އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިލަންދޫ އަތުން ބަލިވެ، ގަދަ ހަތަރަކަށް ތިނަދޫ އިންތިޒާރު ކުރަން ޖެހިއްޖެއެވެ.
ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗުން ތިނަދޫގެ މައްޗަށް މިލަންދޫ ކުރިހޯދީ 2-3 ގެ ނަތީޖާއަކުންނެވެ. މިއީ މި ދެ ޓީމު ލީގުގައި ކުޅުނު ފަހު މެޗެވެ.
މި ނަތީޖާއާއެކު މިލަންދޫ ވަނީ ކުޅުނު 14 މެޗުން 14 ޕޮއިންޓް ހަމަކޮށްފައެވެ. މެޗުން ބަލިވި ތިނަދޫ އޮތީ 14 މެޗުން ލިބުނު 18 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ހަތަރުވަނައިގައެވެ.
ލީގުގެ ގަދަ ހަތަރެއްގެ މަގާމު ކަށަވަރުވާނީ އާދީއްތަ ދުވަހު ހަވީރު ގްރީން ސްޓްރީޓް އަދި ޓީސީ ސްޕޯޓްސް ކްލަބް ބައްދަލުކުރާ މެޗަށްފަހުއެވެ. ލީގުގެ ފަސްވަނައިގައި ގްރީން އޮތީ 13 ޕޮއިންޓާއެކުގައެވެ. ގްރީން އިން ޓީސީ މެޗު ކާމިޔާބުކޮށްފިނަމަ، އެޓީމަށް ގަދަ ހަތަރެއްގެ މަގާމު ކަށަވަރުވާނެއެވެ. ބަލިވެއްޖެނަމަ ގަދަ ހަތަރެއްގެ މަގާމު ލިބިގެންދާނީ ތިނަދޫއަށެވެ.
ގަލޮޅު ދަނޑުގައި ތިނަދޫ އަދި މިލަންދޫ ބައްދަލުކުރި މެޗު ފެށިގެން ތިންވަނަ މިނެޓުގައި މިލަންދޫ އިން ވަނީ މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު މިލަންދޫއަށް ކާމިޔާބުކޮށްދިނީ އިޝާން އިބްރާހިމް (ސައްޓު) އެވެ. އެހެން ނަމަވެސް އޭގެ ފަސް މިނެޓު ފަހުން ތިނަދޫ އިން ވަނީ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ އަހުމަދު ރިޒުވާން (ރިޒޭ) އެވެ.
މިލަންދޫގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި އެޓީމުން ދެވަނަ ފަހަރަށް މެޗުގެ ލީޑު ނެގީ 20 ވަނަ މިނެޓުގައި ސައްޓު ކާމިޔާބުކުރި ލަނޑާއެކުގައެވެ. އެހެންނަމަވެސް 29 ވަނަ މިނެޓުގައި ތިނަދޫ އިން ވަނީ ދެވަނަ ފަހަރަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ.
މި ލަނޑުތަކާއެކު ފުރަތަމަ ހާފް ނިމުނީ 2-2 ގެ ނަތީޖާއިން ދެޓީމު އެއްވަރުވެގެންނެވެ.
ދެވަނަ ހާފް ފެށިގެން ދެޓީމުގެ ފަރާތުން ވެސް ހަމަހަމަ ކުޅުމެއް ފެނިގެންގޮސްފައިވާއިރު، ލަނޑު ޖެހުމަށް ދެޓީމަށް ވެސް ވަނީ ފުރުސަތުތަކެއް ލިބިފައެވެ.
މިލަންދޫ އިން ތިންވަނަ ފަހަރަށް މެޗުގެ ލީޑު އަނބުރާ ހޯދީ 60 ވަނަ މިނެޓުގައެވެ. މި ލަނޑު ވެސް އެޓީމަށް ކާމިޔާބު ކޮށްދިނީ ސައްޓުއެވެ. އޭނާ ވަނީ މެޗުގައި ހެޓްރިކް ހަދާފައެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށްވެސް ހޮވުނީ ސައްޓުއެވެ.