ކ. މާލެ
|
24 ނޮވެންބަރ 2017 | ހުކުރު 17:24
މުގާބޭގެ 92 ވަނަ އުފަން ދުވަސް ފާހަގަ ކުރުމުގައި އެމަރސަން މުނާންގާގްވާ ހުސްވި އަހަރު ބައިވެރިވެ ވަޑައިގަންނަވަނީ
މުގާބޭގެ 92 ވަނަ އުފަން ދުވަސް ފާހަގަ ކުރުމުގައި އެމަރސަން މުނާންގާގްވާ ހުސްވި އަހަރު ބައިވެރިވެ ވަޑައިގަންނަވަނީ
ރޮއިޓަރސް
އެމަރސަން މުނާންގާގްވާ
ޒިމްބާބުވޭގެ އައު ރައީސް "ކިނބޫ" އެނގޭތަ؟
މުނާންގާގްވާ އަކީ ކުރީގެ ގެރިއްލާ ހަނގުރާމަވެރިޔެއް

ޒަމާންތަކަކަށް ފަހު ޒިމްބާބުވޭ އަށް އައު ރައީސަކު ހުކުރު ދުވަހު ލިބިއްޖެއެވެ. އެއީ އެމަރސަން މުނާންގާގްވާ އެވެ. ރަހުމަތްތެރިންގެ ތެރޭގައި މުނާންގާގްވާ މަޝްހޫރުވެ ވަޑައިގެންފައިވަނީ "ކިނބޫ" މި ނަމުންނެވެ. ޒިމްބާބުވޭގައި 37 އަހަރު ވެރިކަން ކުރެއްވި ރޮބަޓް މުގާބޭގެ ދިގު ވެރިކަން ކުއްލި ގޮތަކަށް ނިމި، އައު ވެރިޔަކު ގައުމާ ހަވާލުވެވަޑައިގަންނަވާތީ އެ ގައުމުގެ ގިނަ ރައްޔިތުން ތިބީ ވަރަށް އުފަލުންނެވެ.

މުގާބޭގެ ވެރިކަން ވެއްޓުނު ފަހުން މިދިޔަ ހަފްތާގެ ބުދަ ދުވަހު ސަޕޯޓަރުންނާ މުޚާތަބް ކުރައްވާ ވާހަކަފުޅު ދައްކަވަމުން މުނާންގާގްވާ ވިދާޅުވީ ޒިމްބާބުވޭ މި ކުރިމަތިލީ މުޅިން އައު ޒަމާނަކަށް ކަމުގައެވެ. އަދި އެއީ ޑިމޮކްރަސީ އާއި މިނިވަންކަން އެ ގައުމު ދެކޭނެ ޒަމާނެއް ކަމުގައެވެ. އަދި ހީނަރުވެފައިވާ އިގްތިސާދު ރަނގަޅު ކުރައްވާނެ ކަމަށާއި، ވަޒީފާތައް އުފައްދަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މުނާންގާގްވާ އަކީ މުގާބޭ ނުހަނު އިތުބާރު ކުރެއްވި އަރިސް ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގެންނެވި ބޭފުޅެކެވެ. ބައެއް ފަރާތްތަކުން ސިފަކޮށްފައިވާ ގޮތުގައި މުނާންގާގްވާ އަކީ އޭރު މުގާބޭގެ ކަނާތްޕުޅެވެ. 2014 ވަނަ އަހަރުން ފެށިގެން މުގާބޭގެ ނައިބު ރައީސެއްގެ ގޮތުގައި ހުންނަވަނިކޮށް މި އަހަރުގެ ނޮވެމްބަރު މަހުގެ ކުރީކޮޅު އޭނާ މަގާމުން ވަކި ކުރެއްވީ ކުއްލި ގޮތަކަށެވެ. ނައިބު ރައީސް ކަމުން ވަކި ކުރެއްވީ، ބޭވަފާތެރިކަމުގެ ސިފަތަކަށް މުނާންގާގްވާގެ ކިބައިން ފެނިވަޑައިގަންނަވާ ކަމަށް މުގާބޭ ވިދާޅުވެފައެވެ. މުގާބޭ މިހެން ވިދާޅުވި ނަމަވެސް، މުނާންގާގްވާ މަގާމުން ވަކި ކުރެއްވީ މުގާބޭގެ އަނބިކަނބަލުން ގްރޭސް އަށް ޒިމްބާބުވޭގެ ވެރިކަން ހޯއްދަވައިދެއްވުމަށް މަގު ކޮށްޓެވުމަށް ކަމަށް ގިނަ ފަރާތްތަކަކުން ދެކެއެވެ. އަދި މިއީ މުގާބޭ އާ ދެކޮޅަށް ގައުމުގެ އަސްކަރިއްޔާއިން ނުކުންނަ ޖެހުނު ސަބަބު ކަމަށްވެސް ގަބޫލު ކުރެވެއެވެ. މުގާބޭ އާ މުނާންގާގްވާގެ ގުޅުން ގޯސްވެގެން ދިޔަ އިރު، އެންމެ ފަހުން މުގާބޭ ވިދާޅުވީ މުނާންގާގްވާ އޭނާ ނައްތާލުމަށް ސިހުރު ހައްދަވާ ކަމަށެވެ. އަދި މުގާބޭ އަވަހާރަވާނީ ކޮން އިރަކުންތޯ ސިހުރު ހާހޫރަ ހަދާ މީހުންގެ ގާތުގައި މުނާންގާގްވާ އެއްސެވި ކަމަށްވެސް މުގާބޭ ވަނީ ތުހުމަތު ކުރައްވާފައެވެ.

މުނާންގާގްވާ އާ މުގާބޭ އަކީ، ޒިމްބާބުވޭ މިނިވަން ކުރުމަށް ކުރި ހަނގުރާމައިގައި އެކުގައި މަސައްކަތް ކުރެއްވި ދެ ބޭފުޅުންނެވެ. "ކިނބޫ" ގެ ނަން އޭނާ އަށް ދެވުނީ ގެރިއްލާ ހަނގުރާވެރިއެއްގެ ގޮތުގައި މި ހަނގުރާމައިގެ ތެރޭގައި އޭނާ އަދާކުރެއްވި ރޯލުގެ ސަބަބުންނެވެ. މި ހަނގުރާމައިގެ ނަތީޖާއެއްގެ ގޮތުން އެ ގައުމަށް 1980 ވަނަ އަހަރު މިނިވަންކަން ލިބުނެވެ. މިނިވަންވި ފަހުން ޒިމްބާބުވޭގައި މުގާބޭގެ ވެރިކަން ނޫން އެހެން ވެރިކަމެއް އެ ގައުމުގެ ރައްޔިތުންނެއް ނުދެކެއެވެ. މި ދިގު ވެރިކަމުގެ ތެރޭގައި މުނާންގާގްވާ ހުންނެވީ މުގާބޭގެ އަރިސް ބޭފުޅެއްގެ ގޮތުގައެވެ. މުގާބޭގެ ޕާސަނަލް އެސިސްޓެންޓެއްގެ ގޮތުންނާއި މުގާބޭގެ ހަށިފާރަވެރިއެއްގެ ގޮތުގައިވެސް މުނާންގާގްވާ މުގާބޭއަށް ޚިދުމަތް ކުރެއްވިއެވެ. އޭގެ އިތުރުން އަސްކަރީ އިސް މަގާމުތަކާއި، މުގާބޭގެ ސަރުކާރުގެ މުހިންމު އެތައް މަގާމުތަކެއް މުނާންގާގްވާ ފުރުއްވިއެވެ. އޭގެ ތެރޭގައި ފިނޭންސް މިނިސްޓަރުކަން ވެސް ހިމެނެއެވެ.

މުނާންގާގްވާ އުފަންވެ ވަޑައިގަތީ ޒިމްބާބުވޭގެ މެދުތެރޭގެ ސަރަހައްދެއް ކަމަށްވާ ޒްވިޝަވާން އަށެވެ. ވަރަށް ތުއްޕުޅު އިރުގައި އާއިލާ އާއެކު ގައުމު ދޫކުރައްވާ ޒެމްބިއާއަށް ހިޖްރަ ކުރެއްވިއެވެ. އެއީ ސަރަހައްދަ ދޮން މީހުން ވަޒަންވެރިވެ އަތްގަދަ ކުރަމުން ދިއުމާ ދެކޮޅަށް މުނާންގާގްވާގެ ބައްޕަ ކުރެއްވި މަސައްކަތްތަކުގެ ސަބަބުން އާއިލާ އަށް ނުރައްކާ ބޮޑުވުމުގެ ސަބަބުންނެވެ. ޒެމްބިއާގައި ކިޔަވާވިދާޅުވާން އުޅުއްވި އިރު، ސިޔާސީ ކަންކަމުގައި ހަރާތްތެރިވެ ވަޑައިގަންނަވާތީ އޭނާ ސްކޫލް ކަނޑާލާ ބޭރުކޮށްލިއެވެ. އުމުރުފުޅުން 16 އަހަރުގައި، އިނގިރޭސިންގެ އިސްތިއުމާރުގެ ދަށުގައި ރޮޑީޝިއާގެ ގޮތުގައި ޒިމްބާބުވޭ އޮތް އިރު، މީހުން ދަތުރު ކުރި ބަހެއް ގޮއްވާލުމުގައި ބައިވެރިވި ކުށުގައި 10 އަހަރުގެ ޖަލު ހުކުމެއް އޭނާގެ މައްޗަށް އައެވެ. ޖަލުގައި އޭނާ ހޭދަކުރެއްވި ދުވަސްތަކުގައި ޖިސްމާނީ ބޮޑެތި އަނިޔާތަކެއް ލިބުނު ކަމަށް ރިޕޯޓުތަކުގައި ވެއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން، އެއް ކަންފަތްޕުޅުގެ އަޑުއިވުން ގެއްލުނެވެ. ޖަލުގައި ހުންނެވި އިރު އޭނާގެ ގިނަ ވަގުތު ހޭދަ ކުރެއްވީ ކިޔަވާވިދާޅުވުމަށެވެ. އަދި ޖަލުން މިނިވަން ވުމާއެކު ޔުނިވަސިޓީ އޮފް ޒެމްބިއާއިން ލޯ ޑިގުރީ އެއް އޭނާ ހާސިލް ކުރެއްވިއެވެ. ފަހުން ޗައިނާ އާއި މިސްރުގައި އޭނާ މިލިޓަރީ ތަމްރީން ހެއްދެވިއެވެ. މުނާންގާގްވާ އަކީ ޗައިނާ އާ ގާތް ގުޅުމެއް ބާއްވަވާ ބެފުޅެކެވެ.

އައު ޒިމްބާބުވޭގެ ނިޝާނެއްގެ ގޮތުގައި މުނާންގާގްވާ ވެވަޑައިގަތުމަށް އުއްމީދު ކުރެއްވި ނަމަވެސް، މާޒީއަށް ބަލާއިރު، މުގާބޭގެ އަނިޔާވެރި ވެރިކަން ދެމެހެއްޓުމުގައި މުނާންގާގްވާ ކުރައްވާފައިވާ ނުރަނގަޅު އެތައް ކަމެއް މީހުންގެ ހަނދާނުން މުޅިން ފިލައިގެން ދިޔަ ކަމަކަށް ނުބެލެއެވެ. މަގާމާ ހަވާލުވެ ވަޑައިގަތުމާއެކު އެވާހަކަތައް އަނެއްކާވެސް ފެންމަތިވެއްޖެއެވެ.

މުނާންގާގްވާ ޒިމްބާބުވޭގެ މިނިސްޓަރ ފޯ ސްޓޭޓް ސެކިއުރިޓީގެ މަގާމުގައި 1980 ގެ އަހަރު ތަކުގެ ތެރޭގައި ހުންނެވި އިރު މުގާބޭގެ އޯޑަރަށް ހިންގެވި ކަމަށް ތުހުމަތު ކުރެވޭ ގަތުލު އާއްމަކީ އޭނާގެ ސިޔާސީ ހަޔާތައް އެޅިފައިވާ އެންމެ ބޮޑު އެއް ހިޔަނި ކަމުގައި ފާޑު ކިޔާ ފަރާތްތަކުން ދެކެއެވެ. ޒިމްބާބުވޭގެ މެޓަބީލީލޭންޑްގެ އުންޑެބެލޭ ދަރިކޮޅު ނައްތާލުމަށް އުތުރު ކޮރެއާއިން ތަމްރީން ހޯދާފައިވާ ފިފްތް ބްރިގޭޑްގެ ސިފައިން ހިންގި ގަތުލު އާއްމުގައި މުނާންގާގްވާގެ ދައުރެއް ނޯންނާނެ ކަމަށް އޭނާ ގެންދަވަނީ ވިދާޅުވަމުންނެވެ. މިހާދިސާގެ ވިހިހާސް އާއްމު ރައްޔިތުން މަރުވެފައިވެއެވެ.

ޒިމްބާބުވޭގެ އިނދަޖެހިފައިވާ އިގްތިސާދު ނަގާ ކޮޅަށް ޖެހުމަކީ އައު ރައީސަށް ކުރިމަތިވެވަޑައިގަންނަވާނެ އެންމެ ބޮޑު ގޮންޖެހުން ކަމުގައި ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ. މުގާބޭގެ ވެރިކަމުގައި ގެންނެވި ގާނޫނީ ބަދަލުތަކެއްގެ ސަބަބުންނާއި އެގައުމާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ގައުމުގެ އިގްތިސާދު މުޅިންވަނީ ހަލާކުވެފައެވެ.

މުނާންގާގްވާ އަކީ ޒިމްބާބުވޭގެ ބޮޑެތި ވިޔަފާރިވެރިންނާ ގުޅުން ރަނގަޅު ބޭފުޅެއް ކަމަށް ވެއެވެ. ބެލެވޭ ގޮތުގައި މުގާބޭ ގެންނެވި ގާނޫނީ ބަދަލުތައް އިސްލާހު ކުރެއްވުމަށް މުނާންގާގްވާ އަވަސް ފިޔަވަޅުތަކެއް އަޅުއްވާނެ ކަމަށް ބެލެއެވެ. މިގޮތުން، ކޮންމެ ކުންފުންޏެއްގެ ހިއްސާ މަދުވެގެން 51 އިން ސައްތަ އޮންނަންޖެހޭނީ ކަޅު ނަސްލުގެ މީހުންގެ އަތުގައި ކަމަށް އޮންނަ އޮތުމާއި، ދޮން މީހުންގެ އަތުން ދަނޑުބިންތައް އަތުލުން ފަދަ ކަންކަން ބަދަލު ކުރައްވާނެ ކަމަށް ބެލެއެވެ.

މުނާންގާގްވާ ގެ ވެރިކަން ފެށިގެންދާއިރު، މުގާބޭ އާއި މުގާބޭގެ އަނބިކަނބަލުން ގްރޭސް އަށް ތާއީދު ކުރާ ފަރާތްތަކަށް މުނާންގާގްވާ ހަރުކަށި ފިޔަވަޅުތައް އަޅުއްވާ ސިޔާސީ ގޮތުން އިދިކޮޅު ފަރާތްތައް ނައްތާލެއްވުމަށް މުނާންގާގްވާ މަސައްކަތް ކުރައްވައިފާނެ ކަމުގެ ބިރު އޮތް ކަމަށް ބައެއް ފަރާތްތަކުން ދެކެއެވެ.

މުގާބޭގެ ވެރިކަމުގެ މަތިން ފޫހިވެފައިވާ ޒިމްބާބުވޭގެ ގިނަ އާއްމު ރައްޔިތުންނަށް 37 އަހަރުވީ ދިގު ވެރިކަން ނޫން ކޮންމެ ވެރިކަމަކީވެސް އެމީހުންނަށް ހެޔޮ ބަދަލެކެވެ. ގިނަ ބަޔަކު މުނާންގާގްވާ ގައުމުގެ ވެރިކަމާ ހަވާލުވެވަޑައިގަތުމުން އުފާ ފާޅު ކުރަމުންދާއިރު، އުފެދިފައިވާ ސުވާލަކީ، ޒިމްބާބުވޭ އަށް ބޭނުންވެފައިވާ އިސްލާހީ ބަދަލުތަކުގެ އެޖެންޓަކަށް މުނާންގާގްވާ ވެވަޑައިގެންފާނެބާވައެވެ؟ ނޫންނަމަ މިއީ ހަމައެކަނި ވެރިކަމުގެ މޫނު ބަދަލުވީ ނޫން ބާވައެވެ؟

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ދެލިކޮޕީ
- ކޮމެންޓް