މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ހަތިޔާރާއެކު ކުރިއަށް ގެންދިޔަ "ރަންނަމާރި ހަންޓް" ނިންމާލައިފި އެވެ.
ހަތިޔާރާއެކު ނޮވެމްބަރު މަހުގެ 20 ން 24 ގެ ނިޔަލަށް ކުރިއަށް ގެންދިޔަ "އެކަސަސައިޒް ރަންނަމާރި ހަންޓް" އަކީ ސިފައިންގެ މަރުކަޒުތަކުގައި ކޮންމެ އަހަރަކުވެސް ހިންގަމުން އަންނަ އެކްސަސައިޒެއް ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.
މިއަހަރުގެ އެކްސަސައިޒް ސިފައިންގެ ހުރިހާ އޭރިއާތަކުގައި ކުރިއަށް ގެންގޮސްފައިވެއެވެ.
އެމްއެންޑީއެފް މާލޭ އޭރިއާއިން މާލޭ ސިޓީ (މާލެ، ވިލިމާލެ، ހުޅުލެ، ހުޅުމާލެ އަދި ކ. ތިލަފުށި) ހިމެނޭ ސަރަހައްދުގަ އާއި މާލޭގެ ވަށައިގެންވާ ކަނޑުގެ ސަރަޙައްދުގައި މި ތަމްރީނުތަކުގެ ފަރިތަކުރުންތައް ކުރިއަށް ގެންގޮސްފައިވެއެވެ.
އަދި އެމްއެންޑީއެފް ނޮދަން އޭރިއާއިން، އެ އޭރިއާގެ ހެޑްކްއޯޓަރޒް، ޅ.މާފިލާފުށީގެ އިތުރުން ޅ.ފެލިވަރުގައި ތަމްރީނުތައް ކުރިއަށްގެންގޮސްފައިވާއިރު، އެމްއެންޑީއެފް ސެންޓްރަލް އޭރިއާއިން، ލ.އަތޮޅުގެ ގުޅިފައިވާ ރަށްތަކުގައި މި އެކްސަސައިޒް ވަނީ ބާއްވާފައެވެ. މިގޮތުން، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ލ.ކައްދޫ އާއި، ލ. ގަން އަދި ލ.ފޮނަދޫގެ އިތުރުން، ތ.ތިމަރަފުއްޓާއި އެ ރަށްތައް ހިމެނޭ ކަނޑުގެ ސަރަޙައްދުގައި މި ތަމްރީނުތައް ކުރިއަށް ގެންގޮސްފައިވެއެވެ.
އެމްއެންޑީއެފް ސަދަން އޭރިއާއިން މި ތަމްރީނުތައް ބާއްވާފައިވަނީ އައްޑޫ ސިޓީގެ ގަމާއި ގުޅިފައިވާ ރަށްތައް ހިމެނޭ ކަނޑުގެ ސަރަޙައްދުގައެވެ.
އެކްސަސައިޒް ރަންނަމާރި ހަންޓްއަކީ ސިފައިން އަދާކުރަންޖެހޭ އޮޕަރޭޝަނަލް ޓާސްކްތަކަށް ތަމްރީންކޮށް ޤާބިލްކަން އިތުރުކުރުމަށާއި، އެމްއެންޑީއެފް އޭރިއާ ކޮމާންޑްތަކުގެ އޮޕަރޭޝަނަލް ރެޑިނަސް އަދި ކޭޕެބިލިޓީ ދެނެގަނެ އިތުރަށް ހަރުދަނާކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތައް ދެނެގަތުމުގެ މަޤްޞަދުގައި ސިފައިންގެ ލެވެލްގައި ބާއްވަމުން ގެންދާ އެކްސަސައިޒެއް ކަމަށް އެމްއެންޑީއެފް އިން މަޢުލޫމާތު ދެއެވެ.