މައްސަލަ ބޮޑުވެފައިވާ ސަންޖޭ ލީލާ ބަންސާލީގެ އައު ފިލްމު ޕަދްމަވަތީއަށް ތާއީދުކުރާކަން ހާމަކުރުމަށް، އިންޑިއަން ފިލްމްސް އެންޑް ޓީވީ ޑިރެކްޓަރޒް އެސޯސިއޭޝަނުން އިހުތިޖާޖު ކުރަން ނިންމައިފިއެވެ.
ޕަދްމަވަތީ އާއި އެ ފިލްމުގެ ޑިރެކްޓަރ ސަންޖޭ ލީލާ ބަންސާލީއަށް ތާއީދުކުރާކަން ހާމަކުރުމަށާއި، އިންޑިއާގެ ފިލްމު އުފައްދާ ފަރާތްތަކަށް ކުރިމަތިވާ ގޮންޖެހުންތަކަށް ސަމާލުކަން ހޯދުމަށް އެ އެސޯސިއޭޝަނުން ނިންމާފައި ވަނީ 26 ނޮވެމްބަރ ވާ ދުވަހު 15 މިނެޓުގެ ވަގުތަކަށް އިންޑިއާގެ ހުރިހާ ފިލްމު ސެޓުތަކުގައި މަސައްކަތް ހުއްޓާލުމަށެވެ.
އެ އެސޯސިއޭޝަނުން ބުނެފައިވަނީ، އިންޑިއާގައި އުފައްދާ ފިލްމު ތަކާއި މެދު އާންމު ގްރޫޕުތަކުން ނަފުރަތު އުފައްދައި، އެ ފިލްމުތަކާއި ދެކޮޅަށް ހިންގާ މަސައްކަތް ކުށްވެރި ކުރާ ކަމަށާއި، އެފަދަ ކަންކަމަކީ ފިލްމީ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ބިރުދެއްކުން ކަމަށެވެ.
އެ އެސޯސިއޭޝަނުން އިތުރަށް ބުނީ އެފަރާތުން ކަންތައްތައް ކުރަމުންދާނީ ޤާނޫނާއި ޤަވާއިދުގެ ތެރެއިން ކަމަށާއި، ބޮޑުވަޒީރު މޯދީގެ ސަރުކާރުން ޕަދްމަވަތީއަށް އިންސާފު ހޮދައިދޭނެ ކަމުގެ ޔަޤީންކަން އޮތް ކަމަށެވެ.
"ޕަދްމަވަތީ" އާއި ދެކޮޅަށް ހަރަކާތްތައް ހިންގަމުންދާ ފަރާތްތަކުން ބުނަމުންދަނީ ފިލްމުގައި ޕަދްމާވަތީ އާއި އަލާއުއްދީން ޚިލްޖީގެ އިޝްޤީ މަންޒަރެއް ހިމެނޭ ކަމަށާއި އެ ދެ މީހުން ބައްދަލުވާތަން ފިލްމުން ފެނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އެހެން ނަމަވެސް ޑައިރެކްޓަރ ބަންސާލީ ބުނެފައިވަނީ އެއީ ދޮގެއް ކަމަށާއި ފިލްމު ބެލުމުން އެކަން އެނގޭނެ ކަމަށެވެ.
މީގެ ކުރިން އިންޑިއާގެ ނޫހަކަށް ދީފައިވާ އިންޓަވިއުއެއްގައި ދީޕިކާ ބުނެފައިވަނީ އޭނާ އަންހެނެއްގެ ހައިސިއްޔަތުންނާއި އިންޑިއާގެ ރައްޔިތެއްގެ ހައިސިއްޔަތުން ވަރަށް ދެރަވެ ރުޅިއައިސްފައިވާ ކަމަށެވެ. އަދި އެފިލްމާއި ބެހޭގޮތުން އެކިވާހަކަތައް ދައްކަމުން ދަނީ އެ ފިލްމުގައި ވާގޮތް ނޭނގިތިބެ ކަމަށް ދީޕިކާ ވަނީ ބުނެފައެވެ. "ޕަދްމަވަތީ" އަކީ މުޅި އިންޑިއާ ފަޚުރުވެރިވާނެ ފިލްމެއް ކަމަށާއި މުޅި ދުނިޔެއަށް ޕަދްމަވަތީގެ ވާހަކަ އެނގެންޖެހޭނެ ކަމަށް ދީޕިކާ ވަނީ ބުނެފައެވެ.
މި ފިލްމު މިހާރު އޮތީ އިންޑިއާގެ ސެންސަރުބޯޑުގައެވެ. މި ފިލްމު އަންނަ ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހު ރިލީޒްކުރަން ކުރިން ނިންމާފައި އޮތް ނަމަވެސް ފިލްމު ރިލީޒްކުރާ ދުވަސް މިހާރު ވަނީ ފަސްކޮށްފައެވެ. ފިލްމު ނެރުން ލަސްކޮށްފައިވަނީ ސެންސަރުބޯޑަށް ފިލްމު ފާސްކުރުމަށް ފޮނުވުމުން އެ ބޯޑުން އެޕްލިކޭޝަން ފުރިހަމަ ނޫން ކަމަށް ބުނެ ފިލްމް އަނބުރާ ފޮނުވާލާފައި ވާތީ އަލުން އެޕްލިކޭޝަން ލުމަށް ފަހު ރިލީޒްކުރުން ލަސްވާނެތީ ކަމަށް އެ ފިލްމުގެ ޓީމުން ވަނީ ބުނެފައެވެ.