ޒިމްބާބުވޭގެ ރައީސްކަމުގެ ހުވާ އެމަސަން ނަންގަގްވާ ކުރެއްވި ރަސްމިއްޔާތުގައި އެގައުމުގެ ކުރީގެ ރައީސް ރޮބަޓް މުގާބޭ އަށް ބައިވެރިވެވަޑައިނުގެންނެވުނީ އަރާމު ކުރައްވަން އެމަނިކުފާނު ޖެހިވަޑައިގަތުމުގެ ސަބަބުން ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
ނަންގަގްވާގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި މުގާބޭ އަށް ބައިވެރިވެވަޑައިނުގެންނެވުނު ސަބަބަކަށް ރަސްމީ ގޮތުން ހާމަކޮށްފައިވަނީ، އުމުރުން 93 އަހަރު ފުޅުވެފައިވާ އިރު، އަރާމު ކުރައްވަން ބޭނުންފުޅުވުން ކަމުގައެވެ.
ޒިމްބާބުވޭގައި ހަރަކާތްތެރިވާ ބީބީސީގެ ރިޕޯޓަރުންނާ ހަވާލާދީ ރިޕޯޓުތައް ބުނަނީ ކުރީގެ ރައީސް މުގާބޭ، ނަންގަގްވާގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތައް ވަޑައިނުގެންނެވުމުން ދޭހަވެގެން ދިޔައީ ވެރިކަން ބަދަލުވެގެން ދިޔައީ އާދަ ހިލާފަށްކަން ކަމަށާއި އަދި މުގާބޭ އަމިއްލަފުޅަށް އިސްތިއުފާ ދެއްވިއަސް، އިސްތިއުފާ ދެއްވީ އަސްކަރިއްޔާ އިން މަޖުބޫރުކޮށްގެން ކަމަށެވެ.
ބުރާސްފަތި ދުވަހު ރިޕޯޓުތައް ބުނެފައި ވަނީ މުގާބޭ އަށް އެމަނިކުފާނުގެ ދައުރުގައި ކުރެއްވި އެއްވެސް ކަމަކަށް ދައުވާ އެއް ނުއުފުލޭނެ ކަމަށެވެ. ޒިމްބާބްވޭގެ މީޑިއާ ރިޕޯޓުތައް ބުނާގޮތުން ރައީސްކަމުގެ ހުވާ ކުރެއްވި ނަންގަގްވާ ވަނީ މުގާބޭ ގެ އާއިލާ އަށް "އެންމެ ފުރިހަމަ ހިމާޔަތާއި ރައްކާތެރިކަން" ދީފައެވެ.
ޒިމްބާބުވޭގެ ދައުލަތުގެ ނޫސް މީޑިއާ ކަމަށްވާ "ދަ ހެރަލްޑް" އިން ބުނެފައި ވަނީ "އަލަށް ވަޑައިގަންނަވާ ރައީސް އަށް ރައީސް މުގާބޭ ހެޔޮއެދުން ފޮނުއްވި ކަމަށެވެ."
ރޮބަޓް މުގާބޭގެ 37 އަހަރުވީ ވެރިކަން މިދިޔަ އަންގާރަ ދުވަހު ނިމުމަކަށް އައިސްފައިވާއިރު، އަލަށް ރައީސްކަމާ ހަވާލުވެވަޑައިގެންނެވި ނަންގަގްވާ ރައީސްކަމުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު އޮތީ ވެރިރަށް ހަރާރޭގެ މައި ސްޓޭޑަމެއްގައެވެ. ހުވާކުރުމުގެ ރަސްމިއްޔާތައް އައުމަށް ޒިމްބާބްވޭގެ ސަރުކާރުން އެގައުމުގެ ރައްޔިތުންނަށް ގޮވާލުމުން ގިނަ އަދަދެއްގެ ބަޔަކު އެތަނަށް ޖަމާވިއެވެ. އަދި އެފްރިކާގެ އެހެން ބައެއް ޤައުމުތަކުގެ ވެރިން ވެސް އެރަސްމިއްޔާތަށް ވަޑައިގެންނެވިއެވެ.
ޒިމްބާބްވޭގެ ރައީސްކަމުން ރޮބާޓް މުގާބޭ އަންގާރަ ދުވަހު އިސްތިއުފާ ދެއްވާފައިވާއިރު، މުގާބޭ އިސްތިއުފާ ދެއްވާފައި ވަނީ މުގާބޭ ވަކި ކުރުމުގެ މަސައްކަތް އެގައުމުގެ ގާނޫނު ހަދާ މަޖިލީހުން ފެށި ފަހުންނެވެ. އަދި މުގާބޭ އިސްތިއުފާ ދެއްވިއިރު އެގައުމުގެ ކޮންޓްރޯލް ވަނީ އަސްކަރިއްޔާގެ އަތްދަށަށް ވެސް ގެންގޮސްފައެވެ.