މިމަހުގެ 25 ވަނަ ދުވަހަކީ އަންހެނުންނަށް ކުރާ އަނިޔާއާއި ދެކޮޅަށް މަސައްކަތް ކުރުމަށް ބައިނަލް އަގުވާމީ ގޮތުން ފާހަގަ ކުރާ ދުވަހެވެ.
އަންހެނުންނާއި އަދި އަންހެންކުދިންނަށް ކުރާ އަނިޔާއާ ދެކޮޅަށް އާންމުން ހޭލުންތެރި ކުރުވުމަށް "16 ޑޭޒް އޮފް އެކްޓިވިޒަމް" ގެ ނަމުގައި ކޮންމެ އަހަރަކުވެސް ތަފާތު ނަން ނަމުގައި ކެންޕޭން ދަނީ ހިންގަމުންނެވެ.
އަންހެންނަށް ކުރާ އަނިޔާއާއި ދެކޮޅަށް އެންމެ ފުރަތަމަ ދުނިޔޭގެ ފެންވަރުގައި ތެދުވި ޖަމިއްޔާ ސެންޓަރ ފޯ ވިމެންސް ގްލޯބަލް ލީޑަޝިޕް(ސީ.ޑަބްލިއު.ޖީ.އެލް) އިން އިސްނަގައިގެން ބާއްވާ މި ކެންޕޭނު ހިންގާތާ މިހާރު ވަނީ 26 އަހަރު ފުރިފައެވެ.
ކޮންމެ އަހަރަކުވެސް މި ކެންޕެއިން ކުރިއަށް ގެންދަނީ ނޮވެމްބަރު 25 އިން ފެށިގެން ހިއުމަން ރައިޓްސް ދުވަސް ކަމަށްވާ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހާއި ހަމައަށެވެ.
އަންހެނުންނާއި އަންހެންކުދިންނަށް ކުރާ އަނިޔާ ތަކަކީ ބައިނަލްއަގުވާމީ ގޮތުން ބޮޑު މައްސަލައަކަށް ވަނީ ވެފައެވެ. އެކި ގޮތްގޮތުން އަންހެނުންނަށް ލިބޭ އަނިޔާ ތަކުގެ ތެރޭގައި ޖިންސީ ގޮތުންނާއި، ނަފްސާނީ ގޮތުންނާއި ،ޖިސްމާނީ ގޮތުން އަދި އިޖުތިމާއީގޮތުން ލިބޭ އަނިޔާއަކީ އެންމެ ގިނައިން ރިޕޯޓް ކޮށްފައިވާ އަނިޔާތަކެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއު އެޗްއޯއިން މިއަހަރު ނެރުނު ރިޕޯޓުގައި ދުނިޔޭގެ ތިން އަންހެނުން ތެރެއިން އެއް އަންހެނަކީ އަނިޔާގެ ޝިކާރައަކަށްވެފައިވާ މީހުން ކަމަށް ވަނީ ހާމަކޮށްފައެވެ. އޭގެ ތެރޭގައި ފިރިމީހާ ނުވަތަ ބައިވެރިޔާގެ ފަރާތުން ލިބޭ އަނިޔާއާއި ޖިންސީގޮތުން ލިބޭ އަނިޔާ އަދި ނަފްސާނީ ގޮތުންނާއި ޖިސްމާނީގޮތުން ލިބޭ އަނިޔާ ހިމެނެއެވެ. މި އަނިޔާތަކުގެ ސަބަބުން އަންހެނުންނަށް ނަފްސާނީގޮތުންނާއި ޖިސްމާނީ ގޮތުން އަސަރު ކޮށް އަދި ސިއްހީ އެތަށް މައްސަލަތައް ދިމާވެފައިވާކަމަށް ޑަބްލިއުއެޗްއޯގެ ރިޕޯޓުގައި ވަނީ ހާމަކޮށްފައެވެ. އަންހެނުންނަށް އެންމެ ގިނަ އަނިޔާ ލިބެނީ ފިރިހެނުންގެ ފަރާތުން ކަމަށްވާއިރު އޭގެ ތެރެއިން ގިނަ ފިރިހެނުންނަކީ ތައުލީމީ ފެންވަރު ދަށް، ކުޑައިރު އަނިޔާ ލިބިފައިވާ މީހުންކަމަށް ޑަބްލިއުއެޗްއޯގެ ރިޕޯޓުގައި ވަނީ ފާހަގަ ކޮށްފައެވެ. އޭގެ ސަބަބުން އިތުރު އެހެނިހެން ބަލިތައްޖެހި މީހާ ބަލިކަށިވެ، ދުނިޔެމަތިން ފޫހިވެ، އަމިއްލަޔަށް މަރުވާ ހިސާބަށް ގޮސްފައިވާކަން ރިޕޯޓު ކުރެވިފައިވާ ކަމަށް ވެސް އެ ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.
ރާއްޖޭގެ އަންހެނުންގެ ހައްގަށް މަސައްކަތް ކުރާ ޖަމިއްޔާ ކަމަށްވާ ވިމެންސް ހެލްތް އެންޑް ލައިފް އެކްސްޕީރިއެންސުން ބުނާގޮތުގައި ރާއްޖޭގައި 15-49 އަހަރާއި ދެމެދުގެ ކޮންމެ ތިން އަންހެނުނަކުން އެކަކީ ޖިންސީ ނުވަތަ ޖިސްމާނީ އަނިޔާ ލިބިފައިވާ މީހެކެވެ. އަދި %30 އަންހެނުންނަށް ނަފްސާނީ އަނިޔާ ލިބިފައިވާއިރު މީގެ ތެރެއިން ދެބައިކުޅަ އެއްބައި މީހުންނަށް އަނިޔާ ކުރަނީ ފިރިމީހާ ނުވަތަ ރައްޓެހިވެގެން އުޅޭ މީހާގެ ސަބަބުންކަމަށް ވަނީ ބުނެފައެވެ.
އަންހެނުންނަށް އަނިޔާ ކުރުމާއި ދެކޮޅަށް ފާހަގަކުރާ ދުވަހާއި ގުޅުވައިގެން ޖެންޑާ މިނިސްޓަރ ޒެނީޝާ ޝަހީދު ޒަކީ ވިދާޅުވީ އެ މިނިސްޓްރީއަށް ރިޕޯޓްކުރާ އަނިޔާގެ މައްސަލަތަކުގެ ތެރެއިން އަނިޔާގެ ޝިކާރައަކަށްވާ އަންހެން ކުދިންނާއި އަންހެނުންގެ އަދަދު ނިސްބަތުން ގިނަ ކަމަށެވެ. ދިވެހިރާއްޖޭގެ ތަފާސްހިސާބުތައް ދައްކާގޮތުގައި 15 އަހަރާއި 49 އަހަރާއި ދެމެދުގެ ކޮންމެ 3 އަންހެނަކީ، މަދުވެގެން އެއް ފަހަރު އަނިޔާއެއް ތަޙައްމަލުކޮށްފައިވާ މީހެއްކަމަށް ވަނީ ވިދާޅުވެފައެވެ.
އަންހެނަކަށް އަނިޔާ ކުރާކަން އެނގޭނަމަ ނުވަތަ އޭނާ އަކީ އަނިޔާގެ ޝިކާރައަކަށް ވެފައިވާ މީހެއްނަމަ ކަމާއި ގުޅުންހުރި ފަރާތްތަކަށް ރިޕޯޓް ކުރަން ޖެހޭނެއެވެ. އަންހެނުންނަށް ކުރާ އަނިޔާތަކާއި ދެކޮޅަށް އެކި ޖަމިއްޔާތައް ހަދާފައިވާއިރު މިކުށްތައް މަދުކުރެވޭނީ އެންމެން ވެސް އެއްބާރުލުން ދީގެންނެވެ.