ކ. މާލެ
|
24 ނޮވެންބަރ 2017 | ހުކުރު 19:12
ބޫޓާނާއި ދެކޮޅަށް އޭޝިއަން ކަޕް ކޮލިފައިންގައި ނިކުތުމުގެ ކުރިން ހުޅަނގު އައްސޭރީގެ ޙިބްރޫންގައި ފަލަސްތީން ޓީމް ފޮޓޯއަކަށް ހުއްޓިގެން
ބޫޓާނާއި ދެކޮޅަށް އޭޝިއަން ކަޕް ކޮލިފައިންގައި ނިކުތުމުގެ ކުރިން ހުޅަނގު އައްސޭރީގެ ޙިބްރޫންގައި ފަލަސްތީން ޓީމް ފޮޓޯއަކަށް ހުއްޓިގެން
އޭއެފްޕީ
ފީފާ ރޭންކިން
ފީފާ ރޭންކިންގައި ފަލަސްތީނުން އިސްރާއީލް ފަހަތަށް ޖައްސާލައިފި
ފަލަސްތީނުން ވަނީ އޭޝިއަން ކަޕް ކޮލިފައިންގައި ދިވެހިރާއްޖެ 8 - 1 އިން ބަލިކޮށް، ބޫޓާން 10 - 0 އިން ބަލިކޮށްފައި

ފީފާ ރޭންކިންގައި ފަލަސްތީނުން އިސްރާއީލް ފަހަތަށް ޖައްސާލައިފިއެވެ. މިއީ ފީފާ ރޭންކިންގައި މިހާތަނަށް ފަލަސްތީނު މިހާ މައްޗަށް ޖެހުނު ފުރަތަމަ ފަހަރެވެ. ބުރާސްފަތި ދުވަހު އާއްމުކުރި ފީފާގެ އެންމެ ފަހުގެ ރޭންކިންގައި ފަލަސްތީން އޮތީ 82 ވަނައިގައެވެ. ކުރިން ފަލަސްތީން އޮތީ 84 ވަނައިގައެވެ. އަނެއްކޮޅުން އިސްރާއިލްވަނީ 16 ދަރަޖަ ފަހަތަށް ވެއްޓިފައެވެ. އިސްރާއީލް މިހާރު އޮތީ ފީފާ ރޭންކިންގެ 98 ވަނައިގައެވެ.

ފަހަކަށް އައިސް ފުޓުބޯޅައިގައި އިސްރާއީލް ޓީމު ދައްކަމުންދާ ދަށް ނަތީޖާތަކުގެ ސަބަބުން އެކަމުގެ ސަބަބު ދެނެގަތުމަށް އިސްރާއީލުގެ ކުޅިވަރާއި ބެހޭ ވަޒީރު ކޮމިޓީއެއް އެކުލަވާލައްވާފައިވާ ކަމަށް އިސްރާއީލުގެ ފުޓުބޯޅަ އެސޯސިއޭޝަނުން ބުނެއެވެ.

އިސްރާއީލުން ދަށް ނަތީޖާތަކެއް ނެރުނު ނަމަވެސް ފަލަސްތީނުން ގެންދަނީ ރަނގަޅު ނަތީޖާތަކެއް ނެރެމުންނެވެ. އެގޮތުން ދާދިފަހުން 10 – 0 އިން އޭޝިއަން ކަޕް ކޮލިފައިންގައި ބޫޓާން ބަލިކޮށްފައިވެއެވެ. އަދި 8 – 1 އިން ދިވެހިރާއްޖެވެސް ބަލިކޮށްފައިވެއެވެ. މިއަހަރުގެ މިހާތަނަށް ފަލަސްތީނުން ބައިނަލްއަޤްވާމީ 8 މެޗު ކުޅެފައިވާއިރު، އެއްވެސް މެޗަކުން ބަލިނުވެއެވެ. އަދި ލުބްނާނާއިއެކު 1 – 1 އިން އެއްވަރުވި މެޗު ފިޔަވައި ކޮންމެ މެޗަކުން ވަނީ މޮޅުވެފައެވެ.

އިސްރާއީލަށް ވުރެ ފީފާ ރޭންކިންގައި ފަލަސްތީނު ކުރިއަށް ޖެހުނުއިރު، އިސްރާއީލް ޓީމުތައް އިސްރާއީލުން ހިފާފައިވާ ފަލަސްތީނުގެ ބިންތަކުގައި ހަރަކާތްތެރިވާ މައްސަލައިގައި ފަލަސްތީނުން ވަނީ ފީފާއަށް މައްސަލަ ހުށަހަޅާފައެވެ. އެހެން ނަމަވެސް ބައިނަލްއަޤްވާމީ ފުޓުބޯޅައިގެ މައި އިދާރާ ފީފާއިން ވަނީ މިމައްސަލައިގެ ތެރެއަށް ނުވަނުމަށް ނިންމާފައެވެ.

ފަލަސްތީނަށް ފީފާގެ މެމްބަރުކަން ދިނީ 1998ވަނަ އަހަރުއެވެ. ފަލަސްތީނަކީ ފީފާއިން އޭއެފްސީ މެމްބަރެއް ކަމަށް ބެލި ނަމަވެސް، އިސްރާއީލް ބަލަނީ ޔުއޭފާ މެމްބަރެއްގެ ގޮތުގައެވެ.

- ކޮމެންޓް