ކ. މާލެ
|
25 ނޮވެންބަރ 2017 | ހޮނިހިރު 16:22
ޕީއެސްޖީއަށް ކުޅެމުން އަންނަ ބްރެޒިލްގެ ކެޕްޓަން ނޭމާ
ޕީއެސްޖީއަށް ކުޅެމުން އަންނަ ބްރެޒިލްގެ ކެޕްޓަން ނޭމާ
ގެޓީ އިމޭޖަސް
ޕީއެސްޖީ - ނޭމާ
ޕީއެސްޖީއާއެކު އެއްބަސްވުން ނަހަދަން ބާސާގެ ރައީސް އަރިހުން ނޭމާ އެދުނު
ނޭމާ ޕީއެސްޖީއަށް ބަދަލުވީ 222 މިލިއަން ޔޫރޯގެ އަގަކަށް

ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އާއެކު އެއްބަސްވުން ނަހަދަން ބާސެލޯނާގެ ރައީސް ޖޯސެފް ބާޓެމިއުގެ އަރިހުން މިހާރު ޕީއެސްޖީއަށް ކުޅެމުން އަންނަ ބްރެޒިލްގެ ކެޕްޓަން ނޭމާ އެދުނު ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ސްޕެއިންގެ މަޝްހޫރު ކުޅިވަރު ނޫހެއް ކަމަށްވާ "މާސާ" އިން ބުނީ ވޯލްޑް ރެކޯޑް ޓްރާންސްފާ ފީއެއްގެ ދަށުން ނޭމާ ޕީއެސްޖީ އަށް ބަދަލުވެފައިވާއިރު، އެ ޓްރާންސްފާ ނަހަދައި ކެންސަލް ކުރުމަށް ބާސާގެ ރައީސްގެ އަރިހުން ނޭމާ އެދުނު ކަމަށެވެ.

އެހެން ނަމަވެސް މާސާ އިން ބުނީ ޕީއެސްޖީއަށް ނޭމާ ވިއްކާލާފައި ވަނީ އޭނާގެ އިހްތިޔާރުން ނޫން ކަމަށާއި، އެކަމާ ނޭމާ ދެކޮޅު ހެދިކަމަށެވެ. އެގޮތުން ނޭމާ ޕީއެސްޖީއަށް ވިއްކާލުމަށް އެއްބާރުލުންދީފައި ވަނީ އޭނާގެ ބައްޕަ ކަމަށް ވެސް މާސާ އިން ބުނެއެވެ.   

ނޭމާ ހޯދުމަށް ގިނަ ކްލަބްތަކުން މަސައްކަތް ކުރަނިކޮށް މިދިޔަ ޓްރާންސްފާގައި އޭނާ ވިއްކާލާފައި ވަނީ 222 މިލިއަން ޔޫރޯއަށެވެ. އޭނާ ހޯދުމަށް ޗައިނާ އަދި ޕްރިމިއާ ލީގުގެ ކްލަބްތަކުން ވެސް މަސައްކަތްކުރިއެވެ.

ބްރެޒިލްގެ ސަންޓޯސްގައި ކާމިޔާބު ދުވަސްތަކެއް ހޭދަކުރުމަށް ފަހު ނޭމާ ބާސާ އަށް ބަދަލުވީ 2013 ވަނަ އަހަރެވެ. އެގޮތުން އޭނާ ވަނީ މިހާތަނަށް އެޓީމަށް ކުޅުނު 186 މެޗުގައި 105 ލަނޑު ކާމިޔާބުކޮށް އެޓީމާއެކު ސްޕެނިޝް ލީގު ދެފަހަރު، ކޮޕާ ޑެލްރޭ ދެފަހަރު، ސްޕެނިޝް ސުޕާކަޕް، ޔުއެފާ ޗެމްޕިއަންސް ލީގު އަދި ފީފާ ކްލަބް ވޯލްޑް ކަޕް ވެސް ކާމިޔާބު ކޮށްފައެވެ.

ނޭމާ އަންނަނީ ޕީއެސްޖީއަށް ބަދަލުވެ، އެ ކްލަބުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން އޭނާ ވަނީ އެ ކްލަބަށް ކުޅުނު 14 މެޗުގައި 13 ލަނޑު ޖަހާފައެވެ.  

ބްރެޒިލް ގައުމީ ޓީމާއެކު އޮލިމްޕިކްސް ރަން މެޑަލް މިދިޔަ އަހަރު ކާމިޔާބު ކުރި ނޭމާ ވަނީ ގައުމީ ޓީމަށް ކުޅުނު 83 މެޗުގައި 53 ލަނޑު ކާމިޔާބު ކޮށްފައެވެ. މީގެ އިތުރުން އޭނާ ވަނީ ފީފާ ކޮންފެޑެރޭޝަންސް ކަޕް 2013 ވަނަ އަހަރު އަދި ސައުތް އެމެރިކަން ޔޫތް ޗެމްޕިއަންޝިޕް 2011 ވަނަ އަހަރު ބްރެޒިލްއާއެކު ކާމިޔާބު ކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 20 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް