ކ. މާލެ
|
24 ނޮވެންބަރ 2017 | ހުކުރު 11:25
ބްރެޒިލްގެ ތަރި ރޮބީނިއޯ
ބްރެޒިލްގެ ތަރި ރޮބީނިއޯ
ގެޓީ އިމޭޖަސް
ރޮބީނިއޯގެ ޖަލުހުކުމް
ބްރެޒިލްގެ ތަރި ރޮބީނިއޯ ނުވަ އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފި
ރޮބީނިއޯ އަށް ޖަލު ހުކުމެއް އިއްވާފައި ވަނީ އަންހެނަކަށް ޖިންސީ ގޯނާކުރިކަމުގެ ކުށް ސާބިތުވުމުން

ބްރެޒިލްގެ ތަރި ރޮބީނިއޯ ނުވަ އަހަރަށް ޖަލަށް ލުމަށް އިޓަލީގެ ކޯޓަކުން ހުކުމްކޮށްފި ކަމަށް އެގައުމުގެ ސްޓޭޓް ނިއުސް އެޖެންސީން ބުނެފިއެވެ.

މީގެ ކުރިން އޭސީ މިލާން އަދި މެންޗެސްޓާ ސިޓީއަށް ވެސް ކުޅުނު ރޮބީނިއޯ އަށް ނުވަ އަހަރުގެ ޖަލު ހުކުމެއް އިއްވާފައި ވަނީ އަންހެނަކަށް ޖިންސީ ގޯނާކުރިކަމުގެ ކުށް ސާބިތުވުމުންނެވެ.

ހަ މީހުން ހިމެނޭ ގްރޫޕަކުން 2013 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 2 ވަނަ ދުވަހު އިޓަލީގެ ނައިޓް ކްލަބެއް ތެރެއިން 22 އަހަރުގެ އަންހެނަކަށް ޖިންސީ ގޯނާކުރި ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައިގައި ރޮބީނިއޯ ވެސް ހިމެނެއެވެ.  

އުމުރުން މިހާރު 33 އަހަރުގެ ރޮބީނިއޯ ވަނީ 2010 ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރުގެ ނިޔަލަށް އިޓަލީގެ އޭސީ މިލާނަށް ކުޅެފައެވެ. އޭނާ މިހާރު ބްރެޒިލްގެ އެޓްލެޓިކޯ މިނެރޯއަށް ކުޅެމުން އަންނައިރު، އެންމެ ފަހުން އޭނާ ގައުމީ ޓީމަށް ކުޅެފައި ވަނީ މި އަހަރު ޖެނުއަރީ މަހު ކޮލަމްބިއާއާ ދެކޮޅަށް ބްރެޒިލް ކުޅުނު މެޗުގައެވެ.

އިޓަލީގެ ކޯޓަކުން ރޮބީނިއޯ ނުވަ އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފައިވާއިރު، އޭނާ މިހާރު ދިރިއުޅެމުން އަންނަނީ އޭނާގެ އުފަން ގައުމު ބްރެޒިލްގައެވެ. އެގޮތުން އޭނާ އަށް މި ހުކުމް ތަންފީޒުކުރުމަކީ ވަރަށް ނާދިރުކަމެކެވެ.

ބްރެޒިލްގެ ގާނޫނު ބުނާ ގޮތުން އެހެން ގައުމަކުން އެ ގައުމުގެ ރައްޔިތަކަށް އެއްވެސް ކަހަލަ ހުކުމެއް ކޮށްފި ނަމަ، އެ މީހަކަށް ގައުމު ދޫކޮށް ދިޔުމަށް އަމުރެއް ނުކުރެވެއެވެ. އަދި އެ މީހަކު ބަންދުކޮށް ހުކުމް ތަންފީޒުކުރުމުގެ އިހްތިޔާރެއް ވެސް ލިބިގެނެއް ނުވެއެވެ.

މިކަމާ ގުޅިގެން ރޮބީނިއޯގެ ފަރާތުން ނެރުނު ބަޔާނެއްގައި ބުނީ، އެކަމަކީ އަހަރުތަކެއް ކުރިން ހިނގި ކަމެއް ކަމަށާއި، އެކަމަށް ރޮބީނިއޯ ވަނީ ތަކުރާރުކޮށް އިންކާރުކޮށްފައި ކަމަށެވެ.

- ކޮމެންޓް