުރުފުޅުން 91 އަހަރުގެ ދީނީ އިލްމުވެރިއެއް ކަމަށްވާ ޔޫސުފް އަލް-ޤަރަދާވީގެ ފޮޓޯއެއް ޓްވީޓް ކުރައްވާފައެވެ.
އަލް ޖަޒީރާ އަރަބިކް ގެ މެނޭޖިންގ ޑިރެކްޓަރ ޔާސިރް އަބޫހިލާލާ ވިދާޅުވީ އަލްޖަޒީރާއާ އެ އެޖެންސީގެ މުވައްޒަފުންނަށް އެއްވެސް ހަމަލާއެއް ދެވިއްޖެނަމަ އެކަމުގެ ޒިންމާ ޚަލްފާން ނަންގަވަން ޖެހިވަޑައިގަންނަވާނެ ކަމަށެވެ.
"ޔޫއޭއީއިން އެބަޖެހޭ ޚަލްފާން އެ ވިދާޅުވި އެއްޗަކަށް ރައްދުދޭން. އޭނާއަކީ ހަމައެކަނި ޔޫއޭއީގެ ރައްޔިތެއް ނޫން، އޭގެއިތުރުން އޭނާއަކީ އެގައުމުގެ ސަރުކާރުގެ އޮފިޝަލެއް" އަލް-އޫދްސް އަލް- އަރަބީގައި އަބޫހިލާލާ ހޮނިހިރު ދުވަހު ވިދާޅުވިއެވެ.
އަބޫހިލާލާ ވިދާޅުވިގޮތުގައި ސިނާއީގައި ދިން ހަމަލާގެ މޮޅިވެރިކަމުގައި ތިބި ވަގުތުގެ ބޭނުން ޚަލްފާން ހިއްޕަވަމުން އެ ގެންދަވަނީ އަލްޖަޒީރާއާމެދު ނަފްރަތު އުފެއްދުމަށެވެ.
ދައި ޚަލްފާން އެ ގެންދަވަނީ ޓެރެރިޒމްގެ އަމަލުތައް ފައްޓަވަމުން ކަމަށާއި ޓެރެރިޒަމަކީ ހަމައެކަނި ޖަރީމާއެއް ހިންގުން ނޫން ކަމަށާއި ނަފުރަތުގެ ހުޅު ރޯކުރަމަކީ ވެސް ޓެރެރިޒަމް ކަމަށް އަބޫހިލާލް ވިދާޅުވިއެވެ.
ޚަލްފާން ވަނީ އަލްޖަޒީރާއާ ބެހޭގޮތުން މީގެ ކުރިން ވެސް ރުޅިވެރިކަން އުފެދޭފަދަ ވާހަކަތައް ފަތުރުއްވާފައެވެ. ނަމަވެސް ޔޫއޭއީގައި އޮންނަ ނަފްރަތު އުފެދޭގޮތަށް ވާހަކަދެއްކުމާ ދެކޮޅު ގާނޫނުގެ ދަށުން އޭނާއަށް ފިޔަވަޅެއްއަޅާފައެއް ނުވެއެވެ.
އުމުރުފުޅުން 66 އަހަރުފުޅުގެ ޚަލްފާން މިއަހަރުގެ ކުރީކޮޅުވަނީ މުސްލިމުން އެމެރިކާއަށް އެރުން މަނާކުރުމަށް ޓްރަމްޕް ނިންމެވި ނިންމެވުމަށް ތާއީދުކުރައްވައިވެސް ޓްވީޓް ކުރައްވާފައެވެ.