ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި، ރިޔާސީގަނޑުވަރު މަރާމާތު ކުރުމަށް 5.7 މިލިއަން ރުފިޔާ ޚަރަދު ކުރުމުގައި ކޮރަޕްޝަނުގެ އަމަލެއް އެކުލެވިގެންނުވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން(އޭސީސީ)އިން ކަނޑައަޅައިފި އެވެ.
ރައީސް މައުމޫންގެ ވެރިކަމުގައި، މިހާރު ސުޕްރީމް ކޯޓު ހުންނަ، ތީމުގޭ އިމާރާތް ބޭނުން ކުރަމުންދިޔައީ ރިޔާސީ ގަނޑުވަރުގެ ގޮތުގަ އެވެ. އެތަނުގެ މަރާމާތަށް 2007 ވަނަ އަހަރު 5.7 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ.
އެ ފައިސާ ޚަރަދުކޮށްފައިވަނީ ސަރުކާރުން ހަމަޖައްސާފައިވާ އުސޫލާ ޚިލާފަށް ކަމަށް ތުހުމަތުކޮށް ހުށަހެޅުނު މައްސަލަ ތަހުގީގު ކުރުމަށްފަހު އޭސީސީއިން ނެރުނު ރިޕޯޓުގައިވާ ގޮތުގައި، އިމާރާތާއި ތަކެތި މަރާމާތު ކުރުމަށް ރިޔާސީގަނޑުވަރުގެ ބަޖެޓުން 2007 ވަނަ އަހަރުކޮށްފައިވާ މައިގަނޑު ޚަރަދުތަކުގެ ތެރޭގައި ހިމެނެނީ ރާއްޖެއާއި ރާއްޖެއިން ބޭރުން ހޯދާފައިވާ ތަކެއްޗާއި، ވަޑާން، ކޮންސްޓްރަކްޝަން މަސައްކަތްކުރާ ކުންފުނިތަކާ ހަވާލުކޮށްކުރުވާފައިވާ މަސައްކަތްތަކެވެ.
އޭސީސީގެ ރިޕޯޓުގައިވާ ގޮތުގައި، ރިޔާސީގަނޑުވަރަށް ބޭނުންވާ މަރާމާތުގެ މަސައްކަތަށް ހޯދާފައިވާ ތަކެތި ގަތުމުގައި ވައުޗަރު ނިޒާމު އަދި ސަރުކާރުގެ މުދަލާއި ފައިސާބެލެހެއްޓުމާއި، ހޭދަކުރުމާއި ހިސާބުތައް ލިޔެ ބެލެހެއްޓުމުގެ ގަވާއިދުގައި ކަނޑައަޅާފައިވާ ގޮތަށް ޢަމަލުކޮށްފައިނުވިނަމަވެސް ވަކި ފަރާތަކުން ތަކެތި ހޯދުމަށް އިސްކަންދީފައިވާކަން ފާހަގަކުރެވިފައިނުވެ އެވެ.
ހަމައެއާއެކު، އިމާރާތް މަރާމާތު ކުރުމުގެ މަސައްކަތް މައިގަނޑު ދެފަރާތަކާ ޙަވާލުކޮށްގެން މަސައްކަތް ކުރުވުމުގައި ވައުޗަރު ނިޒާމު އަދި ސަރުކާރުގެ މުދަލާއި ފައިސާބެލެހެއްޓުމާއި، ހޭދަކުރުމާއި ހިސާބުތައް ލިޔެ ބެލެހެއްޓުމުގެ ގަވާއިދުގައި ކަނޑައަޅާފައިވާ ގޮތަށް އާންމުކޮށް އިއުލާނުކޮށް، އަންދާސީ ހިސާބު ހޯދާފައި ނުވަނީ ތީމުގެ އިމާރާތްކުރުމުގެ މަސައްކަތް ކުރިއަށްދިޔައިރު، އެކިފަރާތްތަކާ މަސައްކަތް ހަވާލުކޮށްގެން މަސައްކަތްކުރި އިރު، ބައެއް ފަރާތްތަކަށް ތީމުގެއިން ބޭނުންވާ ފެންވަރުގައި އެމަސައްކަތްތައް ނުކުރެވިގެން ދޫކޮށްލާފައިވާތީ ކަމަށް ރިޕޯޓުގައިވެއެވެ.
ފަހުން ކުރަންޖެހުނު މަރާމާތުގެ މަސައްކަތްތައް ތަފާތު އެހެން ފަރާތްތަކާ ހަވާލުކުރުމުގެ ބަދަލުގައި ކުރިން މަސައްކަތް ހަވާލުކުރި ފަރާތްތަކާ ހަވާލުކުރުމަށް އިސްކަންދީފައިވާ ކަމާއި، ނަމަވެސް އެފަރާތްތަކާ ޙަވާލުކުރި މަރާމާތުގެ މަސައްކަތަކީ ރިޔާސީގަނޑުވަރުގެ މެއިންޓެނެންސް މުވައްޒަފުންނަން ނުކުރެވޭ ބޮޑެތި މަސައްކަތްތައްކަން ފާހަގަކުރެވިފައިވާ ކަމަށް ވެސް އޭސީސީގެ ރިޕޯޓުގައިވެއެވެ.
މީގެ އިތުރުން، ރިޔާސީގަނޑުވަރުގެ ސެކިއުރިޓީއިންވެސް ބޭނުންވަނީ ތަފާތު އެކިފަރާތްތަކަށް ތީމުގެއަށް އެކްސެސްދިނުމުގެ ބަދަލުގައި، އާންމު ގޮތެއްގައި މަސައްކަތް ހަވާލުކުރާ ފަރާތްތަކަށް އެކްސެސް ދިނުމަށް ކަމަށް އެ ރިޕޯޓުގައިވެއެވެ. އަދި އެފަރާތްތަކާ ހަވާލުކުރާއިރުވެސް، ޢާންމުގޮތެއްގައި މަސައްކަތްކުރަން އަންނަ ވަޑާންގޭގެ މުވައްޒަފުންގެ ތެރެއިން ސެކިއުރިޓީ ޗެކްކޮށް، އެކްސެސްދެނީ ވަކި ފަރާތްތަކަކަށްކަން ތަހުގީގަށް ފާހަގަކުރެވުނު ކަމަށް ވެސް ރިޕޯޓުގައިވެއެވެ.
އޭސީސީގެ ރިޕޯޓުގައިވާ ގޮތުގައި، މި މައްސަލައިގައި ސަރުކާރުގެ މުދަލާއި ފައިސާބެލެހެއްޓުމާއި، ހޭދަކުރުމާއި ހިސާބުތައް ލިޔެ ބެލެހެއްޓުމުގެ ގަވާއިދާ ޚިލާފަށް ޚިދުމަތާއި ތަކެތި ހޯދާފައިވާކަން ފާހަގަކުރެވުނު ނަމަވެސް، ވަކި ފަރާތަކަށް ނާޖާއިޒު ފައިދާއެއް ހޯދައި ދިނުމަށް މަސައްކަތް ކޮށްފައިވާކަމުގެ ހެކި ލިބިފައިނުވެއެވެ.
އެހެންކަމުން، ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގައި ބުނާފަދަ ކޮރަޕްޝަނުގެ އަމަލެއް ހިންގާފައިވާކަމަށް ތަހުގީގަށް ބެލެވެން ނެތުމުން، މިމައްސަލައަކީ ކޮރަޕްޝަނުގެ ކުށެއް އެކުލެވިގެންނުވާ މައްސަލައެއްކަމަށް ކަނޑައަޅާ ކަމަށް ރިޕޯޓުގައިވެއެވެ.