ކ. މާލެ
|
25 ނޮވެންބަރ 2017 | ހޮނިހިރު 13:39
ގެވެށި އަނިޔާ ހުއްޓުވުމާ ގުޅޭ ގާނޫނު އެކުލަވާލާފައިވަނީ 2012 ވަނަ އަހަރު
ގެވެށި އަނިޔާ ހުއްޓުވުމާ ގުޅޭ ގާނޫނު އެކުލަވާލާފައިވަނީ 2012 ވަނަ އަހަރު
މުހައްމަދު ޝަރުހާން
ގެވެށި އަނިޔާ
އަންހެނެއްގެ ހަޅޭކުގެ އަޑު، އެންމެން ކަން ބަލަން!
ގެވެށި އަނިޔާ ހުއްޓުވުމާ ގުޅޭ ގާނޫނު އެކުލަވާލާފައިވަނީ 2012 ވަނަ އަހަރު
25 ނޮވެމްބަރަކީ ބައިނަލްއަގްވަމީ ގޮތުން އަންހެނުންނަށް ކުރާ އަނިޔާއާއި ދެކޮޅަށް ގޮވާލާ ދުވަސް
މިއީ މުޖުތަމައު ވަރަށް ބޮޑަށް ހޭލުންތެރިވާންޖެހޭ މައްސަލައެއް

އަންހެނަކު ބާރަށް ހަޅޭލަވައިގަތް އަޑަށް ގޭތެރޭގައި ތިބި އެންމެން ކުޑަދޮރުތަކުންނާ ގޭގެ މައި ދޮރުން ބޭރަށް ބޯ ދިއްކުރި އެވެ. އިރު އިރު ކޮޅުން އަޑުފައްގަނޑު ގަދަވެ އެވެ. މާލޭގެ ހަނިގޯޅި ގަޑެއް ކަމުން އެ ގޯޅި ގަނޑުގައި ދިރިއުޅޭ ދިހަ ވަރަކަށް ގެއިން މީހުންތައް ނިކުމެ އެ އަޑު ބާރަށް އިވޭ ގޭގެ ސަރަހައްދަށް އެއްވި އެވެ. އެ އަންހެން މީހާ ހަޅޭއްލަވާ ގޮތުން ހީވަނީ، ވަރަށް ބޮޑަށް ތަދުވެގެން ނުވަތަ ލިބޭ އަނިޔާއަށް ސަލާމަތްވުމަށް ހަޅޭއްލަވާ ހެންނެވެ. ރުއިމާއި ހަޅޭކުގެ އަޑާއި އެކު ދުލަށްއައިހައި ހުތުރު އެއްޗެހި ގޮވަމުން އެ އަންހެން މީހާ ދިޔައެވެ.  ބައެއް ފަހަރު "އަތްދިއްޔޯއޭ" ކިޔާ ހަޅޭއް ލަވައިގަންނަ އަޑުވެސް އިވެއެވެ. އަނެއްބައި ފަހަރު "މަ މަރަނީއޭ"، " މަންމާއޭ" ވެސް ކިޔާ އަޑުނެތްކޮޅަށް ގޮވާ އަޑު އިވެއެވެ. ގާތްގަނޑަކަށް 15 ވަރަކަށް މިނެޓު ވަންދެން މި އަޑު ހުއްޓުމެއް ނެތި އިވެމުންދިޔަ އިރު ހަދާނެ ގޮތެއް ނޭނގިފައި، އެއަޑު އިވެމުންދާ ގެއާ ދިމާލަށް ބަލަހައްޓައިގެން ގޯޅި ތެރޭގައި ގިނަ ބަޔަކު ތޮށްޖެހިފައި ތިއްބެވެ. އެއްވެސް މީހަކަށް ކިހިނެތް ވީތޯ ބަލާލަން އެ އަޑު އިވޭ ދެވަނަ ފަންގިފިލާއަށް އަރާކަށްވެސް ނުކެރުނެވެ.

އެހެންނަމަވެސް، އަހަރެންގެ ބޭބެ ހުރެފައި ފުލުހުންނަށް ގުޅައި، އަންހެނަކު ވަރަށް ބާރަށް ރޯ އަޑު އިވޭކަމަށްބުނެ، ގޭގެ ނަމާއި ސަރަހައްދު ފުލުހުންނަށް ކިޔައިދީފި އެވެ. ގާތްގަނޑަކަށް 15 ވަރަކަށް މިނެޓުތެރޭގައި ފުލުހުން އެތަނަށް އައިސްފި އެވެ. ލިބެމުންދާ އަނިޔާތަކަށް ކެތް ނުވެގެން، ހަޅޭއްލަވާ އަޑު އިވެމުންދިޔަ ގޭގެ ދެވަނަ ފަންގިފިލާއަށް އައިސް  ފުލުހުން ވަނެވެ.

ފުލުހުން ވަނުމާއެކު އަޑު ވެސް ކެނޑިއްޖެ އެވެ. އޭރުވެސް އެ "ކަން ބަލަން" އެ ގޯޅި ގަނޑުގައި ގިނަ ބަޔަކު ތިއްބެވެ. ކުއްލިއަކަށް ވޭނީ އަޑަކުން ހަޅޭއްލެވި ގޭގެ ބެލްކަނިން އަންހެނަކު ބޯ ދިއްކޮށްލި އެވެ. ގާތްގަނޑަކަށް އުމުރުން 30 އަހަރުވެފައިވާ އެ އަންހެން މީހާގެ ބޯވަނީ ހޭވިފަ އެވެ. ދެލޯ ރަތްވެފައި ހުރި އިރު ލޮލުން ކޮންމެވެސް ވަރަކަށް ކަރުނައިގެ އަސަރު ހުއްޓެވެ. ދުވާލުގެ ވަގުތުކަމުން، ނިއްކުރީގައި ބޮޑު ތަންގަނޑެއް ދުޅަވެފަ ހުރިތަންވެސް ވަރަށް ސާފުކޮށް ފެންނަން ހުއްޓެވެ. ފުރަތަމަވެސް ގޮވައިގަތީ އަވަގުރާނަ އެވެ. އެތަނަށް އެއްވެފައި ތިބި އެންމެންނާ ދިމާއަށް، "ފުލުހުންނަށް ގުޅީ ކީއްވެގެންތޯ އާއި، ކަލޭމެންނާ ބެހޭ ކަންކަމާ ބެހޭށޭ ކިޔާ" އިތުރަށް ވެސް ހުތުރުބަހުން އެންމެންނާ ދިމާލަށް ގޮވުމަށްފަހު ގޭތެރެއަށް ވަދެއްޖެ އެވެ.

މިއީ މި މުޖުތަމައުގައި ހިނގި ހާދިސާއެވެ. ފުލުހުންވެސް އެގެއިން ނުކުތީ ހުސްއަތާ އެވެ. މީހަކު ހައްޔަރެއްވެސް ނުކުރެ އެވެ. އެ އަންހެން މީހާ އެއްބާރުލުން ނުދިނީ ކަމަށްވެދާނެ އެވެ. އެހެން ނަމަވެސް އެމަންޒަރު ދުށް މީހެއްގެ ހައިސިއްޔަތުން އެތައް ސުވާލުތަކެއް ހިތަށް ފޭދިގެންދިޔަ އެވެ. އެންމެ ފުރަތަމަ ފުލުހުންނަށް އެކަން ނުބެލެންވީ ސަބަބު އެއްވެސް ވަރަކަށް ގަބޫލެއް ނުކުރެވުނެވެ. އަމިއްލަ ދިރިއުޅުމުގެ ކަމެއް ނަމަވެސް އިތުރު ބަޔަކަށް މީހަކަށް އަނިޔާއެއް ކުރާކަމުގެ އިހްސާސެއް ކުރެވޭ ހިސާބުން އެކަމަށް ފިޔަވަޅެއް އެޅުމަށް މަސައްކަތް ކުރުމަކީ މަންޒަރު ފެންނަ މީހާ ނުވަތަ އަޑު އިވޭ މީހާގެ ޒިންމާއެކެވެ. އެއީ މުޖުތަމައުގައި އޮންނަންޖެހޭ ކަމެކެވެ.

މިހާދިސާގައި އެކަން ރިޕޯޓް ކުރިމީހާ ވެސް އެންމެފަހުން ގޯސްވީއެވެ. ރިޕޯޓް ނުކުރި ނަމަ، އެ އަންހެން މީހާގެ ހަޅޭކުގެ އަޑު އެއަށް ވުރެ ގިނަ އިރު ހުންނާނެކަން ކަށަވަރެވެ. އެފަދަ ހާލެއްގައި އަންހެނަކު ދިރިއުޅެނީ ކީއްވެގެންތޯ ވެސް އަހަރެންގެ ހިތަށް އެރި އެވެ. އެގޮތަށް އަނިޔާކުރުމަކީ އަމިއްލަ ފިރިމީހާ ވިޔަސް އަދި އެނޫން މީހަކަށް ވިޔަސް ކުރެވޭނެ ކަމެއް ނޫންކަން، ނުވަތަ ޖިނާއީ ކުށެއްކަން އެމީހާއަށް ނޭނގެނީ ބާއޭ ހިތަށް އެރިއެވެ. މިފަދަ ކިތަންމެ ހާދިސާ މިގައުމުގައި ހިނގާނެއެވެ. އަދި ކިތަންމެ ހާދިސާ އެއް އޮންނަ އުސޫލުގެ ތެރެއިން ރިޕޯޓް ނުކުރެވި ވެސް އޮވެދާނެއެވެ.

ރާއްޖޭގައި ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނެއް އެކުލަވާލެވިފައިވަނީ 2012 ވަނަ އަހަރު އެވެ. މިފަދަ ގާނޫނެއް ވުޖޫދަށް އައިސްފައިވަނި ދިވެހިރާއްޖޭގައި ހިނގާ ގެވެށި އަނިޔާގެ އަމަލުތައް ހުއްޓުވުމާއި މަނާކުރުމުގެ އުސޫލުތައް ކަނޑައެޅުމާއި ގެވެށި އަނިޔާގެ އަމަލުތައް ހިންގާ މީހުންނާ މެދު ފިޔަވަޅު އެޅުމުގެ އުސޫލުތައް ކަނޑައެޅުމާއި، ގެވެށި އަނިޔާގެ ޝިކާރައަކަށްވާ މީހުން ރައްކާތެރިކޮށްދިނުމާއި އެހީތެރިވެދިނުމުގެ އުސޫލުތައް ކަނޑައެޅުމުގެ ބޭނުމުގަ އެވެ. އަދި ކަމާގުޅޭ ދައުލަތުގެ މުއައްސަސާތަކުގެ ދައުރު ކަނޑައެޅުމާއި އެއް މުއައްސަސާ އަނެއް މުއައްސަސާއާ ގުޅިގެން މަސައްކަތް ކުރެވޭނެ ގޮތްތައް ކަނޑައެޅުމުގެ ގޮތުންނެވެ.

މިފަދަ އަނިޔާގެ ކޮންމެ އަމަލަކީ ނުވަތަ ކޮންމެ ހާލަތެއްގައި ކޮންމެ ގޮތަކަށް، ކޮންމެ ފެންވަރެއްގެ ބައެއްގެ މެދުގައި ހިނގިނަމަވެސް ކަނޑައެޅިގެން ގާނޫނާ ހިލާފު އަމަލެކެވެ. އެފަދަ ހާލަތެއް އަތުވެއްޖެ ނަމަ، އެކަމުގެ ޝިކާރައަކަށްވީ މީހާއަށް އެކަށީގެންވާ ރައްކާތެރިކަމާއި ހިމާޔަތް ލިބިދޭން ޖެހެ އެވެ. އަދި އެމީހަކަށް އެންމެ ލުއިފަސޭހަ މަރުހަލާގެ ތެރެއިން އިންސާފު ހޯދައިދޭންޖެހެ އެވެ.

މީހަކު ގެވެށި އަނިޔާގެ ޝިކާރައަކަށްވެއްޖެ ކަމަށް ތުހުމަތުކުރެވިއްޖެނަމަ، އެކަން ފާހަގަކުރެވޭ މީހާ ކަމާގުޅުން ހުރި ފަރާތަކަށް ރިޕޯޓް ކުރަންޖެހެ އެވެ.

އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވުމާ ދެކޮޅަށް މަސައްކަތް ކުރާ ދުވަހުގެ ގޮތުގައި 25 ނޮވެމްބަރު ފާހަގަކުރާ އިރު، ޖިސްމާނީ އަނިޔާގެ އިތުރަށް ޖިންސީ އަދި ނަފްސާނީ އަނިޔާގެ ޝިކާރައަކަށްވެފައިވާ އެތައް އަންހެނުންނެއް މި ކުޑަ ކުޑަ މުޖުތަމައުގައިވެސް އުޅެމުންދެ އެވެ. މިފަދަ ކަންކަން ހުއްޓުވޭނީ، މުޅި މުޖުތަމައު ހެލުންތެރިވެ، ކޮންމެ މީހެއްގެވެސް ފުރިހަމަ ޒިންމާ އަމިއްލައަށް ނަގައިގެންނެވެ.

 

- ކޮމެންޓް