ރައްޔިތުންނަށް ޤާނޫން އަސާސީން ލިބިދީފައިވާ ހައްޤުތައް ބޭނުން ކުރުމަށް ހުރަސް އެޅި ފަރާތްތަކާއި ކޮރަޕްޝަނާއި ވައްކަން ފަދަ ސަރުކާރުގައި ޖަރީމާތައް ހިންގި ހުރިހާ ފަރާތްތަކެއް އިންސާފްގެ ކުރިމައްޗަށް ގެންނާނެ ކަމަށް އެމްޑީޕީގެ ޗެއަރޕާސަންގެ ނައިބު މާލީ އަހުމަދު ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
ރާއްޖެ ޓީވީން ހޮނިހިރު ދުވަހުގެރޭ ގެނެސްދިން ފަލަ ސުރުޚީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އަހުމަދު ޢަބްދުﷲ ވިދާޅުވީ މިސަރުކާރުން ކިތައްމެ ވަރަކަށް އޮޅުވާލުމަށް މަސައްކަތް ކުރިނަމަވެސް ރައްޔިތުންނަށް ކަންކަން ވަރަށް ސާފު ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ ކުރީގެ މެންބަރުކަންވެސް ކުރައްވާފައިވާ އަހުމަދު ޢަބްދުﷲ ވިދާޅުވީ މިއަދު ކިތައްމެ ވަރަކަށް މިސަރުކާރުން ކަންކަން އޮޅުވާލައި، ފޮރުވާ އަދި ތަރައްޤީގެ ނަމުގައި ކުރާ އެހެނިހެން ކަންކަމުގެ އިތުރުން ތަރައްޤީގެ ނަމުގައި ނާޖާއިޒް ފައިދާތައް ނަގަމުންދާ ކަމަށެވެ.
މީގެ އިތުރުން ޤާނޫނު ނެގެހެއްޓުމަށް ކަމަށް ބުނެ ޤާނޫނާ ޚިލާފަށް ހިންގާ ޢަމަލްތަކާއި މަޖިލީހުގެ މެންބަރުންނަށް ލިބިދޭ ޤާނޫނީ ފުރުސަތު ބަންދު ކޮށްލާފައިވާ ކަމަށެވެ. އަދި ރިޔާސަތު ގެއްލިފައިވާ ބޭފުޅެއްގެ ރިޔާސަތުގައި ޤާނޫނާ ޚިލާފަށް މަޖިލީހުގައި ކަންކަން ނިންމަމުންދާ ކަމަށް އަހުމަދު ވިދާޅުވިއެވެ. އެހެންނަމަވެސް އެކަންކަން އެހެން ކުރި ކަމުގައި ވިއަސް އަބަދުވެސް މާދަމާ އަންނަ ކަމަށާއި އެކަންކަން ބެލި އެމީހުންނާ ހަމައަށް ޤާނޫނު އަރާ ހަމަކުރާނެ ކަމަށެވެ.
އަހުމަދު ވިދާޅުވީ ޤާނޫން އަސާސީ އަކީ ހަމައެކަނި ލިޔެވިފައިވާ އެއްޗެއް ނޫން ކަމަށާއި އެމައްޗަށް ޢަމަލް ކުރަން ޖެހޭ އެއްޗެއް ކަމަށެވެ. އަދި ފެނިގެން ދަނީ ޤާނޫނުގެ ތެރެއިން އިންސާފް ޤާއިމް ކުރެވޭތަން ކަމަށެވެ.
މިއަދު ދެމީހަކު އެއްވާހަކައެއް ދެ ތަނެއްގައި ދެއްކީމާ ރުހޭމީހާއާމެދު ފިޔަވަޅު ނޭޅިފައި ނުރުހޭ މީހާ ބަންދުކޮށް ހުރަގެއަށްލި ކަމުގައި ވިއަސް މާދަމާ އެކަންކަން ބަދަލުވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެމީހުންނާ ހަމައަށް ޤާނޫން އަރާ ހަމަނުކުރާނެ ކަމަށް ހީވާނަމަ އެއީ ގޯސް ހީއެއް ކަމަށްވެސް އަހުމަދު ވިދާޅުވިއެވެ.
"ކުރިއަށް އޮތް ތަނުގައި ސިޔާސީ ހަރަކާތް ހިންގުމުގެ ހައްޤު ނިގުޅައިގަންނަ ފަރާތްތަކާވެސް އަދި އެހެނިހެން ގޮތްގޮތުން ޤާނޫނާ ޚިލާފަށް ކަންކަން ކުރާ މީހުންނާ ޤާނޫން އަރާ ހަމަ ކުރާނެ. އަޅުގަނޑުމެން އެފަރާތްތައް ދުލެއް ނުކުރާނަން. އެމީހުން އިންސާފްގެ ކުރިމައްޗަށް ގެންނާނަން" އަހުމަދު ވިދާޅުވިއެވެ.
އެކަން ކުރެވޭނެ ހަމަ އެކަނި ގޮތަކީ ރައީސް ޔާމީންގެ ވެރިކަން ބަދަލު ކުރުން ކަމަށް ގުޅިފައިވާ ޕާޓީތަކުން ބުނަމުންދާއިރު އެކަން ކުރެވޭނެތޯއޭ ރާއްޖެ ޓީވީން ދެންނެވުމުން އަހުމަދު ޢަބްދުﷲ ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުން އެކަން ކުރާނެ ކަމާމެދު ޝައްކެއް ނުއުފުދޭކަމަށެވެ. އަދި ރީތިކޮށް ރައީސް ޔާމީން ބަލިކުރުމަށްފަހު މިރާއްޖޭގައި ވެރިކަމެއް ޤާއިމްކޮށް ދައުލަތުގެ މުދަލުން ވައްކަން ކުރި މީހުންގެ އަތުން އެމުދާތައްވެސް ނަގާނެ ކަމަށް އަހުމަދު ވިދާޅުވިއެވެ.
"ޤާނޫން އަސާސީ ނަގަހައްޓަން މިކުރާ މަސައްކަތް ކާމިޔާބު ވެގެން ދާނެ. ޤާނޫން އަސާސީއާ ޚިލާފަށް ޢަމަލް ކުރަމުންދާ ފަރާތްތަކާމެދު އިންސާފް ޤާއިމް ކުރެވޭނެ. ދައުލަތުގެ ޚަޒާނާއިން ވައްކަން ކޮށްފައިތިބި މީހުންގެ މުދާ، އެވައްކަން ކޮށްފަ އޮތް ކަމަށް ސާބިތުވާ ކޮންމެ މީހެއްގެ މުދާ ރައްޔިތުންގެ ޚަޒާނާއަށް ގެނެވޭނެ. ނަގާނަން"އަހުމަދު ޢަބްދުﷲ ވިދާޅުވިއެވެ.