ކ. މާލެ
|
24 ނޮވެންބަރ 2017 | ހުކުރު 15:26
ނަންގަގްވާ އަނބިކަނބަލުންނާ އެކު ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ސްޓޭޑިއަމަށް ވަޑައިގަންނަވަނީ
ނަންގަގްވާ އަނބިކަނބަލުންނާ އެކު ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ސްޓޭޑިއަމަށް ވަޑައިގަންނަވަނީ
އައިޓީވީ ސެންޓްރަލް
ޒިމްބާބްވޭ
ޒިމްބާބްވޭގެ ރައީސްކަމުގެ ހުވާ ނަންގަގްވާ ކުރައްވައިފި
ނަންގަގްވާއަކީ ޒިމްބާބްވޭގެ ކުރީގެ ނައިބު ރައީސް
ނައިބު ރައީސްކަމުގައި ހުންނަވަނިކޮށް ކުރީގެ ރައީސް މުގާބޭ، ނަންގަގްވާ މަޤާމުން ދުރުކުރެއްވީ ވެރިކަމަށް ޝައުޤުވެރިކަން ފާޅުކުރެއްވުމުން
70ގެ އަހަރުތަކުން ފެށިގެން މުގާބޭގެ އެންމެ އަރިސް ބޭފުޅަކީ ނަންގަގްވާ

ޒިމްބާބްވޭގެ ރައީސްކަމުގެ ހުވާ އެމަރސަން ނަންގަގްވާ ކުރައްވައިފިއެވެ.

ރޮބަޓް މުގާބޭގެ 37 އަހަރުވީ ވެރިކަން މިދިޔަ އަންގާރަ ދުވަހު ނިމުމަކަށް އައިސްފައެވެ. ނަންގަގްވާ މަޤާމުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު އޮތީ ވެރިރަށް ހަރާރޭގެ މައި ސްޓޭޑަމެއްގައެވެ. ހުވާކުރުމުގެ ރަސްމިއްޔާތަށް އައުމަށް ޒިމްބާބްވޭގެ ސަރުކާރުން އެޤައުމުގެ ރައްޔިތުންނަށް ގޮވާލުމުން ގިނަ އަދަދެއްގެ ބަޔަކު އެތަނަށް ޖަމާވިއެވެ. އަދި އެފްރިކާގެ އެހެން ބައެއް ޤައުމުތަކުގެ ވެރިން ވެސް އެރަސްމިއްޔާތަށް ވަޑައިގެންނެވިއެވެ.

ނަންގަގްވާއަށް މަޤާމުގެ ހުވައި ލައިދެއްވީ އުއްތަމަ ފަނޑިޔާރު ލޫކް މަލާބާއެވެ. ނަންގަގްވާ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރޮބަރޓް މުގާބޭ ވަޑައިގަންނަވާނެ ކަމަށް ބުރާސްފަތި ދުވަހު ޒިމްބާބްވޭގެ ޤައުމީ ޓީވީން ބުނި ނަމަވެސް، މުގާބޭ އެތަނަށް ވަޑައެއް ނުގަންނަވައެވެ. މުގާބޭގެ އާއިލާއިން ބުނީ މުގާބޭ އަރާމުކުރައްވަން ޖެހިވަޑައިގަންނަވާތީ ރަސްމިއްޔާތަށް ވަޑައިނުގެންނެވީ ކަމަށެވެ.

މުގާބޭގެ ވެރިކަން ނިމި، ނަންގަގްވާގެ ވެރިކަން މިއަދު ފެށިގެންދާއިރު، ޒިމްބާބްވޭގެ އިޤްތިޞާދު އޮތީ ވަރަށް ދަށް ޙާލަތެއްގައެވެ. އަދި އިޤްތިޞާދު ހަމަޔަކަށް އެޅުވުމަށް މަސައްކަތްތަކެއް ކުރުމަށް އައިއެމްއެފްއިން ވަނީ ޒިމްބާބްވޭއަށް ގޮވާލާފައެވެ. ނަންގަގްވާ ވެރިކަމަށް ވަޑައިގެންފައިވަނީ ޒިމްބާބްވޭގައި ވަޒީފާގެ ފުރުސަތުތަކެއް އުފައްދަވައި، އިޤްތިޞާދު ހަމަޔަކަށް އަޅުވާނެކަމުގެ ވައުދާ އެކުގައެވެ.

މުގާބޭގެ ވަރަށް އަރިސް ބޭފުޅެއްގެ ގޮތުގައި ހުންނެވި ނަންގަގްވާ މީގެ ދެހަފްތާއެއްހާ ދުވަސްކުރިއާ ހަމަޔަށް ހުންނެވީ ޒިމްބާބްވޭގެ ނާއިބު ރައީސްކަމުގެ މަޤާމުގައެވެ. އެހެން ނަމަވެސް ވެރިކަމަށް ވަޑައިގަތުމުގެ ޝައުޤުވެރިކަން ނަންގަގްވާ ފާޅުކުރެއްވުމާ އެކު، ވެރިކަމަށް ކުރިން ޝައުޤުވެރިކަން ފާޅުކުރައްވާފައިވާ މުގާބޭގެ އަނބިކަނބަލުން ގްރޭސް މުގާބޭއާ ދެމެދު ޚިޔާލު ތަފާތުވެ، މުގާބޭ ވަނީ ނަންގަގްވާ މަޤާމުން ދުރުކުރައްވާފައެވެ. އޭގެ ފަހުން ނަންގަގްވާ އަށް ވަފާތެރި ޒިމްބާބްވޭގެ އަސްކަރިއްޔާއިން މުގާބޭ ގޭގައި ބަންދުކުރައްވައި، އަރިސް ބައެއް ވަޒީރުން ހައްޔަރުކުރިއެވެ. އަދި ވެރިކަންކުރާ ޒާނޫ-ޕީއެފް ޕާޓީން، އެޕާޓީގެ ވެރިކަމުން މުގާބޭ ދުރުކޮށް، ގްރޭސް މުގާބޭ ޕާޓީގެ މެމްބަރުކަމުން ވަކިކުރިއެވެ.

މުގާބޭ އަށް ރައީސްކަމުން އިސްތިއުފާ ދިނުމަށް ޒާނޫ-ޕީއެފް ޕާޓީން މުހުލަތެއް ދިން ނަމަވެސް އިސްތިއުފާ ދެއްވުމަށް ދެކޮޅު ހެއްދެވިއެވެ. އަދި އެންމެ ފަހުން މިދިޔަ އަންގާރަ ދުވަހު މަޤާމުން އިސްތިއުފާ ދެއްވީ މުގާބޭގެ އިތުބާރު ނެތްކަމުގެ މައްސަލަ ޤާނޫން ހަދާ މަޖިލީހުގައި ފެށުމާ އެކުގައެވެ.

ނަންގަގްވާ މަޤާމުގެ ހުވާކުރެއްވުމާއި ގުޅިގެން ޒިމްބާބްވޭގައި ދަނީ އުފާފާޅުކުރަމުންނެވެ.

- ކޮމެންޓް