ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމް ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރި ނަމަވެސް އަދި އެ މައްސަލަ ހައިކޯޓުން ބަލައިގަނެފައި ނުވާ ކަމަށް ގާސިމްގެ ވަކީލު ވިދާޅުވެއްޖެއެވެ.
ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން ގާސިމްގެ ޤާނޫނީ ވަކީލު ޙިސާން ހުސައިން ވިދާޅުވީ ގާސިމް ޖަލަށް ލުމަށް ކުރި ޙުކުމް ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހު ހައިކޯޓުގައި އިސްތިޢުނާފު ކޮށްފައިވާ ކަމަށެވެ. ނަމަވެސް އަދިވެސް އެ މައްސަލަ ހައިކޯޓުގައި ރަޖިސްޓްރީ ކޮށްފައި ނުވާކަމަށް ހިސާން ވިދާޅުވިއެވެ.
ހިސާން ވިދާޅުވީ ގާސިމްގެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކުރުމަށްޓަކައި ގާސިމްގެ ފަރާތުން ހުށަހަޅަން ޖެހޭ ހުރިހައި ލިޔެކިޔުމެއް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި ވިދާޅުވީ ގާސިމް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމުގެ ތަފްސީލީ ރިޕޯޓް ލިބިފައި ވަނީ އެ ލިޔުން ހޯދަށް ކްރިމިނަލް ކޯޓަށް ހުށަހެޅިތާ އެތައް ދުވަހެއް ފަހުން ކަމަށެވެ.
އެގޮތުން ހުކުމުގެ ތަފްސީލީ ރިޕޯޓް ލިބިފައި ވަނީ މި މަހުގެ 9 ވަނަ ދުވަހު ކަމަށާއި އެ ރިޕޯޓު ވެސް ހައިކޯޓަށް މިހާރު ހުށަހަޅާފައިވާ ކަމަށް ހިސާން ވިދާޅުވިއެވެ.
ގާސިމް 3 އަހަރާއި 2 މަހާއި 12 ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް ހުކުމް ކޮށްފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަަމަށް 27 މާޗް ގައި ނަގަން އޮތް ވޯޓުގެ ކުރިން، މާޗް 26 ވަނަ ދުވަހުގެ ރޭ ޖުމްހޫރީ ޕާޓީގެ އޮފީސް، މ. ކުނޫޒުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މަޖިލިސް މެންބަރުންނަށް ނުފޫޒު ފޯރުވައި، މެންބަރުންނަށް ރިޝްވަތި ހުށަހެޅުއްވި ކަމަށް ބުނެ ދައުލަތުން އުފުލި ރިޝްވަތު ދިނުމަށް ހުށަހެޅުމުގެ ދައުވާގަ އެވެ.
ގާސިމް ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައިވަނިކޮށް، ޣައިރު ހާޒިރުގައި އޯގަސްޓް 24 ވަނަ ދުވަހުގެ ރޭ އިއްވި ހުކުމުގައި ބުނެފައިވަނީ ގާސިމް ދައްކަވާފައިވާ ވާހަކައަކީ، ވަކި ބަޔަކަށް އަމާޒުކޮށް ޚާއްސަ ކުރެވިގެން ދައްކަވާފައިވާ ވާހަކައެއް ކަމާއި އާންމު ރައްޔިތުންނަށް އަމާޒުކޮށްގެން ސިޔާސީ ފަރާތްތަކުން ވަމުންދާ ސިޔާސީ ވައުދުތަކާއި، ޤާސިމް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ޚާއްސަކޮށް ދީފައިވާ ދައުވަތުގެ ޢިބާރާތާއި، ތަފާތު ވެގެންވާ ކަމަށެވެ.
ޤާސިމް ބޭނުންކުރެއްވި، ޢިބާރާތަކީ ދިވެހިރާއްޖޭގެ ސިޔާސީ މަސްރަޙުގެ ޢުރުފު ޤަބޫލުކޮށްފައިވާ ފަދަ ޢިބާރާތެއްކަން ނުވަތަ ޤާސިމްގެ ފަރާތުން ދައްކާފައިވާ ވާހަކަ އަކީ ޤާނޫނު އަސާސީއާއި ޤާނޫނީ އިމުގެ ތެރެއިން ދައްކާފައިވާ ވާހަކައެއްކަން ނުވަތަ އެނޫންވެސް ދިފާޢެއް ޤާސިމަށް ލިބިގެންވާކަން ދިފާޢު އިން ސާބިތުކޮށްދޭންޖެހޭ މިންގަނޑަށް ސާބިތުކޮށްދެވިފައިނުވާ ކަމަށް ވެސް ހުކުމުގައި ބުނެފައިވެއެވެ.
މީގެ އިތުރުން ހުކުމުގައި ބުނެފައިވަނީ ޤާސިމަށް ޝަރީޢަތަށް ހާޒިރުވުމަށް އަންގައި، ޗިޓް ފޮނުވުމުން ގިނަ ފަހަރު ތަކުގައި ގާސިމް ޝަރީޢަތަށް ހާޒިރުވެފައިނުވަނީ، ޝަރީޢަތަށް ހާޒިރުނުވެވޭ ފަދަ ބައްޔެއް ހުރެގެންކަން ޤާސިމްގެ ފަރާތުން ކޯޓަށް އަންގާފައިނުވާ ކަމަށެވެ.
އެހެން ނަމަވެސް، ޤާސިމްގެ ހުރި ބައްޔެއް ދެނެގަތުމަށްޓަކައި ރާއްޖެއިން ހެދެން ނެތް ޓެސްޓުތަކެއް ހެދުމަށް ރާއްޖެއިން ބޭރަށް ފޮނުވަންޖެހޭ ކަމަށް ޤާސިމް ބެއްލެވި ޑޮކްޓަރު ލަފާދީފައިވާކަމަށް ހުށަހަޅާފައިވާ ލިޔުންތަކުން އެނގެން އޮންނަ ކަމަށް ހުކުމުގައި ބުނެފައިވެއެވެ.
ބޭސްފަރުވާއަށް ގާސިމް ސިންގަޕޫރަށް ވަޑައިގެންނެވީ ސެޕްޓެމްބަރު 6 ވަނަ ދުވަހު އެވެ.