ފުޓްބޯޅައަކީ ހަމައެކަނި ހިސާބަށް ބަލައިގެން ކުޅެވޭނެ ކުޅިވަރެއް ނޫން ކަމަށް ޔޫރަޕްގެ ޗެމްޕިއަން ރެއާލް މެޑްރިޑުގެ ކާމިޔާބު ކޯޗު ޒައިނުއްދީން ޒިދާން ބުނެފިއެވެ.
ޒިދާން މިހެން ބުނީ މިވަގުތު އަނިޔާގައި ހުރި ރެއާލް މެޑްރިޑަށް ކުޅޭ ވޭލްސްގެ ތަރި ގަރެތު ބޭލް އަށް މީޑިއާގައި ކުރިމަތިކުރުވަމުންދާ ފާޑުކިޔުންތަކަށް ރައްދުދެމުންނެވެ.
2013 ވަނަ އަހަރު ރެއާލްއަށް ބަދަލުވި ބޭލް އާ ބެހޭގޮތުން ވާހަކަ ދައްކަމުން ޒިދާން ބުނީ ފުޓްބޯޅަ އަކީ ގޯސް ގޮތްގޮތަށް ހިސާބު ހަދާނަމަ ވަރަށް ގޯސް ނަތީޖާއެއް ނިކުމެދާނެ އެއްޗެއް ކަމަށެވެ.
އެގޮތުން ފުޓްބޯޅަ އަކީ ހަމައެކަނި ހިސާބަށް ބަލަައިގެން ކުޅޭ ކުޅިވަރެއް ނޫން ކަމަށާއި ބޭލް އަހަރެމެންނަށް ކުޅޭ ކޮންމެ މެޗެއްގައި ތަފާތު ދައްކަމުން ދާ ކަމަށް އޭނާ ބުންޏެވެ.. ޒިދާން ބުނީ ބޭލްއާ ގުޅޭގޮތުން އޭނާގެ އަނިޔާގެ މައްސަލަތަކާ ގުޅުވައިގެން ވަރަށް ގިނަ ވާހަކަ މީޑިއާގައި ފަތުރާ ކަމަށާއި އެކަމަކު އެ ހުރިހާ ކަަމަކާ ދެކޮޅަށް ނުކުމެވެސް އޭނާ ކުރާ ހިތްވަރު އެންމެންނަށް ވެސް ފެންނަކަމަށް ޒިދާން ބުންޏެވެ.
" ފުޓްބޯޅަ އަކީ ހަމައެކަނި ހިސާބަށް ބަލަައިގެން ކުޅޭ ކުޅިވަރެއް ނޫން. ފުޓްބޯޅަ އަކީ ގޯސް ގޮތްގޮތަށް ހިސާބު ހަދާނަމަ ވަރަށް ގޯސް ނަތީޖާއެއް ނިކުމެދާނެ އެއްޗެއް."ޒިދާން ބުންޏެވެ.
ބޭލް ޓީމުގެ ފަރިތަކުރުންތަކުގައި މިހާރު ބައިވެރިވާން ފަށާފައިވާއިރު، ޒިދާން ބުނީ ބޭލް ވަރަށް އަވަހަށް ފެނިގެން ދާނެ ކަމަށެވެ.
އިތުރަށް ވާހަކަ ދައްކަމުން ޒިދާން ބުނީ މުހިއްމު ކަމަކީ ބޭލް ޓީމާއެކު ހުރުން ކަމަށާއި އަދި ހުރިހާ ޓްރެއިންތަކުގައި ބައިވެރިވުން ކަމަށެވެ. މިހުރިހާ ކަމަކާ އެކީ ބޭލް އަށް ކުރިއަށްދާން ހިތްވަރު ލިބޭނެކަމަށެވެ. ޒިދާން ބުނީ އޭނާ އަބަދުވެސް ވިސްނަނީ ކްލަބަށް ވެސް އަދި ކުޅުންތެރިންނަށްވެސް ރަނގަޅު ގޮތަށް ކަމަށެވެ.
ޒިދާން ބުނީ މިވަގުތު ޓީމުގައި ތިބި އެއްވެސް ކުޅުންތެރިއަކު ވިއްކާލަން ނުވިސްނާކަމަށާއި ހުރިހާ ކުޅުންތެރިންވެސް ވަރަށް މުހިންމު ކަމަށެވެ.
" ޓީމުގައި މިވަގުތު ތިބީ ހައްތާވެސް މުހިންމު ކުޅުންތެރިން. އެއްވެސް ކުޅުންތެރިޔަކު ވިއްކާލުމުގެ ވިސްނުމެއް ނެތް." ޒިދާން ބުންޏެވެ.