އިގްތިސާދު ކުރިއެރުވުމުގެ ނަމުގައި ދަރަނީގެ ކަނޑެއްގައި ފަތަން ބޭނުންތޯ ޕްރޮފެސަރު ހަސަން އުގެއިލް ދިވެހި ރައްޔިތުންނާއި ސުވާލު ކުރައްވައިފިއެވެ.
އަމިއްލަފުޅު ޓްވިޓާގައި ލަންކާއާއި ރާއްޖެ ޗައިނާ އަށް ދަރަނިވެރިވަމުންދާ ކަމަށް ބުނެލިޔެފައިވާ ބީބީސީގެ ރިޕޯޓެއް އެޓޭޗްކުރައްވާ ހުކުރު ދުވަހު އުގެއިލް ކުރެއްވި ޓްވީޓްގައި ވިދާޅުވީ، އިގްތިސާދީ ކުރިއެރުމުގެ ނަމުގައި ދަރަނީގެ ކަނޑެއްގައި ފަތަން ތައްޔާރުތޯއެވެ.
އަދި އަޅުގަނޑުމެންގެ ދިވެހިންގެ ޅަ ދަރިން ކުޅެ އުޅުނު ބިމުގައި އެހެން ގައުމެއްގެ ދިދަ ވިހުރޭތަން ދެކެން ތިބެން ކުޅަދާނަތޯ އުގެއިލް ވަނީ ދިވެހިންނާއި ސުވާލުކުރައްވާފައެވެ.
ފަހަކަސް އައިސް ސަރުކާރުގެ އެކިއެކި ސިޔާސަތުތަކަށް ފާޑު ވިދާޅުވަމުން ގެންދަވާ އުގެެއިލް އިތުރަށް ވިދާޅުވީ، ބޭރުގެ ބާރަކުން މި ގައުމުގެ އެންމެ އިންޗިއެއްވެސް ދަމައިގަންނަން ފުރުސަތު ދިނުމަކީ، ގައުމުގެ އިގްތިސާދަށް އޮތް ބޮޑު ނުރައްކަލެއްކަމަށެވެ.
Would you swim in a sea of debt in the name of economic progress? Would you wait to helplessly stare at their flags being hoisted on the lands your children once played? Letting a foreign power pinch even an inch of land poses a grave threat to the very sovereignty of a nation. https://t.co/CTJg0ROZLT
— Professor Ugail (@ugail) November 24, 2017
ދާދި ފަހުން އުގެއިލް ވަނީ ކުޑަ ގައުމަކުން ދުނިޔޭގެ އިގްތިސާދު ހިސޯރު ކުރާ ނަމަ އެކަން ކުރާނީ ރާއްޖެއިން ކަމަށް އިކޮނޮމިކް މިނިސްޓަރ ސައީދު ވިދާޅުވުމުން އެކަމަށް ވެސް ރައްދު ދެއްވާފައެވެ. މި ވާހަކައަށް ރައްދު ދެއްވަމުން އުގެއިލް ވިދާޅުވީ، ނަތީޖާއެއް ނުފެންނަ ކޮންސެޕްޓްތަކާއި، ބޮޑެތި ދަރަނިތަކާއެކު އެހެން ގައުމުތަކަށް ނަމޫނާ ގައުމަކަށް ރާއްޖެއަށް ނުވެވޭނެ ކަމަށެވެ. އަދި އެހެން ގައުމުތަކަށް ނަމޫނާއަކަށް ވާން ބޭނުންނަމަ، ކުރިއަށް ދާންވީ އިޚުލާސްތެރިކަމާއެކު އިލްމާއި ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަމަށެވެ.