ރާއްޖޭގައި ހުރި އެޗްއެސްބީސީ ބޭންކުގައި ހުޅުވާފައިވާ އެކައުންޓްތަކުގެ ތެެރެއިން ފަސް އަހަރަށް ވުރެ ދިގު މުއްދަތުގެ ތެރޭގައި ބޭނުން ނުކޮށް ހުރި އެކައުންޓްތައް، ބޭނުން ނުކުރާ އެކައުންޓްތައް ގޮތުގައި ކަނޑައެޅުމަށްޓަކައި އެ ކައުންޓްތަކުގެ ވެރިފަރާތްތަކުގެ ސަމާލުކަން ގެނައުމަށް އިއުލާންކޮށްފި އެވެ.
ދިވެހިރާއްޖޭގެ ބޭންކިންގއާ ބެހޭ ގާނޫނުގެ 35 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާ ގޮތުގެމަތިން، އެކައުންޓަކުން އެއްވެސް މުއާމަލާތެއް ނުކުރާތާ ނުވަތަ ބޭންކަށް ލިޔުމަކުން އަންގާފައިނުވާތާ، ފަސް އަހަރު ދުވަސް ވެފައިވާ އެކައުންޓަކީ "ޑޯމަންޓް އެކައުންޓް" (ބޭނުން ނުކުރާ އެކައުންޓް) އެއްގެ ގޮތުގައި ބެލެވޭނެ އެކައުންޓެއް ކަމަށް އެޗްއެސްބީސީން އާއްމުކޮށްފައިވާ އިއުލާނުގައި ބުނެފައި ވެއެވެ.
އެޗްއެސްބީސީން ބުނީ ބޭންކިންގ ގާނޫނުގައި ބަޔާން ކޮށްފައިވާ ގޮތުގެ މަތިން "ޑޯމަންޓް އެކައުންޓް"އެއް، އެޗްއެސްބީސީ މާލެ ބްރާންޗްގައި އޮތް ކަސްޓަމަރެއް ކަމުގައިވާނަމަ، އެފަރާތަކުން އެޗްއެސްބީސީ ގުޅުއްވުން އެދޭ ކަމަށެވެ.
މި އިއުލާނާއެކު އެޗްއެސްބީސީން ވަނީ އެ ބޭންކުގެ މާލޭ ބްރާންޗުގައި ހުރި "ޑޯމަންޓް އެކައުންޓް"ގެ ވެރިފަރާތްތަކުގެ ނަންތައް ވެސް އާއްމުކޮށްފަ އެވެ.
އެޗްއެސްބީސީން ބުނީ އެ ކައުންޓްތަކުގައި ހުރި ފައިސާ އާ 60 ދުވަހުގެ ތެރޭގައި ހަވާލުނުވާނަމަ، އެ ފައިސާ، ދިވެހިރާއްޖޭގެ ބޭންކިންގއާބެހޭ ގާނޫނުގައިވާ ގޮތުގެ މަތިން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއަށް ފޮނުވާނެ ކަމަށެވެ.
އެޗްއެސްބީސީގެ މާލޭ ބްރާންޗުގައި ހުޅުވާފައިވާ އެކައުންޓްތަކުގެ ތެރެއިން "ޑޯމަންޓް އެކައުންޓް"ގެ ގޮތުގައިވާ 98 އެކައުންޓެއްގެ ވެރިފަރާތް އެ ބޭންކުން ވަނީ އާއްމުކޮށްފަ އެވެ.