ކ. މާލެ
|
25 ނޮވެންބަރ 2017 | ހޮނިހިރު 02:55
ސަޢޫދީގެ ވަލީޢަޙުދު މުޙައްމަދު ބިން ސަލްމާން
ސަޢޫދީގެ ވަލީޢަޙުދު މުޙައްމަދު ބިން ސަލްމާން
ރޮއިޓަރސް
ސައުދީ - އީރާން
އީރާނުގެ ރޫޙާނީ ލީޑަރަކީ މިޒަމާނުގެ ހިޓްލަރު: މުހައްމަދު ބިން ސަލްމާން
އީރާނަކީ ޓެރަރިޒަމަށް ހިތްވަރުދޭ ޤައުމެއް: ސަޢޫދީ، އެމެރިކާ
މެދުއިރުމަތީގެ މައްސަލަތަކުގެ އަސްލަކީ އީރާންކަމަށް މުހައްމަދު ތުހުމަތުކުރައްވާ
އީރާނުން ބުނަނީ މުހައްމަދަކީ ތަސައްރަފު ނުފުދޭ ބޭފުޅެއްކަމަށް

އީރާނުގެ ރޫޙާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީއަކީ މިޒަމާނުގެ ހިޓްލަރުގެ ގޮތުގައި ސަޢޫދީ ޢަރަބިއްޔާގެ ވަލީޢަޙުދު މުޙައްމަދު ބިން ސަލްމާން ސިފަކުރައްވައިފިއެވެ.

އެމެރިކާގެ ޓައިމްސް މަޖައްލާއިން ތައްޔާރުކުރާ މުހައްމަދު ބިން ސަލްމާންގެ ޕްރޮފައިލްއަށް މައުލޫމާތު ދެއްވަމުން މުހައްމަދު ބިން ސަލްމާން  ވިދާޅުވީ ހިޓްލަރުގެ ވިސްނުމަށް ޔޫރަޕްގައި ކާމިޔާބު ނުލިބުނުކަމަށާއި، އެވިސްނުމަށް މެދުއިރުމަތީގައިވެސް ކާމިޔާބު ނުލިބޭނެކަމަށެވެ. އެހެން ނަމަވެސް މުހައްމަދު ބިން ސަލްމާން އެއިޝާރާތްކުރެއްވީ ނާޒީ ޖަރުމަންވިލާރުތުގެ ސީދާ ކޮން ސިޔާސަތަކަށް ކަމެއް ތަފްޞީލްކޮށެއް ނުދެއްވައެވެ.

ސަޢޫދީއިންވެސް ވަނީ އީރާނަކީ ޓެރަރިޒަމަށް ހިތްވަރުދޭ އެންމެ އިސް ދައުލަތަށްވެއްޖެކަމަށް ބުނެފައެވެ. އޭގެ ކުރިން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްވަނީ އެތުހުމަތު އީރާނުގެ ބޮލުގައި އަޅުވާފައެވެ. އީރާނުން ޓެރަރިޒަމަށް ހިތްވަރުދޭކަމަށް ސަޢޫދީއާއި އެމެރިކާއިން ތުހުމަތުކުރާ މައިގަނޑު ސަބަބަކީ ޔަމަނުގެ ހޫޠީ ހަނގުރަމަވެރިންނާއި ފަލަސްޠީނުގެ ޙަމާސް ޖަމާޢަތުގެ މުޖާހިދުންނަށް އީރާނުން މަދަދުވެރިވާތީއެވެ. މުހައްމަދު ބިން ސަލްމާން އިސްވެ ހުންނަވައި މިހާރު ސަޢޫދީގެ ގުޅިފައިވާ އަސްކަރީ އިއްތިޙާދުން ގެންދަނީ ޔަމަނުގައި ހަނގުރާމަކުރަމުންނެވެ. އެގޮތުން ވެރިރަށް ސަންޢާ ހިފާފައިވާ ހޫޠީ ހަނގުރާމަވެރިންނާއި ދެކޮޅަށް ޙަމަލާތައް ދެމުންދާއިރު، މުހައްމަދު ބިން ސަލްމާން ވިދާޅުވާ ގޮތުގައި ޔަމަނުގެ 85 އިންސައްތަ މިހާރު އޮތީ ރައީސް މަންސޫރު ހާދީއަށް ވަފާތެރި ސިފައިންގެ ކޮންޓްރޯލްގެ ދަށުގައިކަމަށެވެ. އެހެން ނަމަވެސް ހޫޠީން ސަންޢާ ހިފައި، ޔަމަން އެމީހުންގެ ކޮންޓްރޯލްގެ ދަށަށް ގެންދިޔައީއްސުރެ މަންސޫރު ހާދީ ހުންނެވީ ސަޢޫދީ ޢަރަބިއްޔާގައެވެ.

ނާޒީންނާއި ފާރިސީން އެއްފަދަކޮށް މުހައްމަދު ބިން ސަލްމާން ދެއްކެވި ވާހަކަފުޅާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންވަނީ އަމާޒުވެފައެވެ. ފާޑުކިޔާ ފަރާތްތަކުން ވަނީ ހިޓްލަރާއި ހަޤީޤަތުގައި އެއް ޒާތަކަށް އުޅުއްވަނީ މުހައްމަދު ބިން ސަލްމާންކަމަށް ބުނެ ފާޑުކިޔާފައެވެ. އެގޮތުން ލުބްނާނުގެ ބޮޑުވަޒީރު ސާދު ހަރީރީ ސަޢޫދީގައި ހުންނަވައިގެން ކުއްލި ގޮތަކަށް ދެއްވި އިސްތިއުފާގެ ފަހަތުގައިވަނީ ސަޢޫދީއާއި މުހައްމަދު ބިން ސަލްމާންގެ ފިއްތުންތައްކަމަށް އީރާނާއި ލުބްނާނުން ތުހުމަތުކުރެއެވެ. އަދި އަންގާރަ ދުވަހު އަނބުރާ ބެއިރޫތަށް ވަޑައިގަތުމަށްފަހު އިސްތިއުފާ ދެއްވުން މަޑުޖައްސަވާލެއްވިކަން ހަރީރީ އިއުލާންކުރެއްވުން އެކަމުގެ ހެއްކަކަށް ފުދޭކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

އީރާނުގެ ރޫޙާނީ ލީޑާރު އާޔަތުﷲ އަލީ ޚާމަނާއީއަކީ ހިޓްލަރުކަމަށް މުހައްމަދު ބިން ސަލްމާން ވިދާޅުވުމާއި ގުޅުގެން އީރާނުން ބުނީ މުހައްމަދު ބިން ސަލްމާން އުޅުއްވަނީ ތަސައްރަފު ނުފުދޭ މީހަކު އުޅޭ ފަދައިންކަމަށެވެ. އީރާނުގެ ޚާރިޖިއްޔާގެ ތަރުޖަމާނު ބަހްރަމް ޤަސީމީ ވިދާޅުވީ ބައިނަލްއަޤްވާމީ މަސްރަހުން މުހައްމަދު ބިން ސަލްމާން ބަލައިނުގަންނަކަމަށާއި، އެކަމުގެ ސަބަބަކީ ދައްކަވާ ވާހަކަތަކާއި ކުރައްވާ ކަންތައް ތަސައްރަފު ނުފުދޭތީއާއި ޒިންމާދާރު ނޫންވީމައެވެ. އަދި މެދުއިރުމަތީގެ އެހެން ޚުދުމުހުތާރު ވެރިން ހިންގެވިމަގުން މުހައްމަދު ބިން ސަލްމާން ހިންގަވަން ފަށާފައިވާކަމަށާއި، އެމީހުންގެ ނިމުން އައި ގޮތާއިމެދު މުހައްމަދު ބިން ސަލްމާން ވިސްނަން ޖެހޭކަމަށް އީރާނުން ބުންޏެވެ.

މެދުއިރުމައްޗާއި ގަލްފްގެ މަސްރަހު މިއިން ޒަމާނަކު ހޫނު ނުވާ މިންވަރަށް ހޫނު ވެފައިވާއިރު، ފާރިސީންނާއި އަރަބިންނާއި ދެމެދު ފަނީ ވަރުގަދަ ބަހުގެ ޙަމަލާތަކެއް ބަދަލުކުރެވެމުންނެވެ. އަދި މުހައްމަދު ބިން ސަލްމާން ސަޢޫދީގެ ތަޚުތައް އިސްވެވަޑައިގަތުމަށް ތައްޔާރުވަމުންދާއިރު، އެމަނިކުފާނު ގެންދަވަނީ އިސްލާމީ ދުނިޔެއާއި އަރަބި ދުނިޔޭގައި ބާރުގަދަކުރައްވަމުންނެވެ. އަދި އީރާނާއި ދެކޮޅަށް ވަރުގަދަ ކެމްޕޭނެއް ފަށާފައިވާއިރު، އީރާނާއި ގަލްފުން ގުޅުން ބާއްވާ ހަމައެކަނި ޤައުމުކަމަށްވާ ޤަތަރާއިއެކު އޮންނަ ގުޅުން ސަޢޫދީއާއި ސަޢޫދީއަށް ވާގިވެރިވާ ގަލްފުގެ ޤައުމުތަކުން ވަނީ ކަނޑާލާފައެވެ.

އަދި އީރާނާއި ދެކޮޅަށް މަސައްކަތްކުރުމުގެ ނަމުގައި ޔަހޫދީ ދައުލަތް އިސްރާއީލާއިއެކު ސަޢޫދީއިން ސިއްރިޔާތުގައި ގުޅުން ބާއްވަމުން އަންނަކަމަށް މިހާރުވަނީ ހާމަވެފައެވެ.  

އުމުރުފުޅުން 32 އަހަރުގެ މުޙައްމަދު ބިން ސަލްމާނަކީ ސައޫދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްޢަޒީޒް އަލް ސަޢޫދުގެ ދަރިކަލެކެވެ. މުހައްމަދު ބިން ސަލްމާން ސަޢޫދީގެ ވަލީޢަހުދުގެ ނައިބަކަށް ހުންނަވަނިކޮށް މިއަހަރުގެ މެދުތެރޭ އޭރުގެ ވަލީޢަޙުދު މުހައްމަދު ބިން ނާއިފް މަޤާމުން ދުރުކުރައްވައި، ރަސްގެފާނު ސަލްމާން ވަނީ އެމަނިކުފާނުގެ ދަރިކަލުން މުހައްމަދު ބިން ސަލްމާން އެމަޤާމަށް އައްޔަން ކުރައްވާފައެވެ.

މުހައްމަދު ބިން ސަލްމާން ގެންދަވަނީ އެމަނިކުފާނުގެ ބާރު އިންތިހާއަށް ގަދަކުރައްވަމުންނެވެ. ދިފާޢީ ވަޒީރުގެ ހައިސިއްޔަތުން މިހާރުވެސް ސަޢޫދީގެ އަސްކަރިއްޔާގެ ފުރިހަމަ ކޮންޓްރޯލް މުހައްމަދު ބިން ސަލްމާންގެ އަތްޕުޅުގައި އޮތް އިރު، ޝާހީ އާއިލާގެ ތެރޭގައިވެސް މިހާރު ގެންދަވަނީ ނުފޫޒު ގަދަކުރައްވަމުންނެވެ. އެގޮތުން ކޮރަޕްޝަނާއި ދެކޮޅަށް ކުރައްވާ މަސައްކަތެއްގެ ތެރެއިންކަމަށް ވިދާޅުވެ، ސަޢޫދީގެ އެންމެ މުއްސަނދި ބައެއް ބޭފުޅުންނާއި، ކުރީގެ ބައެއް ވަޒީރުންނާއި އަދި ޝާހީ އާއިލާގެ 11 އަމީރަކު ވަނީ ހައްޔަރުކުރައްވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް